ބްރެޒިލުން އޮކްޓޫބަރު މަހު ކަލްކަތާގައި މެޗެއް ކުޅެނީ

ކަލްކަތާ، އިންޑިއާ (ޖުލައި 26) - ފަސް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލުން އަންނަ އޮކްޓޫބަރު މަހު އިންޑިއާގެ ކަލްކަތާގައި މެޗެއް ކުޅުމަށްޓަކައި މަޝްވަރާކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 
އެ ގޮތުން، ސެޕްޓެމްބަރު މަހުގެ ދިގު ފީފާ ބްރޭކް (ސެޕްޓެމްބަރު 21 އިން އޮކްޓޫބަރު 6 އަށް) ގެ ތެރޭގައި ބްރެޒިލުން ކުޅޭ ފުރަތަމަ ދެ މެޗު އޮތީ އޮސްޓްރޭލިއާގަ އެވެ. އެއީ، ސެޕްޓެމްބަރު މަހު 25 ވަނަ ދުވަހު ޓައުންސްވިލްގައި އަދި އޭގެ ހަތަރު ދުވަސް ފަހުން، ބްރިސްބޭންގަ އެވެ. 
MU STORE
Enterprise Development Industrial Pvt Ltd
MU STORE
އެ ދެ މެޗަށް ފަހު، ދެން ބްރެޒިލުން ކުޅޭ މެޗު ކަލްކަތާގައި ރޭވުމަަށްޓަކައި، މަޝްވަރާތަކެއް ކުރެވެމުން އަންނައިރު، އެ މެޗުގައި ބްރެޒިލާ ދެކޮޅަށް ކުޅޭނެ ގައުމަކާއި މެޗު އޮންނާނެ ތާރީހެއް ކަނޑައަޅާނީ އެހެނިހެން ކަންކަން ހަމަޖެހިގެން ދިއުމުންނެވެ. 
ރިޕޯޓްތައް ބުނާގޮތުގައި، އޮކްޓޫބަރު މަހުގެ ކުރީކޮޅަށް ރާވާ މި މެޗު، ބަންގްލަދޭޝް، ސިިންގަޕޫރު އަދި ގަތަރުގައި ކުޅެން ވެސް މީގެ ކުރިން މަޝްވަރާކުރި އެވެ. އެކަމަކު، މިހާތަނަށް ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނާ އެކު، އެންމެ ރަނގަޅަށް ވާހަަކަތައް ދެކެވިފައިވަނީ، އިންޑިއާގެ އޮގަނައިޒަރުންނާ އެކުގަ އެވެ. 
އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން އަންނަނީ ކަލްކަތާގައި ބްރެޒިލުން ކުޅޭ މެޗު އިންޑިއާ ގައުމީ ޓީމާ އެކު ކުޅެވޭތޯ މަސައްކަތް ކުރަމުންނެވެ. 
މީގެ ކުރިން، ކަލްކަތާގައި ބްރެޒިލްގެ ލެޖެންޑަރީ ފުޓްބޯޅަ ތަރި ޕެލޭ ވަނީ ކުޅެފަ އެވެ. ބްރެޒިލަށް މަރުދޭ ގިނަ ސަޕޯޓަރުންނެއް އިންޑިއާގައި އުޅޭއިރު، ޕެލޭ އިންޑިއާގެ އެޑެން ގާޑެންސްގައި ކުޅެފައިވަނީ، ކްލަބް މެޗެކެވެ. އެއީ، އެމެރިކާގެ ނިއުޔޯކް ކޮސްމޯސް އަށް 1977 ވަނަ އަހަރު ޕެލޭ ކުޅުނުއިރު، އިންޑިއާ އަށް ކުރި ދަތުރެއްގައި މޯހަން ބަގާންއާ ދެކޮޅަށެވެ. 
އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕުން ބްރެޒިލް ކެޓީ ގަދަ 16 ބުރުގައި ނޯވޭ އަތުންނެވެ. މިއީ، 1990 ވަނަ އަހަރުގެ ފަހުން، ކުއާޓާގެ ކުރިން ބްރެޒިލް ވޯލްޑް ކަޕަކުން ކެޓި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ