ރާއްޖޭގެ މެރިޓައިމް ލޮޖިސްޓިކްސްގެ ގާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ކަމަށްވާ ތިލަފުށީ ޕޯޓް ތަރައްގީކުރުމަށް ބޭނުންވާ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) އަދި ބެތިމެޓްރިކް ސާވޭ ހަދައިދޭނެ ގާބިލު ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަލުން ބިޑަށް ހުޅުވާލައިފިއެވެ.
ތިލަފުށީގައި ގާއިމުކުރާ މި ޕޯޓަކީ ރާއްޖޭގެ މައި ލޮޖިސްޓިކްސް ހަބަކަށް ހެދުމަށާއި، މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ތަރައްގީކުރާ ތަނެކެވެ. މި މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ އަދި ރާއްޖޭގެ އެތެރޭގެ އުޅަނދުފަހަރަށް ހާއްސަ ބަނދަރުތަކާއި، މުދާ އުފުލާ ބޭލުމަށް ބޭނުންވާ ވަސީލަތްތަކާއި، އެހެނިހެން ޔުޓިލިޓީ ހިދުމަތްތައް ގާއިމުކުރެވޭނެއެވެ.
އެމްޕީއެލްގެ ޓާމްސް އޮފް ރިފަރެންސްގައިވާ ގޮތުން، މި މަޝްރޫއުގެ ދަށުން ފުން ކަނޑުގެ ކީވޯލަކާއި، އެތެރޭގެ އުޅަނދުފަހަރަށް ހާއްސަ ކީވޯލެއްގެ އިތުރުން، އަވަހަށް ހަލާކުވާ މުދަލަށް (ޕެރިޝަބަލް ކާގޯ) ހާއްސަ ޓާމިނަލަކާއި، ކޮންޓެއިނަރު ޔާޑުތަކާއި، އިދާރީ އިމާރާތްތަކާއި، އެތެރޭގެ މަގުތަކާއި، ފެން ހިންދާ ނިޒާމު އަދި ނެރު ފުންކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި ލިޔުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މަޝްރޫއަކީ ރާއްޖޭގެ މެރިޓައިމް ލޮޖިސްޓިކްސް ޒަމާނީ ކުރުމަށް ހިންގާ ބޮޑު މަޝްރޫއެކެވެ.
"ކ. ތިލަފުށީ ޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ ބޯޓުފަހަރަށް ހާއްސަ ކީވޯލަކާއި 650 މީޓަރުގެ އެތެރޭގެ ކީވޯލެއްގެ އިތުރުން، ބަނދަރަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރެވޭނެ،" ޓާމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވެއެވެ.
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ މާލެއާ ގާތްގަނޑަކަށް 10 ކިލޯމީޓަރު ހުޅަނގުން، ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ހިއްކި ސަރަހައްދުގައި އޮތް އެމްޕީއެލްގެ ބިމުގައެވެ. މި ސަރަހައްދުގައި މިހާރުވެސް ބޭނުންކުރަމުންދާ ކީވޯލްތަކާއި ހުސް ކޮންޓެއިނަރު ބަހައްޓާ ޑިޕޯއެއް ހުރިއިރު، މަސައްކަތުގެ ދުވަސްވަރު މި ތަންތަން ބޭނުންކުރެވިދާނެއެވެ.
މަސައްކަތުގެ ދާއިރާގެ ދަށުން، ކަނޑައެޅޭ ކޮންސަލްޓަންޓް ތިމާވެށީގެ އަސާސީ ހާލަތު ދެނެގަނެ، މަސައްކަތް ހިނގަމުންދާ ވަގުތާއި ބަނދަރު ބޭނުންކުރަން ފެށުމުން ކުރިމަތިވެދާނެ އަސަރުތައް ވަޒަންކުރަންޖެހޭނެއެވެ. އަދި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި، އެންވަޔަރަންމަންޓަލް މެނޭޖްމަންޓް އަދި މޮނިޓަރިން ޕްލޭންތައް އެކުލަވާލަންޖެހޭނެއެވެ. މީގެ އިތުރުން، ސަރުކާރުގެ އިދާރާތަކާއި، މަސްވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެހެނިހެން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
މަޝްވަރާކުރަންޖެހޭ އިދާރާތަކުގެ ތެރޭގައި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމް.އެމް.އާރު.އައި)، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) ހިމެނެއެވެ. އަދި މާލެ ނުވަތަ ތިލަފުށީގައި އާންމުންނަށް ހުޅުވާލައިގެން މަދުވެގެން އެއް މަޝްވަރާ ބައްދަލުވުން ބޭއްވުމަށްވެސް ކޮންސަލްޓަންޓަށް ލާޒިމުކުރެއެވެ.އީ.އައި.އޭގެ އިތުރުން، މި މަސައްކަތުގެ ތެރޭގައި ކަނޑުއަޑީގެ އޮނިގަނޑު ދެނެގަތުމަށާއި އިންޖިނިއަރިން ފަރުމާތަކަށް އެހީތެރިވުމަށްޓަކައި، މަޝްރޫއު ހިންގާ ސަރަހައްދުގެ ތަފްސީލީ ބާތިމެޓްރިކް ސާވޭއެއް ހެދުން ހިމެނެއެވެ. ޓާމްސް އޮފް ރިފަރެންސްގައިވާ ގޮތުން، މި ސާވޭއަކީ ފަޅު ފުންކުރުމާއި ނެރުގެ ފަރުމާ ކުރުމަށާއި، ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން އީ.އައި.އޭ މަރުހަލާގައި ބޭނުންކުރާ ތިމާވެށީގެ މައުލޫމާތުތައް އިތުރަށް ފުރިހަމަކުރުމަށް ކޮންމެހެން ބޭނުންތެރި ސާވޭއެކެވެ.
ބާތިމެޓްރިކް ސާވޭ ކުރިއަށްދާނީ ބައިނަލްއަގުވާމީ އަދި ރާއްޖޭގެ އެތެރޭގެ އުޅަނދުފަހަރަށް ހާއްސަ ޖެޓީތަކާއި ނެރު ހިމެނޭ ގޮތަށް، މަޝްރޫއު ހިންގުމަށް ކަނޑައެޅިފައިވާ މުޅި ސަރަހައްދުގައެވެ. މީގެ އިތުރުން، ކަނޑުގެ އަޑީގެ ފޮޓޯ ނެގުމާއި، ކޮންޓުއާ މެޕްތަކާއި، ރޯ ސައުންޑިންގް ޑޭޓާ އަދި ފަންނީ ރިޕޯޓުތައް މަސައްކަތް ނިމުމުން ހުށަހަޅަންޖެހޭނެއެވެ.
އެމްޕީއެލް އިން ބުނި ގޮތުގައި މި ޓެންޑަރުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 16 ޖޫން 2026 ގެ މެންދުރުފަހު 2:00ގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެއެވެ. އަދި ސާފުކުރަން ބޭނުންވާ ކަންކަންވެސް އެ މުއްދަތުގެ ކުރިން ([email protected])މެދުވެރިކޮށް ހުށަހަޅަންޖެހޭނެއެވެ.
އަގު ހުށަހެޅުން އޮންނާނީ 18 ޖޫން 2026 ގެ ހެނދުނު 11:00 ގައި އެމްޕީއެލްގެ ހެޑް އޮފީހުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ބިޑް ލިޔެކިޔުންތަކުގައިވާ ގޮތުން، ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރާނީ އަގާއި، ފައިސާ ދައްކާނެ ގޮތުގެ އުސޫލާއި، މަސައްކަތް ނިންމާނެ މުއްދަތަށް ބަލައިގެންނެވެ. އަދި ބިޑް ހުށަހަޅާ ފަރާތްތަކަކީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި މި ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވާންޖެހޭނެއެވެ.
ހޮވޭ ކޮންސަލްޓަންޓުގެ ޒިންމާއަކީ އީޕީއޭ އަށް ހުށަހެޅުމަށްޓަކައި އީއައިއޭ ރިޕޯޓު ތައްޔާރުކުރުމާއި، ރެގިއުލޭޓަރީ އިދާރާތަކުން ފާހަގަކުރާ ކަންކަމަށް ޖަވާބުދާރީވުމާއި، މަޝްރޫއު ފެށުމުގެ ކުރިން ހޯދަންޖެހޭ ތިމާވެށީގެ ހުއްދަތައް ހޯދުމެވެ.
ތިލަފުށީ ޕޯޓް ތަރައްގީ ކުރުމަށް އީއައިއޭ ހަދާނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ