ލޭ ހަދިޔާކުރާ މީހުން އެކުރަނީ އަގުނުކުރެވޭނެ ޚިދުމަތެއް - ރައީސް

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އަމިއްލަ އިސްނެގުމުގެ މަތިން ލޭ ހަދިޔާކުރާ ފަރާތްތަކުގެ އަގު ވަޒަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައި، އެ ފަރާތްތަކުން ކުރަނީ ފުރާނަ ސަލާމަތްކުރުމަށާއި ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ކޮށްދޭ އަގުނުކުރެވޭ ފަދަ ޚިދުމަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ކޮންމެ އަހަރެއްގެ ޖޫން މަހުގެ 14 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި، ރައީސް މުޢިއްޒު ވަނީ ލޭ ހަދިޔާކުރާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ފަރާތްތަކުގެ ދީލަތިކަމަކީ ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށާއި ކުއްލި ހާލަތްތަކުގައި ފަރުވާ ބޭނުންވާ މީހުންނަށް ލިބޭ ވަރަށް މުހިންމު އެހީތެރިކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަމިއްލަ އިސްނެގުމުގެ މަތިން ލޭ ހަދިޔާކުރާ ފަރާތްތަކުން އެކުރާ ނަމޫނާ މަސައްކަތުގެ ސަބަބުން، ދާއިމީ ބަލިތައް ތަހައްމަލުކުރާ މީހުންނަށާއި ކުއްލި ފަރުވާ ބޭނުންވާ ބަލިމީހުންނަށް އެންމެ ބޭނުންޖެހޭ ވަގުތު އެހީތެރިކަން ލިބިގެންދޭ،" ރައީސް ވިދާޅުވިއެވެ.
ލޭ ހަދިޔާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ބޭސްވެރިކަމާއި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއެރުންތައް ހޯދާފައިވީ ނަމަވެސް، ލެޔަކީ އެހެން އެއްޗަކުން ބަދަލުނުކުރެވޭނެ ވަސީލަތެކެވެ.
"އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި، ގައުމީ ފެންވަރުގައި ކުއްލި ހާލަތްތަކަށް ތައްޔާރުވެފައި އޮތުމަށްޓަކައި އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވެފައި، ރަށްތައް ވަކިވަކިން އޮތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. ޚާއްޞަކޮށް ވެރިރަށް މާލެއާ ދުރުގައި ހުންނަ ރަށްރަށުގައި ދިމާވާ ސިއްހީ ކުއްލި ހާލަތްތަކުގައި، ބޭނުންވާ ވަގުތު ލޭ ލިބުމަކީ ފުރާނަ ސަލާމަތްކުރުމަށް އޮތް އެންމެ މުހިންމު ކަންތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި، ސިއްހީ ކުއްލި ހާލަތްތަކުގައި ވަގުތުން ލޭ ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމަކީ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ލޭ ހަދިޔާކުރުމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު އާލާކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"މި ސަރުކާރުން ދެމިއޮންނާނީ ލޭ ހަދިޔާކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، އެންމެންގެ ސިއްހަތާއި ދުޅަހެޔޮކަން ރައްކާތެރިކުރުމުގައި އެންމެންގެ ބައިވެރިވުމާއި ޒިންމާ އުފުލުމުގެ ސަގާފަތެއް ބިނާކުރުމުގައި،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ސިއްހީ ނިޒާމުގައި ލޭ ހަދިޔާކުރުމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ބޮޑެތި އޮޕަރޭޝަންތައް ކުރާ މީހުންނާއި، ވިހެއުމުގެ ތެރޭގައި ނުރައްކާތަކާ ކުރިމަތިވާ މައިންނާއި، އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންގެ އިތުރުން ތެލެސީމިއާ ފަދަ ލޭގެ ބަލިތައް ހުންނަ ކުދިންނަކީ ގަވާއިދުން ލޭ ބޭނުންވާ ފަރާތްތަކެވެ.
ރާއްޖޭގެ ސިއްހީ އިދާރާތަކުން ދަނީ ލޭ ހަދިޔާކުރުމަށް ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ. ރަށްތައް ބެހިފައި އޮތުމުގެ ސަބަބުން، ބޭނުންވާ ވަރަށް ލޭ ރައްކާކޮށްފައި ބެހެއްޓުމާއި ކުއްލި ހާލަތްތަކުގައި ލޭ ފޯރުކޮށްދިނުމަކީ އަދިވެސް އޮތް ބޮޑު ގޮންޖެހުމެކެވެ.
މޯލްޑިވްސް ބްލަޑް ސަރވިސަސްއިން ދަނީ އާންމުން ލޭ ހަދިޔާކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ތަފާތު ކެމްޕޭންތައް ހިންގަމުންނެވެ. ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް ބުނަމުންދަނީ، ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ގަވާއިދުން ލޭ ހަދިޔާކުރާ މީހުންގެ އަދަދު އިތުރުކުރުން މުހިންމު ކަމަށެވެ.
ކޮންމެ އަހަރެއްގެ ޖޫން މަހުގެ 14 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހަކީ، އަމިއްލަ އިސްނެގުމުގެ މަތިން ހިލޭސާބަހަށް ލޭ ހަދިޔާކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށާއި، ރައްކާތެރި ލެޔާއި ލޭގެ ބާވަތްތަކުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ވޯލްޑް ހެލްތު އެސެމްބްލީން ކަނޑައަޅާފައިވާ ދުވަހެކެވެ. މި ތާރީޚަކީ އޭ.ބީ.އޯ ބްލަޑް ގްރޫޕް ނިޒާމު ހޯއްދަވައި، ޒަމާނީ ލޭ އެޅުމުގެ ބޭސްވެރިކަމަށް އިންގިލާބީ ބަދަލެއް ގެނެސްދެއްވި އޮސްޓްރިއާގެ ސައިންސްވެރިޔާ ކާލް ލޭންޑްސްޓައިނާގެ އުފަންދުވަހެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ހާމަކުރާ ގޮތުގައި، މިއަހަރުގެ ބައިނަލްއަގުވާމީ ކެމްޕޭން ކުރިއަށްދަނީ "އިންސާނިއްޔަތުގެ އެންމެ ތިއްކެއް. ލޭ ހަދިޔާކުރޭ. ފުރާނަ ސަލާމަތްކުރޭ." މި ޝިއާރުގެ ދަށުންނެވެ. މި ކެމްޕޭނުގެ މަގްސަދަކީ ލޭ ހަދިޔާކުރުމަކީ އިންސާނީ ހަމްދަރުދީއާއި އެއްބައިވަންތަކަމުގެ އަމަލެއްގެ ގޮތުގައި ފާހަގަކޮށް، ގަވާއިދުން ހިލޭސާބަހަށް ލޭ ހަދިޔާކުރާ މީހުންގެ އަދަދު އިތުރުކުރުމަށް ހިތްވަރު ދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ