ނިއު ޖާޒީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 14) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބްރެޒިލުން ކުޅުނު ފުރަތަމަ މެޗުގައި އެފްރިކާގެ ޗެމްޕިއަން މޮރޮކޯއާ 1-1 އިން އެއްވަރުވެއްޖެ އެވެ.
އެންމެ ފަހުން، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު، ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި މޮރޮކޯ އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ބްރެޒިލް ކައިރިން ރަނގަޅު ކުޅުމެއް ދެއްކި އެވެ.
ބްރެޒިލްގެ އެޓޭކް ލީޑުުކުރަމުންދިޔަ ބްރެންޓްފޯޑްގެ ފޯވާޑް، އީގޯ ތިއާގޯ އަށް އޭރިއާތެރެއިން ބޮލުން ފޮނުވާލަން ލިބުނު ފުރުސަތުގައި ބޭނުން ނުހިފިދިޔައިރު، މޮރޮކޯ އިން ލިބުނު ފުރަތަމަ ރަނގަޅު ފުރުސަތުގައި ލަނޑު ޖެހި އެވެ. މި ލަނޑު ޖެހީ 21 ވަނަ މިނިޓްގައި، ބްރަހިމް ޑިއާޒް ދިން ބޯޅައަކުން، އިސްމާއިލް ސައިބާރީ ޖެހި ގޯލުންނެވެ. ޑިއާޒް، ހުސްކޮށްލާފައި ބްރެޒިލް ޑިފެންސް ފަހަތަށް ދިން ބޯޅައަށް އަރައި، ސައިބާރީ ވަނީ ބްރެޒިލް ކީޕަރު، އެލިސަން ބެކާ، ބޯމަތިން އޮއްސާލައިފަ އެވެ.
މޮރޮކޯ އިން ލީޑުނެގުމަށް ފަހު، ދެ ވަަނަ ގޯލެއް ޖަހަން ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް. ކާމިޔާބުވާގޮތެއްނުވި އެވެ. އެ ގޮތުން، މޮރޮކޯގެ ކެޕްޓަން، އަޝްރަފް ހަކީމީ ފޮނުވާލި ޝޮޓް ދިޔައި އަރިމަތިން ބޭރުންނެވެ.
މެޗުގައި، ބްރެޒިލުން ނަތީޖާ ހަމަހަމަކުރި ލަނޑު ޖެހީ، 32 ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާ އެވެ. ބްރެޒިލްގެ މިޑްފީލްޑަރު، ބްރޫނޯ ގިމާރޭސް އަވަސް ކުޅުމަކުން އޭރިއާތެރެއަށް ދިން ބޯޅަ ހޯދައި، ވިނީޝިއުސް ޖާގައެއް ތަނަވަސްކޮށް ގޯލުގެ ކަނަށް ބޯޅަ ވައްދާލި އެވެ. އަދި، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރެޒިލަށް ލީޑުނަގައިދޭން ލޫކަސް ޕަކޭޓާ ޖެހި ޝޮޓް މޮރޮކޯގެ ކީޕަރު، ޔާސީން ބޯނޯ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި މޮރޮކޯ އާއި ބްރެޒިލުން ކުރިއަށް ޖެހިގެން ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ އާއި މޮރޮކޯގެ ގޯލު ބެލެހެއްޓި ޔާސީން ބޯނޯ ވަނީ މުހިންމު ވަގުތުތަކުގައި ޑިފެންސް ބެލެހެއްޓުމުގައި ވެސް ރަނގަޅު ހިތްވަރެއް ދައްކައިފަ އެވެ.
ވޯލްޑް ކަޕެއްގެ ފުރަތަމަ މެޗުން ބަލިނުވުގެ ރެކޯޑް އިތުރު ހަތަރު އަހަރަކަށް ބްރެޒިލުން ދަންމާލިއިރު، މޮރޮކޯ އިން އާ ކޯޗު މުހައްމަދު އުއާބީ ހަވާލުވި ފަހުން ބަލިނުވެ ހަ ވަނަ މެޗު ވަނީ ފުރިހަމަކޮށްފަ އެވެ.
މޮރޮކޯ އާއި ބްރެޒިލްގެ ކުރިމަތިލުމަށް ހަަމަހަމަ ނިމުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ