ނިމިދިޔަ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ މާލޭގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި ބޮޑު މުޒާހަރާ ގުޅިގެން އެ މުޒާހަރާގައި ބައިވެރިވި އަށް މީހެއްގެ މައްޗަށް ހިންގާ ޝަރީއަތް ބުދަ ދުވަހު ފެށުމަށް ތާވަލުކޮށްފި އެވެ.
ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އުފުލީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، ހުޅުމާލެ އުތުރު ކައުންސިލަރު ފާތިމަތު ޒަހިއްޔާ، އަބްދުއްސަލާމް، މުހައްމަދު ހަމާއިދު އަބްދުލްޣަނީ، އަލީ ނައުފަލް، އައިޝަތު ނަޖުދާ އަލީ، އަލީ މުއައްވަޒު، އަދި ހުސައިން ރަޝީދުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގައި އެ މީހުންގެ މައްޗަށް ޝަރީއަތް ފަށާނީ ބުދަ ދުވަހުގެ ހެނދުނު 10:00 ގަ އެވެ. މައްސަލައިގައި ހިމެނޭ މީހުންނަށް މިހާރު ކޯޓަށް ހާޒިރުވުމުގެ އަމުރު އަންނަނީ ހަވާލުކުރަމުންނެވެ.
އެމްޑީޕީގެ މުޒާހަރާ ފެށީ އާޓިފިޝަލް ބީޗުން ފެށުމަށް ފަހު މަޖީދީ މަގުން ކުރިއަށްދާން މަސައްކަތް ކުރުމުން ފުލުހުން ބާރާއި ހަތިޔާރު ބޭނުންކޮށްގެން މުޒާހަރާއަށް ހުރަސް އެޅި އެވެ.
އެ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ގަވާއިދާ ހިލާފަށް ބާރުގަދަ އަޑު ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، މުޒާހަރާ ރޫޅާލައިފަ އެވެ. އޭގެ އިތުރުން ޕެޕާ ސްޕްރޭ ވެސް ބޭނުން ކުރި އެވެ.
މުޒާހަރާގެ ތެރެއިން ފުލުހުން އަށް މީހަކު ހައްޔަރުކޮށް، އޭގެ ތެރެއިން ހަ މީހަކު 15 ދުވަހަށް ބަންދުކުރި އެވެ.
އޮކްޓޯބަރު 3، ގައި މުޒާހަރާކުރި އަށް މީހުންގެ މައްޗަށް ބުދަ ދުވަހު ޝަރީއަތް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ