ލަންކާގައި މި އަހަރު ޑެންގީގެ 41،000 ކޭސް، 24 މަރު

ސްރީ ލަންކާގައި މި އަހަރުގެ މިހާތަނަށް ޑެންގީ ހުމުގެ 41،144 ކޭސް ރިޕޯޓްކޮށްފައިވާއިރު، މި ބަލީގައި 24 މީހަކު ވަނީ މަރުވެފައިވާ ކަމަށް ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުން ބުނެފި އެވެ. 
އެ އިދާރާގެ އެކްޓިން ޑިރެކްޓަރު ޑރ. ކަޕިލާ ކަންނަންގާރާއާ ހަވާލާދީ ލަންކާގެ މީޑިއާގައި ބުނެފައިވާ ގޮތުގައި، ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ ގާތްގަނޑަކަށް 51 ޕަސެންޓް ހިއްސާކުރަނީ ވެސްޓާން ޕްރޮވިންސުންނެވެ. އަދި ފަހަކަށް އައިސް، ބަލިޖެހޭ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް ދަށަށް ދިޔަ ނަމަވެސް، ދުވާލަކު ބަލިޖެހޭ މީހުންގެ އަދަދު އަދިވެސް އުޅެނީ 600 އިން މަތީގަ އެވެ.
ޑެންގީ ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުންގެ އަދަދު އިތުރުވަމުންދާތީ، ހޮސްޕިޓަލްތަކަށް ބާރުބޮޑުވަމުންދާ ކަމުގެ އިންޒާރު ސިއްހީ މާހިރުން ވަނީ ދެއްވައިފަ އެވެ. އަދި މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި، ބަލީގެ އަލާމާތްތައް ފެނުމުން ލަސްނުކޮށް އަވަހަށް ފަރުވާ ހޯދުމަށް އާންމުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
 ލަންކާގެ 14 ޑިސްޓްރިކްޓެއްގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް އެ ގައުމުގެ ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުން މިދިޔަ ހަފްތާގައި ވަނީ ބުނެފަ އެވެ. 
 ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ފަހަކަށް އައިސް، ޑެންގީ ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވަނީ ޖެނުއަރީ މަހުން ފެށިގެން ހުއްޓުމެއްނެތި ކުރަމުންދާ ވިއްސާރައިގެ ސަބަބުން، މަދިރި އާލާވުމަށް ފަހި މާހައުލެއް އުފެދުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ