ވަގަށް ނެގި ތަކެތީގެ ތެރޭގައި ކޭންގެ "ހާއްސަ ބޫޓެއް" ހިމެނޭ

ކަންސަސް ސިޓީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 14) - މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅެން، އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުން އެމެރިކާގެ ކަންސަސް ސިޓީގައި ކޭމްޕްކޮށްފައިވާތަނުން ހިނގި ވައްކަމުގެ ތެރޭގައި، އިނގިރޭސި ޓީމުގެ ކެޕްޓަން، ހެރީ ކޭންގެ "ހާއްސަ ބޫޓެއް" ވެސް ވަގަށް ނެގި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ. 
ޖުމްލަ އެކު، 50،000 ޑޮލަރަށް ވުރެން އަގުބޮޑު ތަކެތި ވަގަށް ނެގިއިރު، ކަންސަސް ސިޓީ ޕޮލިހުން ވަނީ މިހާރު އޭގެއިން މެޖޯރިޓީ ތަކެތި ހޯދައިފަ އެވެ. އަދި، އެ ތަކެތި ހޯދީ އެކަމާ ގުޅުން ހުރި ދެ މީހަކު ހައްޔަރުކުރުމަށް ފަހު އެވެ. ވަގަށް ނެގި ތަކެތީގެ ލިސްޓެއް ވަކީލުން މެދުވެރިކޮށް، އިންގްލެންޑް ޓީމުން ވަނީ ފުލުހުންނަށް ހުށަހަޅާފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ، ހަތަރު ބޫޓާއި ލަޔަން މެސްކޮޓަކާއި ގޯލްކީޕަރު އަންގި އާއި ލެގޯ ސެޓެެކެވެ. ދެން، ލިސްޓުގައި ހިމެެނެނީ، ފަސް ޓްރެއިނިން ބޫޓާއި ކުޅުންތެރިން ސޮއިކޮށްފައިވާ ގިނަ އަދަދެެއްގެ ޖޯޒީތަކެކެވެ. 
މި ތަކެތި ވަގަށް ނަަގާފައިވަނީ އިންގްލެންޑް ޓީމުން ބޭނުން ކުރަމުން އައި ވޭނެއްގެ ތެރެއިންނެވެ. މި ތަކެތި ވައްކަން ކުރުމުގައި ކަންތައްތައް ހިނގި ގޮތް ކަންސަސް ޕޮލިހުން ވަނީ އިންގްލެންޑްގެ ވަކީލަށް ކިޔައިދީފަ އެވެ. 
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ވަގަށް ނެގި ތަކެތީގެ ތެރޭގައި، ކޭންގެ ހާއްސަ ބޫޓެއް ހިމެނެ އެވެ. އެއީ، ފާއިތުވި ސީޒަނުގައި، ޖަރުމަނު ލީގުގައި ބަޔާން މިއުނިކަށް ކުޅުނުއިރު، ގިނަ މެޗުތަކެއްގައި އޭނާ ބޭނުންކުރި ކަސްޓަމައިޒް ބޫޓެކެވެ. އަދި، އެ ބޫޓު ތައްޔާރުކުރީ ވެސް މި ފަހަރުގެ ވޯލްޑް ކަޕްގައި ބޭނުންކުރާ ގޮތަށް ހޫނު މާހައުލެއްގައި ކުޅެން ފަސޭހަވާނެ ގޮތަށް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. 
ވަގަށް ގެންދިޔަ ތަކެތީގެ ތެރެއިން ގިނަ އެއްޗެހި އަނބުރާ ހޯދާފައިވާއިރު، އޭގެ ތެރޭގައި ކޭންގެ ބޫޓު ހިމެނޭ ކަމުގެ ސީދާ މައުލޫމާތެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިނުވެ އެވެ. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ