ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފެށި ދުވަހު ގައުމަށް ވުރެ ބޮޑަށް ލޯތްބަށް އިސްކަންދެއްވި ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ޖޫން 12 ގައި ޓްރޫޑޯ ހުންނެވީ އެމެރިކާގެ ކެލިފޯނިއާގެ އިންގްލްވުޑްގަ އެވެ. އެ ރޭ އެމެރިކާ އާއި ޕެރަގުއޭ ބައްދަލުކުރި މެޗު 4-1 އިން އެމެރިކާ ކާމިޔާބުކުރި އިރު، އޭނާ އިންނެވީ އެ މެޗު ބައްލަވާށެވެ.
އެ ދުވަހުގެ ކުރީކޮޅު، ކެނެޑާގެ ޓޮރޮންޓޯގައި ބޮސްނިއާ އެންޑް ހެރްޒެގޮވީނާއާ ދެކޮޅަށް ކެނެޑާ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
އަމިއްލަ ގައުމުގެ މެޗު ދޫކޮށްލެއްވުމަށް ފަހު އޭނާ އެ ގޮތަށް އަމަލުކުރެއްވުމުން ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ފާޑުކިޔައިފަ އެވެ.
އެގޮތަށް އަމަލުކުރެއްވީ އިންގްލްވުޑްގައި ބޭއްވި މެޗުގެ ކުރިން އޮތް ހުޅުވުމުގެ ރަސްމިއްޔާތުގައި ޓްރޫޑޯގެ ލޯބިވެރިޔާ، މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީއަށް ސަޕޯޓް ދެއްވުމެވެ.
ކޭޓީގެ ހުށަހެޅުމަށް ފަހު، ދެ މީހުން އެކުގައި މެޗު ބަލަން ވީއައިޕީ ބޮކްސްއެއްގައި އަތާއި އަތް ގުޅުވައިލައިގެން ތިބި މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ވަނީ އާއްމުވެފަ އެވެ.
އުމުރުން 54 އަހަރުގެ ޓްރޫޑޯ އާއި 41 އަހަރުގެ ކޭޓީ އެންމެ ފުރަތަމަ ބައްދަލުކުރީ 2025 ވަނަ އަހަރުގެ ޖުލައި މަހުގަ އެވެ. އަދި އެ އަހަރުގެ ފަހުކޮޅު ލޯބީގެ ގުޅުން އޮތްކަން މީޑިއާތަކަށް އެނގުނެވެ.
މި އަހަރުގެ ކުރީކޮޅު، ކޭޓީ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ގުޅުން ރަސްމީކޮށް ހާމަކޮށްފަ އެވެ.
މިދިޔަ ހަފުތާގައި ޓްރޫޑޯ އާއި ކޭޓީ ވަނީ ޓްރައިބެކާ ފެސްޓިވަލްގައި ކޭޓީގެ ފިލްމު "ކޭޓީ ޕެރީ: ދަ ލައިފްޓައިމްސް ޓުއާ - ލައިވް ފްރޮމް ޕެރިސް" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ފުރަތަމަ ފަހަރަށް އެކުގައި ރެޑް ކާޕެޓުން ފެނިފަ އެވެ.
ކެނެޑާގެ ޓޮރޮންޓޯގައި އޮތް މެޗަށް ޓްރޫޑޯ ވަޑައިނުގެންނެވުމުން، އެ ގައުމުގެ ބައެއް ރައްޔިތުން ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ.
އެ މީހުން ބުނާ ގޮތުގައި، އުތުރު އެމެރިކާގެ ގައުމުތަކުގައި ވޯލްޑް ކަޕް ބޭއްވުމަށް ކެނެޑާ ކޯ-ހޯސްޓެއްގެ ގޮތުގައި ހަމަޖެހުނު އިރު ބޮޑުވަޒީރަކަށް ހުންނެވީ ޓްރޫޑޯ ކަމަށް ވާތީ، އެ މެޗުގައި އޭނާ ބައިވެރިވެވަޑައިގަންނަވަން ޖެހޭނެ އެވެ.
ގައުމަށް ވުރެ ލޯބި އިސްކުރުމުން ކެނެޑާގެ ކުރީގެ ބޮޑު ވަޒީރަށް ފާޑުކިޔުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ