އިނގިރޭސި ބޭސްތަކަށް އީރާނުން ހަމަލާދީފިނަަމަ އަމިއްލަ ދިފާއުގައި ތައްޔާރަށް ތިބި ކަމަށް އެ ގައުމުން ބުނެފި

އެމެރިކާއިން ބޭނުންކުރާ އިނގިރޭސިވިލާތުގެ މަރުކަޒުތަކުން އީރާނަށް ހަމަލާދީފިނަމަ، ދިފާއު ވުމަށް ތައްޔާރަށް ތިބި ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ. އެ ގައުމުން އެގޮތަށް ބުނީ އެމެރިކާއިން އީރާނާ ކުރާ ހަނގުރާމައިގައި އެއްވެސް ގޮތަކުން ބައިވެރިވެއްޖެނަމަ، އިނގިރޭސި ވިލާތް އީރާނުގެ އަމާޒަކަށް ވާނެ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިޔުޝަނަރީ ގާޑް ކޯޕްސް، އައިއާރްޖީސީގެ ތަރުޖަމާނަކު ވިދާޅުވުމާ ގުޅިގެންނެވެ. އެމެރިކާގެ މުވައްޒަފުންނާއި މަތިންދާބޯޓުތައް ހޯސްޓްކުރާ އިނގިރޭސި ބޭސްތަކުން "ޑިފެންސިވް" އޮޕަރޭޝަންތައް ފެށުމުގެ ހުއްދަ އިނގިރޭސިވިލާތުން ދީފައި އޮތް ނަމަވެސް، އީރާނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގައި އެމެރިކާއަށް އެއްބާރުލުން ދިނުމަށް އެ ގައުުމުން ވަނީ ދެކޮޅު ހަދާފައެވެ. އެކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ކޭއާ ސްޓާމާއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތަކުރާރުކޮށް ފާޑުވިދާޅުވެފައެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނި ގޮތުގައި އިނގިރޭސިވިލާތަކީ އެމެރިކާގެ ހަނގުރާމައިގެ ބައިވެރިއެކެވެ. އެމެރިކާއަށް އަސްކަރީ ގޮތުން ތާއީދުކުރާ ކޮންމެ ގައުމަކަށްވެސް އެކަމުގެ ނަތީޖާއާއި އަސަރު ކުރާނެ ކަމަށް އައިއާރުޖީސީގެ އަސްކަރީ ގޮފިން ވަނީ ބުނެފައެވެ. އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެކޮޅަށް މާޗް މަހު ހަނގުރާމަ ފެށި ފަހުން ގަލްފުގެ ގައުމުތަކަށާއި ހުރްމުޒް ކަނޑުއޮޅިން ދަތުރުުކުރާ އުޅަނދުތަކަށް ހަމަލާ ދިނުމަށް އީރާނުން ބޭނުންކުރާ އަސްކަރީ ތަންނަތަނަށް ހަމަލާ ދިނުމަށް އިނގިރޭސިވިލާތުގެ ގްލޯސްޓާޝަޔާގެ އާރްއޭއެފް ފެއާފޯޑް އަދި އިންޑިއާ ކަނޑުގެ ޑިއޭގޯ ގާސިއާ ފަދަ އަސްކަރީ މަރުކަޒުތައް ބޭނުން ކުރަން އެމެރިކާއަށް ހުއްދަ ދިނެވެ. އެ ސިޔާސަތަށް ބަދަލެއް ނުގެނެސް އާ ބޮޑުވަޒީރު އެންޑީ ބާންހަމް ވަނީ އެމެރިކާއާއެކު ވެފައިވާ އެއްބަސްވުން އިތުރުކުރުމަށް ގޮތެއް ނިންމާފައިވާކަން މިދިޔަ ހަފުތާ އަންގާފައެވެ. އައިއާރުޖީސީއާ ގުޅުން ހުރި ތަސްނީމް ނިއުސް އެޖެންސީގައި ޖުލައި 23 ވަނަ ދުވަހު ޝާއިއުކުރި ބަޔާނެއްގައި އައިއާރްޖިސީން ބުނެފައި ވަނީ އެމެރިކާގެ ހަމަލާތައް މީގެ ދެ ދުވަސް ކުރިން އާރުއޭއެފް ފެއާފޯޑުން ފަށާފައިވާ ކަމަށެވެ. މި ހަފުތާގައި އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގި އޮޕަރޭޝަންތަކަށް އެ ބޭސް ބޭނުންކުރި ކަމާމެދު އިނގިރޭސިވިލާތުގެ ދިފާއީ ވުޒާރާއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އީރާނުގެ އިންޒާރުތަކަށް ރައްދު ދެއްވަމުން އިނގިރޭސިވިލާތުގެ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ހަތިޔާރު އެޅި ސިފައިން ތިބީ އެ ގައުމުގެ ބިމުގައި ވިޔަސް އަދި އެ ގައުމުން ބޭރުގައިވިޔަސް ކޮންމެ ކަހަލަ ހަމަލާއަކުންވެސް އިނގިރޭސިވިލާތް ރައްކާތެރި ކުރުމަށް 24 ގަޑިއިރު ތައްޔާރަށް އޮތް ކަމަށެވެ. "މީގެ ތެރޭގައި ރޯޔަލް ނޭވީ، އިނގިރޭސި ސިފައިން އަދި ރޯޔަލް އެއާފޯސްގެ އެސެޓްތަކުން ފޯރުކޮށްދޭ ވައިގެ އަދި މިސައިލް ޑިފެންސް އަށް ލޭޔާޑް އެޕްރޯޗެއް އޮޕަރޭޓްކޮށްގެން، އަޅުގަނޑުމެންގެ ނޭޓޯގެ އެކުވެރިންނާ ގާތުން މަސައްކަތް ކުރުން ހިމެނޭ." "އިނގިރޭސިވިލާތުން މި ހަމަނުޖެހުންތަކާ މެދު ގެންގުޅޭ އުސޫލު އަދިވެސް އޮތީ ހަމަ އެގޮތުގައި.އަޅުގަނޑުމެން ވައުދުވަނީ އަޅުގަނޑުމެންގެ ރައްޔިތުންނާއި އަޅުގަނޑުމެންގެ މަސްލަހަތު އަދި އަޅުގަނޑުމެންގެ އެކުވެރިން ދިފާއުކޮށް، ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް އަމަލުކޮށް، ހަމަނުޖެހުމުގެ ތެރެއަށް ނުވަނުން." ހަނގުރާމަ ފެށިތާ ދުވަސްތަކެއް ފަހުން ލަންޑަނުގައި ހުންނަވާ އީރާނުގެ ސަފީރު ސައީދު އަލީ މޫސާވީ ވިދާޅުވީ އިނގިރޭސިވިލާތް ހަނގުރާމައާ ގުޅިއްޖެނަމަ "އަމިއްލަ ދިފާއު ކުރުމުގެ ހައްގު" އީރާނަށް ލިބިގެންދާނެ ކަމަށާއި ބައިވެރިވުމުގައި "ވަރަށް ސަމާލުވާން" ޖެހޭ ކަމަށެވެ. މާޗް މަހުގެ 19 ވަނަ ދުވަހު އީރާނުން ޗާގޯސް އައިލެންޑްސްގައި ހުންނަ އިނގިރޭސިވިލާތުގެ ޑިއޭގޯ ގާސިއާ ބޭސްއަށް ދެ ބެލިސްޓިކް މިސައިލް ހަމަލާ ދީފައިވާ ކަމަށް މިޑިއާ ރިޕޯޓުތައް ބުނެފައިވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެއް ބޯޓު އުދުހުމުގެ މެދުތެރެއިން ވެއްޓިފައިވާއިރު، އަނެއް ބޯޓު ވައްޓާލީ އެމެރިކާގެ ހަނގުރާމަ މަނަވަރަކުންނެވެ. އޭރު ޝައްކު އުފެދުނީ އީރާނާ ގާތްގަނޑަކަށް 2،360 މޭލު (3،600 ކިލޯމީޓަރު) ދުރުގައި އޮންނަ ޖަޒީރާތަކަށް ވާސިލްވުމުގެ ގާބިލްކަން ހުރި މިސައިލް އީރާނުގައި ހުރިތޯއެވެ. ހަމަ އެ މަހު އިސްރާއީލުން ވަނީ އީރާނުގައި 4،000 ކިލޯމީޓަރު (2،485 މޭލު) އަށް ފޮނުވޭ މިސައިލްތައް ހުރި ކަމަށެވެ. ނަމަވެސް އޭރުގެ ހައުސިން ސެކްރެޓަރީ ސްޓީވް ރީޑް ބީބީސީ ނިއުސްއަށް އޭރު ވިދާޅުވީ އީރާނުން އިނގިރޭސިވިލާތަށް އަމާޒުކޮށް ހަމަލާ ދިން ކަމެއް ނުވަތަ ބޭނުންވެއްޖެނަމަ ދެވިދާނެ ކަމާ ގުޅޭ މާބޮޑު ހޯދުންތަކެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ