ދ. މީދޫ ކައުންސިލް ރައީސްގެ އިންތިޚާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ އާއްމުކޮށްފިއެވެ.
މިއަދު އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ، ދ.މީދޫ ކައުންސިލްގެ އިތުރު ބުރުގެ ވޯޓުގެ ރަސްމީ ނަތީޖާ އިން ދައްކާ ގޮތުން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް އެ އިންތިޚާބު ކާމިޔާބުކުރައްވާފައި ވަނީ އިންތިޚާބުގައި ވޯޓުލީ މީހުންގެ %54.09 ވޯޓު ހޯއްދަވައިގެންނެވެ.
ހޮނިހިރު ދުވަހު ބޭއްވި މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 1049 މީހުންގެ ތެރެއިން ވޯޓުލާފައި ވަނީ 985 މީހުންނެވެ. އޭގެ ތެރެއިން ސައްޙަ ވޯޓުގެ އަދަދަކީ 978 އެވެ.
ދ. މީދޫ ކައުންސިލްގެ ރައީސްގެ އިންތިޚާބު ކާމިޔާބުކުރެއްވި ސުހާ އަށް 529 ވޯޓު ލިބިވަޑައިގަންނަވާފައިވާއިރު އޭނާ އާއި ވާދަކުރެއްވި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް، އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް ލިބިވަޑައިގެންނެވީ 499 ވޯޓެވެ.
އެ އިންތިޚާބުގެ ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ސުލްހަވެރިކަމާއި، އޮމާންކަމާއި އެކުގައެވެ. އަދި ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމުން ވަނީ އެ އިންތިޚާބުގެ އިންތިޒާމުތައް ފުރިހަމަ ކަމަށް ފާހަގަކުރައްވާފައެވެ.
ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމުގެ އިތުރު ބުރެއް ބާއްވާފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026ގައި އެރަށުގައި ބެހެއްޓި ދ. މީދޫ-2 ނަންބަރު ވޯޓު ފޮށީގެ މީދޫ ދާއިރާގެ 1 ވޯޓު ކަރުދާސް ސައްޙަ ކަމަށް ކަނޑައަޅައި ޙުކުމް ކުރުމާއި ގުޅިގެން ކައުންސިލް ރައީސްގެ މަޤާމަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ ޢަދަދަށްވުރެ ގިނަ އަދަދެއްގެ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީއެވެ.
ދ. މީދޫ ކައުންސިލް ރައީސްގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ އާއްމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ