ރަޖްނީކާންތު އާއި ރިތިކް 40 އަހަރަށްފަހު އެކީގައި މަސައްކަތްކުރަނީ؟

ދެކުނު އިންޑިއާގެ ލެޖެންޑް އެކްޓަރު ރަޖްނީކާންތު އާއި ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ރިތިކް ރޯޝަން 40 އަހަރަށްފަހު އެކީގައި ފިލްމެއްގައި މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ އެންޑީޓީވީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ރިތިކް ވަނީ ރަޖްނީކާންތުގެ މަގުބޫލު ފްރެންޗައިސް "ޖެއިލާ"ގެ ދެވަނަ ފިލްމުގެ ރޯލަކަށް ސޮއިކޮށްފައެވެ. މި ފިލްމުގައި ރިތިކް ކުޅެން ހަމަޖެހިފައިވާ ކެރެކްޓާ އެންމެ ފުރަތަމަ ހުށަހެޅީ އެކްޓަރު ޝާހްރުކް ޚާންއަށް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ނަމަވެސް ޝާހުގެ ބަދަލުގައި "ޖެއިލާ 2"ގެ ރޯލަކުން ރިތިކް ފެންނާނެކަމުގެ ރިޕޯޓުތަކާ އެކު މި ފިލްމާމެދު ބެލުންތެރިންގެ ޝައުގުވެރިކަން ވަނީ އިތުރުވެފައެވެ. ފިލްމު "ޖެއިލާ 2" އަކީ ގާތްގަނޑަކަށް 40 އަހަރަށްފަހު ރިތިކް އާއި ރަޖްނީކާންތު އެކުގައި ފެންނާނެ ފުރަތަމަ ފިލްމެވެ. މީގެކުރިން މި ދެ ތަރިން އެކުގައި ފެނިފައިވަނީ 1986 ވަނަ އަހަރު ނެރުނު "ބަގްވާން ދާދާ"އިންނެވެ. އެ ފިލްމުގައި ރިތިކް ކުޅެފައިވަނީ ރަޖްނީކާންތުގެ ކެރެކްޓާގެ ފިރިހެން ދަރިފުޅުގެ ރޯލެވެ. މިއީ ބޮލީވުޑްގެ މަޝްހޫރު ތަރިއަކަށް ރިތިކް ވުމުގެ ކުރިން ކުޅުނު މަދު ފިލްމުތަކުގެ ތެރެއިން ފިލްމެކެވެ. މީގެ 3 އަހަރުކުރިން ރިލީޒްކުރި ފިލްމު "ޖެއިލާ"ގެ މަންޒަރެއްގައި ރަޖްނީކާންތު--ފޮޓޯ/އިންޑިއާޓުޑޭ ރިތިކް "ޖެއިލާ 2"ގައި ކުޅޭ މަންޒަރުތައް މި މަހުގެ 22 އާއި 23ގައި ޗެންނާއީގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ. ރިތިކްގެ ޓީމާ ގާތް މީހަކު އެންޑީޓީވީއަށް މިކަން ކަށަވަރުކޮށްދީފައިވާއިރު، އެ ކެރެކްޓާއަށް ބޭނުންވާ ތަފާތު ސިފަތައް (ލުކް ޓެސްޓް) ބެލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ރިތިކްގެ ރޯލަކީ ގިނަ އެކްޝަން މަންޒަރުތަކެއް ހިމެނޭ، ފިލްމުގެ ވާހަކައިގެ މިސްރާބު ބަދަލުކޮށްލާނެ ފަދަ މުހިންމު ރޯލެކެވެ. ނެލްސަން ދިލިޕްކުމާރު ޑައިރެކްޓްކޮށް، ސަން ޕިކްޗާސް އިން އުފައްދާ މި ފިލްމުގައި މޯހަންލާލް، ޝިވަ ރާޖްކުމާރު، ވިޖޭ ސެތުޕަތީ، މިތުން ޗަކްރަބޯޓީ، އެސް.ޖޭ ސޫރިޔާ، ރަމްޔާ ކްރިޝްނަން، ވިދްޔާ ބާލަން އަދި ޔޯގީ ބާބޫ ފަދަ މަޝްހޫރު ތަރިން ފެންނާނެއެވެ. ރަޖްނީކާންތުގެ ކެރިއަރުގެ އެންމެ މަގުބޫލު ފިލްމުތަކުގެތެރޭ ހިމެނޭ "ޖެއިލާ"ގެ ދެވަނަ ބައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ މި އަހަރުގެ ސެޕްޓެމްބަރު މަހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ