ގައުމިއްޔަތަށް އޭގެ ޙައްގު މަގާމު ހޯދައިދިނުމަކީ މިނިވަންކަން ދަމަހައްޓަން ކުރެވޭނެ އެންމެ މުހިންމު މަސައްކަތް: ހީނާ

ގައުމިއްޔަތަށް އޭގެ ޙައްގު މަގާމު ހޯދައިދިނުމަކީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތް ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ. މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދިވެހިވަންތަކަން ކުރިއެރުވުމުގެ ސިޔާސަތެއް ތަންފީޒުކުރަން ޖެހިފައިވަނީ ގައުމުގެ އަދުގެ ހާލަތު އެކަމަށް ގޮވާލާތީ ކަމަށާއި، މި ސިޔާސަތުގެ މަގުސަދަކީ ދިވެހިންގެ ހިތްތަކުގައި ގައުމާ މެދު އަޒުމާއި ހަގީގަތް އަށަގަންނުވައި އެކަން ދެމެހެއްޓުން ކަމަށެވެ. ވަޒީރު ހީނާ ފާހަގަކުރެއްވި ގޮތުގައި، މިނިވަންކަން ދެމެހެއްޓުނު އަސްލާއި ސިއްރަކީ ޖީލުން ޖީލަށް އަމާނާތްތެރިކަމާއެކު ވާރުތަކުރި މިނިވަން ފިކުރެވެ. އަދި މިނިވަންކަން ދެމެހެއްޓޭނީ ދިވެހިވަންތަކަމާއި ސަގާފަތް ނެގެހެއްޓިގެން ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހިންނަކީ މުސްތަގިއްލު ބައެއްގެ ގޮތުގައި ދުނިޔޭގެ ކުރިމައްޗަށް ނުކުންނައިރު، އެކަން ބަލައިގަންނަ ބަލައިގަތުމުގެ އެންމެ ވަރުގަދަ ހުއްޖަތަކީ ރާއްޖޭގެ މުއްސަނދި ސަގާފަތާއި އަމިއްލަވަންތަކަން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. "މި މުނާސަބަތު ފާހަގަކުރެވޭއިރު އިހުސާސްވާ އެންމެ ބޮޑު އެއް އުފަލަކީ، އަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ، މިނިވަންކަން ހިމާޔަތްކުރެއްވުމާއި ގައުމިއްޔަތު އާލާކޮށް ދެމެހެއްޓުމުގެ ވައުދަކާއެކު އިންތިޚާބުވެ ވަޑައިގަތް ރައީސަކުކަމުގައި ވާކަން،" ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވިއެވެ. އަދި މި ވައުފުތަކާ އެކު ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމުން ކަށަވަރުކޮށްދެނީ މި ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް މި ސަރުކާރުން ދޭ އިސްކަން ކަމަށްވެސް ހީނާ ވިދާޅުވިއެވެ. ތާރީޚީ ހާދިސާތަކަށް ރިއާޔަތްކުރައްވައި ވަޒީރު ވިދާޅުވީ، މިނިވަންކަމަށް ބުރޫއެރި ކޮންމެ ފަހަރަކު އޭގެ ފަހަތުގައި ދިވެހިންގެ ބަޔަކު ހިމެނޭކަން ތާރީޚުން ކަށަވަރުވާ ކަމަށެވެ. އެގޮތުން އަލިރަސްގެފާނު މައިދާނަށް ދޫކޮށްލުމާއި، ޙަސަންތާޖުއްދީނުގެ ދެ ދަރިކަލުންގެ ޚިޔާނާތް ފަދަ ކަންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ގައުމީ މިނިވަންކަން ނެގެހެއްޓުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާކަން ވަޒީރު ހަނދާންކޮށްދެއްވިއެވެ. ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ އެއްބައިވަންތަކަމަށް އިލްތިމާސްކުރައްވަމުންނެވެ. އެގޮތުން ދިވެހިވަންތަކަމަކީ މި ގައުމުގެ އެންމެން ގުޅުވައިދޭ ވާފަށެއް ކަމަށާއި އެއީ އެކަމުގައި އެއްވެސް ޚިލާފެއް ނެތް އަސާސެއް ކަމަށް ހިނާ ވިދާޅުވިއެވެ. އެފަދައިން ވިދާޅުވެ، ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެންމެން އެއްބައިވަންތަވުމަށް ވަޒީރު ހީނާ ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ