މިނިވަންކަން ދެމެހެއްޓުމަށް ގައުމީ ލޯބި އިސްކޮށް، ޒުވާނުންގެ ގާބިލުކަން އިތުރުކުރަންޖެހޭ: މުއިއްޒު

ކާބަފައިން ފުރާނަދީގެން ހޯދައިދިން މިނިވަންކަން ދެމެހެއްޓުމަށްޓަކައި ގައުމީ ލޯބި އިސްކޮށް، ޒުވާނުންގެ ގާބިލުކަން އިތުރުކުރުމަށް ރައީސް މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.
މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވަނީ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވައި، މިނިވަންކަމުގެ ކާމިޔާބީއަށްޓަކައި ގުރުބާންވި ބަތޮލުންނަށް ހެޔޮދުއާ ރައްދުކުރައްވާފަ އެވެ.
މުއިއްޒު ވިދާޅުވީ މިއަދު އަޅުގަނޑުމެންނަށް އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ، ކާބަފައިން ފުރާނަދީގެން ހޯދި މިނިވަންކަން ދެމެހެއްޓުން ކަމަށެވެ. އެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ގައުމީ ލޯބި އިސްކުރުމާއި، ޒުވާނުންގެ ގާބިލުކަން އިތުރުކުރުމަށާއި، އަމިއްލަވަންތަކަމަށް އޮތް ފަހުރުވެރިކަން ދެމެހެއްޓުމުގެ އިތުރުން މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުން އިންތިހާއަށް ބޭނުންވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"‏އެހެންކަމުން މިނިވަން ދުވަހުގެ މުނާސަބަތުގައި މި ސިފަތަކުން ސިފަ ލިބިގަނެ މިނިވަންކަމާއެކު ޤައުމާއިގެން ކުރިއަށް ދިއުމަށް އިލްތިމާސްކުރަން. ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން،" މުއިއްޒުގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 26 ވަނަ ދުވަސް މިނިވަން ދުވަސްގެ ގޮތުގައި ފާހަގަކުރަނީ، އިނގިރޭސިންގެ އިސްތިއުމާރީ ހިމާޔަތުގެ ދަށުން ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު ތާރީހީ މުނާސަބަތުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދާއި މާދަމާއަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ވަނީ ހަމަޖައްސަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ