ޕީޕީއެމަކީ އެންމެ ޑިމޮކްރެޓިކް ޕާޓީ: މައުމޫން

ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޯލީޝަނުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، ޕީޕީއެމްއަކީ ރާއްޖޭގައި އެންމެ ބޮޑު ޑިމޮކްރެޓިކް ކޮށް ހިންގާ ޕާޓީ ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އިއްޔެއާއި އޭގެ ކުރީ ދުވަހު ޕީޕީއެމުން ކުރިއަށް ގެންދިޔަ ޕްރައިމަރީ ތަކާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް މައުމޫންގެ ޓްވީޓުގައި ވިދާޅުވީ ފާއިތުވެދިޔަ ދެ ދުވަހު ޕީޕީއެމުން 32 ދާއިރާއެއްގެ ޕްރައިމަރީ ކުރިއަށް ގެންގޮސްފައިވަނީ އޮމާންކަމާއެކު އަދި ކާމިޔާބުކަމާއެކު ކަމަށެވެ. އަދި އެކަމަކީ ފަހަރުވެރިވެވަޑައިގަންނަވާ ކަމެއް ކަމަށާއި ޕީޕީއެމަކީ މިވަގުތު ރާއްޖޭގައި ހިންގާ އެންމެ ޑިމޮކްރެޓިކް ޕާޓީކަން އެކަމުން ދޭހަވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕްރައިމަރީތައް މާލެއާއި އަތޮޅު ތެރޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދިޔައިރު ކޮންމެވެސް ވަރެއްގެ ޝަކުވާތަކެއް ހުށަހެޅުނު ނަމަވެސް ޖުމްލަކޮށް ޕްރައިމަރީގެ ހުރިހާ ކަމެއް ވެސް ދިޔައީ އޮމާންކަމާއެކު އެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ލިބޭނެ ފަރާތްތައް މިހާރު ވަނީ ކަނޑައެޅި ޔަގީންވެފަ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމުން 50 ދާއިރާ އަކަށް ވާދަކުރެ އެވެ. އޭގެ ތެރެއިން ބައެއް ދާއިރާތަކަށް ވާދަކުރައްވާ ބައެއް ބޭފުޅުންނަށް ޓިކެޓް ދީފައިވަނީ ޕްރައިމަރީއަކާ ނުލަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ ކުރިއަށް އޮތް މާޗް މަހުގެ 22 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ