ދަރޭތި

(ބުދަ ދުވަހާ ގުޅޭ)
ކަސްޓަމު މީހުން އާދަނު އަތުގައި ހިފައިގެން ދާހިލިއްޔާއަށް ގެންދިޔައެވެ. އާދަނު ގަދައެއް ނަހަދައެވެ. ބިރެއް ވެސް ނުގަނެއެވެ. ދާހިލިއްޔާގައި ބައެއް ފަހަރު މުހައްމަދު ހަމީދު އިންނަވައެވެ. އާދަނު ބޭނުންވީ ދެ މީހުންގެ ހަތަރު ކަޅި ހަމަވާށެވެ. ހިތުގައި އަނދަމުންދިޔަ އަލިފާނުގެ ހުޅުގަނޑު ބޭރުކޮށްލާށެވެ. ނަސީބު ދިމާކުރި ގޮތުން ދާހިލިއްޔާގައި އެ ވަގުތަކު ވެރިޔަކު ނެތެވެ. ދެން އާދަނު ގެންދިޔައީ ބަންޑާރަނައިބު އޮފީހަށެވެ. އެ ތަން ހުންނަނީ ކަސްޓަމުގެ އެއްކޮޅުގައެވެ. ވެރިޔަކަށް އިންނެވީ ޝިހާބެވެ.  
"ކިހިނެއް ވެގެން ދެ މީހުން ތަޅައިފޮޅައިގަންނަން ޖެހުނީ؟" ޝިހާބު ސުވާލު ކުރެއްވިއެވެ. 
ވީ ގޮތް އާދަނު ކިޔައިދިނުމުން ޝިހާބު އެއްޗެއް ނުބުނުއްވައި އިރުކޮޅަކު އިންނެވިއެވެ. 
"ހޫނ!" ޝިހާބު ބުނުއްވިއެވެ. "ދެން ދޭ ގެޔަށް. ހެކިވެރިން ހާޒިރުކޮށްގެން ތި މައްސަލަ ބެލޭނީ."
ރޭގަނޑުވުމުން އާދަނުގެ ހިތުގައި ވޭނީ ރިހުމެއް އުފެދެއެވެ. ހަފީޒާގެ ހަނދާންތަކުން ދެލޯ ފުރެއެވެ. ހަފީޒާގެ ހާލު ބަލައިލަން އިންތިހާއަށް ބޭނުންވެ، ކެތްތެރިކަން ކުޑަވެއެވެ. ހިތަށް ކެތްނުވާ ވަރު ވުމުން، ހަފީޒާގެ ގެއާ ދިމާއަށް އާދަނަށް ހިނގައިގަނެވުނެވެ. އާދަނު ނިންމީ އާދަނަށް ފާރަލާނެ މީހަކު ނުހުންނާނެ ކަމަށެވެ. ހަފީޒާ ރަށުގައި ނެތީމައެވެ. ހަފީޒާގެ ގެއާ ދިމާއަށް ހިނގަމުންދިޔަ އިރު، ހަމަހިމޭންކަމާ އެކު އާދަނުގެ ހިތް ހަޅޭއްލެވިއެވެ. ހިތާހިތުން ގޮވިއެވެ. އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ އަހަންނަށް މި ވަރުގެ ހިތްދަތިކަމެއް ހައްގުވީ ކީއްވެ ހެއްޔެވެ؟ ގެއާ ހަމައަށް ގޮސްފައި، ދޮރުމަތީގައި އާދަނު މަޑުކޮށްލިއެވެ. އެ ގެއަށް ވަނުން އާދަނަކަށް މަނައެއް ނޫނެވެ. މައްސަލައަކީ، ދޮރުން އެތެރެއަށް ފިޔަވަޅު އެޅުމާ އެކު އޮހިގަންނާނެ ހަފީޒާގެ ފޮނި ހަނދާންތަކެވެ. ހިތަށް ނުކުޅަދާނަވާ ވަރު ވެއްޖެ ނަމަ، ހެޔަށް ގޮތް ވުމަކީ ދާދި ގާތުގައި އޮތް ކަމެކެވެ. ވަންނަންނުވަންނަން ހުރެފައި އާދަނު ވަނެވެ. ހަފީޒާ ދުވެފައި އައިސް އާދަނު ގައިގައި ބައްދާލި ހެން އާދަނަށް ހީވިއެވެ. އެކަމަކު ފަޅުކަމާއި ހަމަހިމޭންކަން ފިޔަވައި އެހެން އެއްޗެއް އެ ތާކު ނެތެވެ. މާގަސްތަކާއި ލަންޓަނާއި އުނދޯލި ހުއްޓެވެ. ފެންގަނޑު ވެސް އޮތެވެ. ނެތުމެކޭ އެއްފަދަ ގޮތެއްގައެވެ. އާދަނަށް ދެވުނީ އުނދޯއްޔާ ދިމާއަށެވެ. އެއީ ފޮނިފޮނި އެތައް ހަނދާނެއް، އަމާނާތްތެރިކަމާ އެކު ރައްކާ ކުރެވިފައިވާ އުނދޯއްޔެކެވެ. އާދަނު އުނދޯލި ކައިރީގައި ހުއްޓިފައި، މަޑުމަޑުން އުނދޯލި ހެއްލައިލިއެވެ. އެ ހިނދު ހަފީޒާ އުނދޯލީގައި އިން ކަހަލައެވެ. ރާޅުބާނި އުފެދެމުންދިޔަ ފަން އިސްތަށިގަނޑާއި މާތަށް ބިމަށް އޮހެމުންދިޔަ ފަރި ހިނިތުންވުމާއި ފަސްބައިގެ ލަސް ވިހުރުންތައް އާދަނުގެ ކުރިމަތީގައި ސިފަވިއެވެ. އާދަނަކަށް ކެތެއް ނުވިއެވެ. އަވަހަށް ގެއިން ނުކުތީއެވެ. އޭރު އެ ހުރިހައި މަންޒަރެއް ބައްލަވަން ކަލޭފާނު ދުރުގައި ހުންނެވި ކަމެއް އާދަނަކަށް ނޭނގެއެވެ. 
ޖެހިގެން އައި ދުވަހެވެ. ތަނަކަށް ދާ ހިތެއް، ކަމެއް ކުރާ ހިތެއް އާދަނު ނުވިއެވެ. ގޭ ދޮރުމަތީގައި ހުރި ރުއްބުޑެއްގައި ފޫހަރާލައިގެން އިނދެވުނީއެވެ. 
"މީނީ!" ދޮންމަނިކު ބުނި އަޑުއިވުނެވެ. 
އާދަނު ބަލައިލި އިރު، ދެ އުކުޅުގައި އަތްވިއްދާލައިގެން ދޮންމަނިކު ހުއްޓެވެ. 
"އިއްތަފޫ ކައިގެން ދަންބީލަ އަރާ އިންނަ ހެން ތި އިނިއްޔޯ؟" ދޮންމަނިކު އެހިއެވެ. 
އާދަނު އެއްޗެއް ނުބުނުމުން ދޮންމަނިކު އައިސް އާދަނު ގާތުގައި އިށީނެވެ. 
"ސަލީމު ކަލެޔަށް ބޮނޑިއެއް ދޭނެ،" ދޮންމަނިކު ބުންޏެވެ. "ތިޖާރާގެ ޕިޔޯނެއް ބުނީ، އެ މީހުން މިހާރު ރާވައިފިއޭ ކަލޭ ހެންވޭރު އަވަށުވެރިގެއަށް ގެންދަން. އެ ތަނުންނޯ ދެން ކަލޭގެ މައްސަލަ ބަލާނީ. ކަލެއަށް އެނގޭނެ ސަލީމަކީ އިބްރާހީމްދީގެ ކާކުކަން. އެހެންވީމަ އެ ހެންވޭރު އަވަށުވެރިގެއަށް ގެންދާ އިރަށް ކަލޭ ކުށްވެރިވާނެ. އަށިގޭގަ ހައްޔަރު ކުރާނެ. އެ މީހުން ވިއްޔަ ޝަރީއަތް ކުރަން އެ ތާ ތިބޭނީ. ނަމަނަމަ އެ ތަނަށް ގެންދިޔަ ނުދޭތި!"  
ޖެހުނު ކުއްޏެއްގެ ސަބަބުން ދޮންމަނިކާ އާދަނުގެ އެކުވެރިކަމަށް ވަނީ ބުރޫއަރާފައެވެ. އާދަނު ވާހަކަ ނުދެއްކި ނަމަވެސް ދޮންމަނިކުގެ ހިތް އޮތީ ހަމުދަރުދީން ފުރިފައެވެ. 
އެ ދުވަހުގެ ރޭ މައްޗަންގޮޅީ އަވަށުއޮފީހަށް ދާން އާދަނަށް އެންގިއެވެ. ހަގީގަތުގައި އާދަނު ރަޖިސްޓަރީވެފައި އޮންނަނީ މައްޗަންގޮޅީގައެވެ. އާދަނު ގޮސް އެ ތަނަށް ވަނުމުން އިށީންނަން ބުންޏެވެ. އިރުކޮޅަކުން އެތެރެއިން މުދިމަކު ފޮތެއް ހިފައިގެން އައެވެ. ކޮންމެ އަވަށުވެރިގެއެއްގައި މުދިމަކާއި ސަރުދާރެއް ތިބެއެވެ. ދެން ތިބެނީ ޕިޔޯނުންނެވެ. 
"ހިނގާ!" ބުނެފަރިތަ ރާގަކަށް މުދިމު ބުންޏެވެ. 
"ކޮން ތާކަށް؟" އާދަނު ސުވާލުކުރިއެވެ. 
"ހެންވޭރު އަވަށުވެރިގެއަށް." މުދިމު ބުންޏެވެ. 
އާދަނު ގޮވައިގެން މުދިމު ނުކުތެވެ. މަގުމައްޗަށް ނުކުމެގެން ގޮސް އަމީނިއްޔާ ކައިރީގައި ހުރި ހިތިގަހާ ހިސާބުން އާދަނު ހުއްޓުނެވެ. ހެންވޭރުއަވަށުވެރިގެ ހުންނާނީ މަޖީދިއްޔާގެ އިރުމަތީ ފަރާތުގެ އަނެއް ކަންމަތީގައެވެ. 
"ކޮން ތާކަށް މި ދަނީ؟" އަނެއްކާ ވެސް އާދަނު އެހިއެވެ. 
"ބުނެފީމެއްނު ހެންވޭރު އަވަށުވެރިގެއަށޭ!" ތަންކޮޅެއް ހަރުކަށި ރާގެއްގައި މުދިމު ބުންޏެވެ. 
"ހެންވޭރު އަވަށުވެރިގެއަކަށް ނުދާނަން،" އާދަނު ބުންޏެވެ. "އަހަންނަކީ މައްޗަންގޮޅީ މީހެކޭ!"
"އެ ކަން އެނގެޔޭ،" މުދިމު ބުންޏެވެ. "އެކަމަކު ހެންވޭރު އަވަށުވެރިގެއިން އެންގީ ކަލެއާ މި ފޮތް ހިފައިގެން އެ ތަނަށް އަންނާށޭ!"
"އެންގެވި ގޮތަކަށް ކަލޭ ހަދާ! މަށެއް ނުދާނަން." އާދަނު ބުންޏެވެ. 
އަލުން އެނބުރިފައި އައިސް މައްޗަންގޮޅީ އަވަށުވެރިގޭގައި ކުރިން އިން ގޮނޑީގައި އާދަނު އިށީނެވެ. 
"ކަލޭ ނުދިޔައީ ކީއްވެ؟" މުދިމު ސުވާލުކުރިއެވެ. "ދެން އެކުން ބޮޑާނަހާކާ ހިނގާ އަވަހަށް."
"ނުދާނަން!" އާދަނު ބުންޏެވެ. "މަ އަންނަންޖެހޭ ތަނަށް މިހިރީ އައިސް."
އާދަނު ގުޑައެއްނުލިއެވެ. އެތެރެއިން ސަރުދާރާއި ޕިޔޯނެއް ނުކުތެވެ. 
"ކަލޭ ތި ވަރަށް ތި ގަދަ ދައްކަނީ ކީއްވެ؟" ސަރުދާރު އެހިއެވެ. 
"އަހަރެން ރުހުމަކު ނުގެންދެވޭނެ. ގެންދަންޏާ ނަގައިގަނެގެން ގެންދޭ!" އާދަނު ބުންޏެވެ. "އަހަންނަކީ މައްޗަންގޮޅީ މީހެއް. މައްޗަންގޮޅީގެ މައްސަލަތައް ބަލަހައްޓާ ތަނަކީ މީ. ނުކިޔަވާ ހުއްޓަސް ކަންކަން ހިނގާ ހަމަތައް އަހަންނަށް ވެސް އެނގެޔޭ! މި ތަނުން ހަދާ ގޮތެއް ހަދާ! ވަރިހަމަ ކޮށާފަ ކާޅަށް ކާންދިނަސް."
އެ މީހުން އެތެރެއަށް ވަދެ، ސައްލާކޮށްފައި އަނެއްކާ ނުކުތެވެ. 
"ކަލޭ ހާދަހާ ގަދައެކޭ ތި ދައްކަނީ،" ސަރުދާރު ރުޅި އައިސްފައި ބުންޏެވެ. "ބަލަ މި ތަނުންނޭ މި އަންގަނީ ހެންވޭރު އަވަށުވެރިގެއަށް ދާށޭ! އަމުރަށް ނުކިޔަމަންތެރިވަންޏާ ގަދަކަމުން ގެންދާނީ."
"އާނއެކޭ! ގަދަކަމުން ގެންދާށޭ!" އާދަނު ވަރަށް ހަމަޖެހިލާފައި ބުންޏެވެ. 
އެ މީހުން ގޮނޑިއާ އެއްކޮށް އާދަނު ނަގައިގަތެވެ. ގެންދަން ޖެހެނީ މައްޗަންގޮޅީން ހެންވޭރަށެވެ. އަޑިގުޑަން ބޮޑު، އަނދިރި މަގުތަކުން ލައިފައެވެ. ވިއްސަކަށް ފިޔަވަޅުއެޅި އިރު އެ މީހުން ވަރުބަލިވެއްޖެއެވެ. 
"އެޔޮއް ދުރަކަށް މިހެނެއް ނުގެންދެވޭނެ،" ގޮނޑި ބަހައްޓާފައި، ގުމުޓަމުން އެކަކު ބުންޏެވެ. "ހިންގާފަ ގެންދެވޭނީ."
"ހިނގާފައެއް ނުދާނަން." އާދަނު ބުންޏެވެ. 
މައްސަލަ ދިމާވެގެން އުޅެނީ މައްޗަންގޮޅީ އަވަށުވެރިގޭ ކުރިމަތީގައެވެ. އެހެންކަމުން، މަގު ހިނގާ އެންމެން ކުޅިބަލަން އެ ތަނަށް އެއްވާން ފެށިއެވެ. 
"އަޖައިބެއްނު! ކީއްވެގެންތަ ނުދާން ތި އުޅެނީ؟" ސަރުދާރު އެހިއެވެ. 
"އަޖައިބެއްނު! ކީއްވެގެންތަ ދާންވީ؟ އަހަންނަކީ މައްޗަންގޮޅީ މީހެކޭ،" އަޑަށް ބާރުލާފައި އާދަނު ބުންޏެވެ. "ކަލޭމެން ހަމަ ބުނާ އިރަށް ކުޑަމާލެއަށް. ސަހަރާއަށް. ނުޖެހޭ ހެންވޭރު އަވަށުވެރިގެއަށް ދާކަށް. އެކަމަކު އެބަ އޮތް ގޮތެއް. މައްޗަންގޮޅީ އަވަށުވެރިގެއިން ނަން ކަނޑާލާފަ ހެންވޭރު އަވަށުވެރިގެއަށް ޖައްސާ. އޭރުން ދެން މަ ދާނީ އެ ތަނަށް. މި ތަނަކަށް ނާންނާނަން. މިހާރު އަހަރެންގެ ނަން އޮތީ މި އަވަށުގައޭ. އެހެން އަވަށަކަށް އަހަންނެއް ނުވެސް ފޮނުވޭނެ، ނުވެސް ދާނަން."
އާދަނު ގެއަށް ފޮނުވައިލިއެވެ. މައްސަލަ ބެލުން ފަނޑިޔާރުގެއަށް ބަދަލުކުރިއެވެ. މައްސަލަ ބައްލަވަން ތިއްބެވީ ޝޭހު ޢަލީ ހުސެއިންދީދީ އާއި އަބްދުލްގައްޔޫމުދީދީއެވެ. އެ ތަނުގައި އާދަނާއި ސަލީމު އާއި ހާދިސާ ހިނގި އިރު އެ ތަނުގައި ތިބި ބައެއް މީހުން ވެސް ތިއްބެވެ. 
"ވީ ގޮތް ކިޔާދީބަލަ!" ހުސެއިންދީދީގެ ފުރަތަމަ ސުވާލު އަމާޒުވީ ސަލީމަށެވެ. 
ވީ ގޮތް ސަލީމު ކިޔައިދިނުމުން އާދަނާ ސުވާލުކުރިއެވެ. ވީ ގޮތް އާދަނު ކިޔައި ދިނުމުން އެ ތަނުގައި ތިބި ހެކިވެރިންނާ ސުވާލުކުރިއެވެ. 
"މި ދެ މީހުން ކިއީ ކީކޭ؟" އެ ސުވާލު ކުރެއްވީ އަބްދުލްގައްޔޫމުދީދީއެވެ. 
"ސަލީމު ބުނި ވޮޑިގެންވާ ކަމެއް ނުދަންނަމޭ!" ހެކިވެރިން ބުންޏެވެ. "އެހެން ބުނީމަ އާދަނު ބުނީ ދެން ތިހެން ބުނެފިއްޔާ ކަލޭ މަރާލާނަމޭ! އަނެއްކާ ވެސް ސަލީމު އެހެން ބުނީ. ބުނީމަ އާދަނު ފުންމައިގެން ގޮސް ތަޅައިގަތީ. ފުރަތަމަ ގަޔަށް އަތްލީ އާދަނު."
އެހެން ބުނި ކަމަށް ސަލީމު އެއްބަސްވިއެވެ. ގަޑިއެއްހައި އިރަށް ޝަރީއަތް ދެމިގެންދިޔައެވެ. 
"ސަލީމުގެ އަންބަކު ހުރި ނަމަ މިހާރު ހުންނާނީ ވަރިވެފަ!" ފަނޑިޔާރުން ހުކުން އިއްވެވިއެވެ. "އަލުން ކައިވެނި ރުޖޫއަ ކޮށްގެން އުޅެން ވާނީ. ޝަހާދަތް ކިޔައި އިސްލާން ވެސް ވާން އެބަ ޖެހޭ! އޭރުން ސަލީމު ވާނީ އާ އިސްލާމަކަށް."
އެ ނިންމުން ސަލީމަކަށް ކަމަކު ނުދިޔައެވެ. 
"ބައްލަވަ އަޅުގަނޑު މުރުތައްދެއް ނުވަން،" ސަލީމު ބުންޏެވެ. "އެހެންވީމަ ޝަހާދަތް ކިޔާކަށް ނުޖެހޭނެ."
"ތިޔަ ބުނަނީ ވެސް ރަނގަޅު ވާހަކައެއް ނޫން،" ފަނޑިޔާރު ބުނުއްވިއެވެ. "ޝަހާދަތަކީ ކޮންމެ މީހަކު ވެސް ކިޔަންވީ އެއްޗެއް. ދިވެއްސަކަށްވެ ހުރެ ޝަހާދަތް ނުކިޔާނަމެކޭ ނުބުނެވޭނެ. އަޑުދަށުން ކިޔާ!"
ސަލީމަށް ޝަހާދަތް ލައިދިނެވެ. ނުކިޔަން އުޅެފައި ވެސް އޭނަ ޝަހާދަތް ކިޔެވެ. ދެން ސަލީމު ގެންދިޔައީ އަށިގެއަށެވެ. އަށިގެއަކީ ޖަލެވެ. އެއީ ވައިވަންނަން އެންމެ ކުޑަދޮރެއް ނޫނީ ނުހުންނަ، ހަނި ދިގު ގުދަނެއް ކަހަލަ ތަނެކެވެ. އާދަނަކަށް އެއްވެސް އަދަބެއްނުލިބެއެވެ. 
ދެ ދުވަހެއް ފަހުން ސަލީމު ފަނޑިޔާރުގެއަށް ގެންގޮސް ދުއްރައިން ތަޅާފައި ރަށަކަށް އަރުވައިލިއެވެ. އެ ހިސާބުން އޭނަ ދައުވާއެއް ހުށައެޅިއެވެ. ސަލީމު މަރާލާ ނެކަމަށް އާދަނު ބުނި މައްސަލައެވެ. އެ މައްސަލައިގެ ޝަރީއަތް ވަރަށް އަވަހަށް ފެށުނެވެ. މައްސަލަ ބައްލަވަން ތިއްބެވީ ކުރީގެ މައްސަލަ ވެސް ބެއްލެވި ފަނޑިޔާރުންނެވެ. ސަލީމު ހުރީ ވަރަށް ރުޅި އައިސްފައެވެ. އާދަނު ހުރީ ވަރަށް ހަމަޖެހިފައެވެ. ކުށްވެރި ނުވާނެ ކަމުގެ ޔަގީންކަން އޮތީމައެވެ. 
"އަޅުގަނޑާ ދިމާއަށް އާދަނު ބުނި މަރާލާނަމޭ!" ސަލީމު ބުންޏެވެ. "މި ތިބަ އެންމެން ހެކިވާނެ. މަރުގެ އިންޒާރު ދިނުމަކީ ކުށެއް. ދެވެން އޮތް އެންމެ ބޮޑު އަދަބެއް އާދަނަށް ދޭން ޖެހޭނެ." (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ