ވެބް ކޮންޓެންޓްތަކުގައި މަސައްކަތްކުރަނީ އެއިން ރަނގަޅު އާމްދަނީއެއް ލިބޭތީ: އާދިލް

ފިލްމު "އިންގްލިޝް ވިންގްލިޝް" އަދި "ލައިފް އޮފް ޕައި"ގެ މުހިއްމު ރޯލަކުން ފެނުނު އިންޑިއާގެ އެކްޓަރު އާދިލް ހުސައިން މިފަހަކަށް އައިސް ޑިޖިޓަލް ކޮންޓެންޓްތަކަށް އިސްކަންދެނީ އެއިން ރަނގަޅު އާމްދަނީއެއް ލިބޭތީ ކަމަށް ބުނެފިއެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ 'ސްކްރީން'އަށް ދިން އިންޓަވިއުއެއްގައި އާދިލް ބުނީ، އެކި ބަސްބަހުންނާއި، އެކި ގައުމުތަކުގެ އިތުރުން އޯޓީޓީ ޕްލެޓްފޯމްތަކުން މެދުނުކެނޑި ލިބޭ ފުރުސަތުތަކުގެ ސަބަބުން އޭނާގެ މާލީ ހާލަތު މިހާރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ. އެހެންކަމުން، ބޮޑު އާމްދަނީއެއް ލިބުނު ކަމުގައިވިޔަސް، އޭނާ ގަބޫލުކުރާ އަޚްލާގީ އުސޫލުތަކާ ފުށުއަރާ ބޮޑެތި ފިލްމުތަކަށް "ނޫނެކޭ" ބުނުމުގެ ގާބިލުކަން މިހާރު ލިބިފައިވާ ކަމަށް އާދިލް ވަނީ ބުނެފައެވެ. އާދިލްގެ ކުރިއަށްހުރި ބައެއް ވެބް ސީރީޒްތަކުގެތެރޭ، ނެޓްފްލިކްސްއިން ގެނެސްދޭ "އޮޕަރޭޝަން ސަފޭދު ސާގަރު" އަދި މިދިޔަ ހުކުރު ދުވަހު ޕްރީމިއާކުރި "މުސާފިރު ކެފޭ" އެ ދެ ސީރީޒްއިން އެކަނިވެސް ވަރަށް ރަނގަޅު އާމްދަނީއެއް ލިބުނުކަން އޭނާ ފާހަގަކުރިއެވެ. ފިލްމު "އިންގްލިޝް ވިންގްލިޝް"ގެ މަންޒަރެއްގައި އާދިލް ކުރީގެ ބަތަލާ ސްރީދޭވީއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ނެޝަނަލް އެވޯޑުވެސް ކާމިޔާބުކޮށްފައިވާ އެކްޓަރު ބުނި ގޮތުގައި ޑިޖިޓަލް ޕްލެޓްފޯމްތަކުން ލިބޭ އާމްދަނީ އަކީ، ފަހަރުގައި އެހެން މީހުންނާ އަޅާބަލާއިރު ކުޑަ މިންވަރަކަށް ވެދާނެއެވެ. އެހެންނަމަވެސް އޭނާގެ ދިރިއުޅުން ބައްޓަންކޮށްފައި ވަނީ އެ މިންވަރުން ފުދޭ ގޮތަކަށް ކަމަށްވާތީ އެކަމާ އުފާކުރާ ކަމަށް އާދިލް ބުނެފައިވެއެވެ. މީގެ ކުރިން 'އޭޕީ ޕޮޑްކާސްޓް'ގައި ވާހަކަދައްކަމުން އާދިލް އިއުތިރާފުވި ގޮތުގައި، ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ފިލްމު "ކަބީރު ސިންގް" ކުޅެން އޭނާ އެއްބަސްވީ ސްކްރިޕްޓް ކިޔާލުމެއް ނެތިއެވެ. އަދި ފަހުން އެކަމާ ވަރަށް ބޮޑަށް ހިތާމަކުރި ކަމަށާއި އެ ފިލްމަކީ އަންހެނުންނަށް އިހާނެތިކޮށް ހިތާ، އަނިޔާވެރިކަން އިސްކުރާ ފިލްމެއްގެ ގޮތުގައި އާދިލް ވަނީ ސިފަކޮށްފައެވެ. ސިނަމާގައި އެ ފިލްމު ބަލަން އިނދެފައި 20 މިނެޓު ނުވަނީސް އޭނާ ނުކުމެގެން ދިޔަ ކަމަށާއި އަދި އޭނާގެ އަންހެނުން އެ ފިލްމު ބަލައިފިނަމަ އޭނާ ލަދުގަންނާނެ ކަމަށް ވެސް އާދިލް އޭރު ބުނެފައިވެއެވެ. މީގެ އިތުރުން، 100 ނުވަތަ 200 ކްރޯޑް ރުޕީސް ދިން ކަމުގައިވިޔަސް، ވަންގާގެ 'އެނިމަލް' ފަދަ ފިލްމެއް ދުވަހަކުވެސް ނުކުޅޭނެ ކަމަށް އާދިލް ވަނީ ބުނެފައެވެ. އާދިލް މުހިއްމު ރޯލްތަކެއް ކުޅުނު މަގުބޫލު ފިލްމުތަކުގެތެރޭ، "ކަމީނޭ"، "އިޝްގިޔާ"، "ލޫޓޭރާ" އަދި "ގުޑް ނިއުސް" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ