އޮސްޓްރޭލިއާ އަތްދަށުވެ ތުރުކީގެ އެނބުރި އައުން އުފާވެރި ނުވި

ވެންކޫވާ، ކެނަޑާ (ޖޫން 14) - ސައުވީސް އަަހަރަށް ފަހު ފީފާ ވޯލްޑް ކަޕަށް އެނބުރި އައި މެޗުގައި، ތުރުކީން ކުޅުނު ފުރަތަމަ މެޗުގައި، އޮސްޓްރޭލިއާ އަތުން 2-0 އިން ތުރުކީ ބަލިވެއްޖެ އެވެ. 
އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި މި ފަހަރުގެ ވޯލްޑް ކަޕް ކުރިއަށްދާއިރު، މިއީ، 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާންގައި ބޭއްވި ވޯލްޑް ކަޕަށް ފަހު ތުރުކީ މި މުބާރާތުން ފެންނަ ފުރަތަމަ ފަހަރެވެ. އެ ފަަހަރު، ތުރުކީ މުބާރާތުގެ ސެމީ ފައިނަލަށް ދިޔަ ނަމަވެސް މި ފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން މި ވަނީ ހައިރާންކުރަނިވި ގޮތަކަށް އޮސްޓްރޭލިއާ އަތުން ބަލިވެފަ އެވެ. 
ކެނަޑާގެ ބީސީ ޕްލޭސް ވެންކޫވާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ކެނަޑާ އިން ލީޑުނެގީ 27 ވަނަ މިނިޓްގައި ނެސްޓޯރީ އިރަންކުންޑާ ޖެހި ގޯލުންނެވެ. އިނގިރޭސި ކްލަބް، ވަޓްފޯޑަށް ކުޅޭ އިރަކުންޑާ ވަނީ ކައުންޓަ އެޓޭކެއްގައި ރަނގަޅު ތަނަަށް އަރައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ހަކަން ޗަނޮނޯލޫ އާއި އާޑާ ގުލާ ފަދަ ކުޅުންތެރިންނާ އެކު އޮތް ތުރުކީ ޓީމުން އެޓޭކްތައް ކޮށް ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއްނުވި އެވެ. ތުރުކީގެ އެޓޭކަށް ގިނަ ކުުޅުންތެރިންތަކެއް ދިޔަ ނަމަވެސް އޮސްޓްރޭލިއާގެ ގޯލު ބެލެހެއްޓި ކީޕަރު، ޕެޓްރިކް ބީޗް ވަނީ ރަނގަޅު ކުޅުމެއް ދައްކައި ހަމަލާތައް ހުއްޓުވުމުގައި ކުރިހޯދައިފަ އެވެ. 
މެޗުގެ ތިން ޕޮއިންޓް އޮސްޓްރޭލިއާ އަށް ޔަގީންކޮށްދިނުމުގައި އެންމެ ބޮޑު އިތުބާރެއް ހޯދައިދިނީ، މެޗުގެ 75 ވަނަ މިނިޓްގައި އޭރިއާބޭރުން ފޮނުވާލި ޝޮޓަކުން ކޯނާ މެޓް ކޯލްފޭ ޖެހި ގޯލުންނެވެ. 
އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ތުރުކީން އެޓޭކަށް ގިނަ ކުޅުންތެރިންތަކެއް ފޮނުވައިގެން ގޯލެއް ޖެހޭތޯ މަސައްކަތްކުރި ނަމަވެސް، އޮސްޓްރޭލިއާ އިން ވަރުގަދަ އަށް އަތުރާލާފައިވާ ޑިފެންސްލައިން ފޫއަޅުވާލައި ގޯލެއް ޖެހޭގޮތެއްނުވި އެވެ. 
ގްރޫޕް ޑީގައި ފުރަތަމަ މެޗުތައް ނިމުނުއިރު، އެމެރިކާ އާއި އޮސްޓްރޭލިއާ އިން ފުރަތަމަ މެޗުތަކުން މޮޅުވެ، މި ވަނީ އިތުބާރު ހޯދައިފަ އެވެ. އެމެރިކާ އިން ފުރަތަމަ މެޗުގައި ވަނީ 4-1 އިން ޕެރަގުއޭ ބަލިކޮށްފަ އެވެ. އޮސްޓްރޭލިއާ އިން މީގެ ހަތަރު އަހަރު ކުރިން، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ގަދަ 16 ބުރުގައި ވާދަކުރި އެވެ. އަދި، މި ފަހަރުގެ މުބާރާތުގައި ވެސް ނޮކައުޓް ބުރަށް ދިއުމުގެ ފުރުސަތު އެ ޓީމަށް މި އޮތީ ފަހިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ