ނަޝީދާއި މީކާއިލް ބައްދަލުކުރައްވައިފި

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްއާ އެ މަގާމަށް އަލަށް އިންތިހާބުވެވަޑައިގަތް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވައިފި އެވެ. 
މިދިޔަ ހުކުރު ދުވަހު ބޭއްވި އެ އިންތިހާބު، ކުރިން ވެސް އެމްޑީޕީގެ ޗެއާޕާސަންކަން ކުރެއްވި ނަޝީދު ކާމިޔާބުކުރީ ބޮޑު ތަފާތަކުންނެވެ. އެގޮތުން ނަޝީދަށް 21،000 ވޯޓު ލިބުނުއިރު މީކާއިލްއަށް ލިބުނީ 9،000 ވޯޓެވެ. 
ނަޝީދު މިއަދު ވަނީ ޗެއާޕާސަން ކަމުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވެވަޑައިގެންފަ އެވެ. އަދި، އިންތިހާބުގެ ވާދަވެރި ކެންޑިޑޭޓް މީކާއިލްއާ އެކު ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ނަޝީދު ވަނީ މީކާއިލް ކުރެއްވި މަސައްކަތަށް ސާބަސް ދެއްވައިފަ އެވެ. 
ނަޝީދު ވިދާޅުވި ގޮތުގައި މީކާއިލް ވަނީ ވަރަށް ރަނގަޅު މަސައްކަތެއް ކުރައްވައިފަ އެވެ. އަދި ކެމްޕެއިންގައި ވަރަށް ރަނގަޅު "ފައިޓެއް" ދެއްވިކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. 
The most trusted news source in the Maldives
އިންތިހާބުވުމަށްފަހު ބޭއްވި އުފާފާޅުކުރުމުގައި ވެސް ނަޝީދު މީކާއިލްއަށް ތައުރީފު ކުރެއްވި އެވެ. އެގޮތުން މީކާއިލްގެ ހިތްވަރާއި ކުރެއްވި މަސައްކަތަކީ ބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް ލިބޭނެ ކަމެއް ކަމަށާއި އެކަމުން ޒުވާނުން މިސާލު ނަގަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އިންތިހާބަށްފަހު  އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މީކާއީލް ވިދާޅުވެފައިވަނީ އޭގެ އިރުކޮޅެއް ކުރިން ނަޝީދަށް ފޯނުން ގުޅުއްވައި، މަރުހަބާ ދެންނެވި ކަމަށެވެ. އަދި އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެ ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް އާ އަޒުމެއްގައި މަސައްކަތް ކުރާނެ ކަމަށް ވެސް މީކާއިލް ވިދާޅުވެފައިވެ އެވެ. 
ނަޝީދު މިއަދު ވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމްއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ ވެސް ބައްދަލު ކުރައްވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. 
ޗެއާޕާސަންގެ އިންތިހާބުގައި މީކާއިލްއަށް ތާއިދު ކުރެއްވީ އިބޫގެ ފެކްޝަންގެ ބޭފުޅުންނެވެ. އަދި ނަޝީދު ކެމްޕެއިންނަށް ނުކުންނެވީ ފައްޔާޒުއާ އެކު "ބޮޑު ބަދަލު"ގެ ތަސައްވުރަކާ އެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ