ހާރިޖީ ގޮތުން ސުލްހައިގެ މަސައްކަތްތައް ކުރިއަށްދާއިރު، އެމެރިކާއާ އެކު ކުރެވޭ މަޝްވަރާތަކާ ގުޅޭ ހަބަރުތައް ގެނެސްދޭ ގޮތާ މެދު އީރާނުގެ ސަރުކާރާއި ދައުލަތުގެ ބްރޯޑްކާސްޓަރު، އައިއާރުއައިބީއާ ދެމެދު ބޮޑު ހިޔާލު ތަފާތުވުމެއް އުފެދި، އެތެރޭގެ ބައިބައިވުންތައް ފެންމަތިވެއްޖެ އެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ދެއްވި ތަގުރީރެއްގައި، ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އާންމުކޮށް މަޝްވަރާތަކާ ދެކޮޅު ހެއްދެވި ނަމަވެސް ސިއްރިއްޔާތުގައި ވޮޝިންޓަނާ އެކު މަޝްވަރާކުރުމުގެ ހުއްދަ ދެއްވާފައިވާކަން ހާމަކުރެއްވި ބައި އައިއާރުއައިބީން އުނިކުރުމާ ގުޅިގެން، އީރާން ސަރުކާރުގެ ގަވަމަންޓް އިންފޮމޭޝަން ކައުންސިލުން ވަނީ އެ ޓީވީން "ސެންސަރުކުރާ" ކަމަށް ތުހުމަތުކޮށްފަ އެވެ.
"އަޅުގަނޑުމެން ދިޔައީ ލޯބިވާ ލީޑަރުގެ އަރިހަށް. އެ މަނިކުފާނު އަމުރުކުރެއްވީ މަޝްވަރާތަކަށް ދިއުމަށް. އަޅުގަނޑުމެން މަޝްވަރާތައް ފެށީ އެ މަނިކުފާނުގެ އަމުރުފުޅުގެ މައްޗަށް ބިނާކޮށް،" ތަގުރީރުގައި ޕެޒެޝްކިއަން ވިދާޅުވި އެވެ.
އައިއާރުއައިބީން ވަނީ ސަރުކާރުގެ ތުހުމަތުތައް ދޮގުކޮށް، އެތަނުގެ ޒިންމާއަކީ ގައުމުގެ ލީޑަޝިޕްގެ ތެރޭގައި ދެބަސްވުމެއް އޮތްކަން ދެއްކުމަށް ކުރެވޭ ނުބައި އަދި ހަގީގަތާ ހިލާފު ހީކުރުންތައް ހުއްޓުވުން ކަމަށް ބުނެ، ސަރުކާރުން ގައުމީ އެއްބައިވަންތަކަން ގެއްލުވާލަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.
ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވެސް ވަނީ އެ ބްރޯޑްކާސްޓަރަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެމެރިކާގެ މީޑިއާތަކަށް އީރާނުގެ ދިފާއުގައި އޭނާ ދެއްވި އިންޓަވިއުތައް ވެސް ދައުލަތުގެ ޓީވީން އުނިކޮށްފައިވާ ކަމަށެވެ.
މި ނުތަނަވަސްކަން އައިސްފައިވަނީ، އެމެރިކާ އަދި އީރާނާ ދެމެދު ހަނގުރާމަ ކުރިއަށްދާއިރު، ތެހެރާނާއި ވޮޝިންޓަނާ ދެމެދު ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް މެދުވެރިން މަސައްކަތްކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
ރައީސްގެ ހިތޯބެއްގެ ބައެއް ސެންސަރުކުރި ކަމަށް ބުނެ އީރާން ސަރުކާރާއި ދައުލަތުގެ ޓީވީއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ