ޓްރަމްޕްގެ ސިޔާސަތުތައް ކުރިއަރުވަން އަރިއާނާގެ ލަވަ ބޭނުންކުރުމުން މައްސަލައަކަށް

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ސިޔާސަތުތައް އިޝްތިހާރު ކުރުމަށް އަރިއާނާ ގްރާންޑޭގެ މިއުޒިކް ބޭނުންކުރުން ހުއްޓާލުމަށް ދުވަހު އޭނާ ގޮވާލައިފި އެވެ.
އަރިއާނާ މިގޮތަށް ގޮވާލާފައިވަނީ، މި ހަފުތާގެ ކުރީކޮޅު ވައިޓް ހައުސްގެ ރަސްމީ ޓިކްޓޮކް އެކައުންޓުން އާންމުކުރި ވީޑިއޯއެއްގައި އޭނާގެ ލަވައެއް ބޭނުންކުރުމާ ގުޅިގެންނެވެ.
އެމެރިކާގެ އިމިގްރޭޝަން ސިޔާސަތުތައް ދައްކުވައިދޭ އެ ވީޑިއޯގައި ފެޑަރަލް އޭޖެންޓުން ބައެއް މީހުން ހައްޔަރުކޮށް ބިިޑިއަޅުވާ މަންޒަރުތައް ހިމަނާފައިވާއިރު، ބެކްގްރައުންޑް މިއުޒިކެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ އަރިއާނާގެ 2024 ވަނަ އަހަރުގެ މަގުބޫލު ލަވަ "ބާއި" އެވެ.
"މިފަދަ އަނިޔާވެރި، އިންސާނިއްޔަތުކަމެއް ނެތް، އަދި ބަލައިގަނެވޭނެ ފަދަ އެއްވެސް އަސާސެއް ނެތް ކަންކަމާ ގުޅުވައިގެން އަހަރެންގެ މިއުޒިކް ދުވަހަކު ވެސް ބޭނުން ނުކުރުމަށް އެދެން،" ވައިޓް ހައުސްގެ އެ ޓިކްޓޮކް ވީޑިއޯއަށް ކުރި ކޮމެންޓެއްގައި އަރިއާނާ ބުރާސްފަތި ދުވަހު ލިޔެފައިވެ އެވެ.
އަރިއާނާއާ ގާތް ގުޅުމެއް އޮންނަ މަސްދަރަކުން ރޮއިޓާޒްއަށް މައުލޫމާތު ދިން ގޮތުގައި، އެ ވީޑިއޯއިން ވީ އެންމެ އަވަހަކަށް އެ ލަވަ އުނިކުރެވޭނެ ގޮތްތަކެއް އޭނާގެ ޓީމުން މިހާރު ދަނީ ބަލަމުންނެވެ.
އަރިއާނާގެ މި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ވައިޓް ހައުސްގެ ތަރުޖަމާނު އެބީގޭލް ޖެކްސަން ވިދާޅުވީ، "އަހަރެމެން މި ވާހަކަ އެންމެ ފަހު ފަހަރަށް މި ބުނަނީ؛ ހަގީގަތުގައި ވެސް އަނިޔާވެރި، އިންސާނިއްޔަތުކަމެއް ނެތް، އަދި ނުބައި ބަޔަކީ އެމެރިކާގެ ކުށެއް ނެތް ރައްޔިތުންނަށް އަނިޔާކޮށް މަރަމުންދާ ގަވާއިދާ ހިލާފަށް އުޅޭ ބޭރުގެ ކުށްވެރިން،" ކަމަށެވެ.
ލަވަކިޔުންތެރިއެއްގެ އިތުރުން އެކަޑަމީ އެވޯޑަށް ނޮމިނޭޓްވެފައިވާ އެކްޓްރެސް، އަރިއާނާ ގްރާންޑޭ އަކީ މީގެ ކުރިން ވެސް ޓްރަމްޕްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަ ފަރާތެކެވެ. އެގޮތުން މިދިޔަ އަހަރު އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި، ޓްރަމްޕަށް ވޯޓު ދިން މީހުންނާ މުހާތަބުކޮށް، އޭނާ އަލުން ވެރިކަމަށް ވަޑައިގަތުމުން އެމީހުންގެ ދިރިއުޅުމަށް އެއްވެސް ކުރިއެރުމެއް ލިބިފައިވޭތޯ ވަނީ ސުވާލުކޮށްފަ އެވެ.
ދެވަނަ ދައުރަކަށް އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ޓްރަމްޕަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. ޓްރަމްޕްގެ ކެމްޕޭން ވައުދުތައް ފުއްދުމަށް ކުރައްވާ މަސައްކަތްތައް ދައްކުވައިދިނުމަށް، އޭނާގެ މުއާސަލާތީ ޓީމުން އާންމުކުރާ ކުރު ވީޑިއޯތަކުގައި ގިނަ ފަހަރަށް މަޝްހޫރު ލަވަތައް ބޭނުންކުރެ އެވެ.
މީގެ ކުރިން ވެސް ވައިޓް ހައުސްއިން އާންމުކުރި ބައެއް ވީޑިއޯތަކުގައި މަޝްހޫރު ލަވަތައް ބޭނުންކޮށްފައިވެ އެވެ. އޭގެ ތެރޭގައި އިމިގްރޭޝަން މައްސަލަތަކުގައި ޓްރަމްޕް ގެންގުޅުއްވާ ހަރުކަށި ފިޔަވަޅުތަކާއި، އީރާނާ ދެކޮޅަށް އެމެރިކާ ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަންތަކާއި، އަދި ވެނެޒުއޭލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމާ ގުޅޭ ވީޑިއޯތައް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ