އިންޑިއާއިން އުޅުނީ ރާއްޖެއަށް އަތްގަދަކުރަން ކަމަށް ނުސީދާކޮށް މުންދު ވިދާޅުވެއްޖެ

އިންޑިއާއިން އުޅުނީ ރާއްޖެއަށް އަތްގަދަކުރަން ކަމަށް ނުސީދާކޮށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ. 
ނުކުތާގެ ޕްރޮގްރާމެއްގައި މުންދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގައިރު ޒިންމާދާރުކޮށް އަމަލުކޮށް، ވަކި ކަންތައްތަކެއް ހާސިލުކުރުމަށް ގައުމެއްގެ އުނގަށް އެރި ކަމަށެވެ. އެ ގައުމަކީ އިންޑިއާކަން ސިފަކުރެވޭ ގޮތަށް ނުސީދާކޮށް މުންދު ވިދާޅުވީ ސޯލިހުގެ ސަރުކާރުން ކުރި ކަމަކީ ވަރަށް ގެއްލުން ބޮޑު ކަމެއް ކަމަށެވެ. 
"ސޯލިހުގެ ވެރިކަމުގައި ވަރަށް މި ދެންނެވިކަހަލަ ގައިރު ޒިންމާދާރު ކަންތައްތަކެއް ކުރިއޭ. ލާރިކޮޅެއް ހޯދަންވީމަ ނޫނިއްޔާ ވަރަށް ބޮޑަށް ތިމަންމެންގެ ސިޔާސީ މުސްތަގުބަލު އިންސިއުލޭޓްކުރުމުގެ ނިޔަތުގައިވިޔަސް ގޮސްފައި ވަކި ބައެއްގެ އުނގަށް އެރުން. ވަކި ބަޔަކާ ވަކި ވަރަކަށް ކައިރިވުން އެއީ ވަރަށް ޑޭންޖަރަސް ކަމެކޭ. އަބަދުވެސް އެއްކަލަ މިބުނާހެން ލަގަން އިންނަންވާނީ އަމިއްލަ އަތުގައޭ،" އެ ޕްރޮގްރާމުގައި މުންދު ވިދާޅުވި އެވެ. 
ސޯލިހުގެ ވެރިކަމުގައި ވީ ކަންތައްތަކުން އިންޑިއާ ގޯސްކުރެވެން ނެތްކަން ފާހަގަކުރައްވާ މުންދު ވިދާޅުވީ ކޮންމެ ގައުމަކުންވެސް ކަންކަން ކުރަމުންދާނީ އަމިއްލަ އެދުމެއް އޮވެގެން ކަމަށްވާއިރު، ކޮންމެ ބަޔަކުވެސް ބޭނުންވާނީ އެބައެއްގެ ނުފޫޒު އިތުރުކުރަން ކަމަށެވެ. 
އޭނާ ވިދާޅުވީ ރާއްޖެއަކީ ބޮޑު ގައުމެއްނަމަ ރާއްޖެއިންވެސް އަމަލުކުރާނީ އަމިއްލަ އެދުމާއެކުގައި ކަމަށާއި، ރާއްޖެއިންވެސް އެކި ކަންކަމުގައި ރާއްޖޭގެ ނުފޫޒު ގަދަކުރަން ބޭނުންވާނެ ކަމަށެވެ. 
"އޭގެ މާނައަކީ އިންޑިއާއެއް ނޫނީ އެހެން ބަޔަކު ބްލޭމްއެއް ނުކުރެވޭނެއޭ. ކޮންމެ ބަޔަކުވެސް މި މައިދާނަށް ނުކުމެ އުޅޭނީ ސެލްފް އިންޓްރެސްޓުގައި. ރައިޓް. އެމީހުން ބޭނުންވާނެ އެ މީހުންގެ ނުފޫޒު އިތުރުކުރަން. ބަލަ އަހަރުންނަށްވެސް އަހަރުމެންނަކީ އެ ސައިޒުގެ ބައެއްނަމަ އަހަރުންވެސް އުޅޭނީ އެހެން ކަންނޭނގޭ. އަހަރުމެންވެސް ބޭނުންވާނެ އަހަރުމެންގެ ނުފޫޒު ގަދަކުރަން. ނޫންތަ." އިންޑިއައަށް އިޝާރާތްކުރައްވާ މުންދު ވިދާޅުވި އެވެ. 
މުންދު ވިދާޅުވީ ގައުމެއް އެންމެ ފުރަތަމަ އަޅުވެތިކުރެވޭނީ އިގްތިސޯދީގޮތުން ކަމަށެވެ. ރާއްޖެ ސަރަހައްދުގައި ހިމެނޭ ބައެއް ގައުމުތައް އެމީހުން ބޯނެ ފެނާއި ގެތަކަށް ފޯރުކޮށްދޭ ކަރަންޓަކީ އެހެން ގައުމުތަކަށް ބަރޯސާވެގެން ހޯދާ އެއްޗެހި ކަމަށެވެ. އެ ގައުމުތަކުން ވަލަށް ދޫކޮށް، އަނެއް ގައުމުން ވަލަށް ބާރު ކުރަން ދިން ފުރުސަތާއެކު ތިބީ އަތަށް ވާ އޮޅިފައި ކަމަށް އޭނާ ވިދާޅުވި އެވެ. 
"އެންމެ ފުރަތަމަ އަޅުވެތިކުރެވޭނީ އިގްތިސޯދީގޮތުން ދޯ. އަހަރުމެން މިސާލަކަށް ކައިގެން ބޮއެގެން އުޅޭ އެއްޗެއް އެއީ އެ މީހުން ދޭ އެއްޗަކަށް ވެއްޖެއްޔާ އަހަރުން ދަށުވީނު. އެބަހުރި ގައުމުތައް ނަން ނުކިޔަމާ، އަހަރުމެން ރީޖަންގައި އެބަހުރި މީހުން ބޯނެ ފެންކޮޅު އަނެއް ގައުމަށް ބަރޯސާވާ ބައެއް. އެ މީހުން ގޭގައި ހުރި ކަރަންޓު އެއީ އަނެއް ގައުމަށް ބަރޯސާވާ ބައެއް." މުންދު ވިދާޅުވި އެވެ. 
"ނަން ނުކިޔަމާ. މި ލެވެލްއަށް ނުވިސްނި މަޑުމަޑުން އެއްކަލަ ވަލުން ދޫކުރަމުން ކުރަމުން ކުރަމުން ގޮސް، މިކޮޅުން ދޫކުރާ ވަރަކަށް އެކޮޅުން ދަމާނެ ނު ވަލަށް. އެހެންގޮސްފައި އެމީހުން އަތަށް މިއޮތީ ވާ އޮޅާލާފައި." 
މުއިއްޒުގެ ވެރިކަމުގައި އިންޑިއާގެ އެހީތެރިކަން ހޯދަމުން އަންނައިރު، ވެރިކަމަށް ވަޑައިގަތީ އިންޑިއާގެ އަސްކަރިއްޔާ ބޭރުކުރުމުގެ ވައުދާއެކު އެވެ. ނަމަވެސް އިންޑިއާއަށް ބަރޯސާވާންޖެހޭ މިންވަރު ބޮޑުވުމުގެ ސަބަބުން މުއިއްޒުގެ އެ ވައުދު އޮތީ ނުފުއްދި އެވެ.
ކުރިން ވެރިކަމުގައި އޮތް އެމްޑީޕީގެ ސަރުކާރުން އިންޑިއާއާއެކު ވަރަށް ގާތް ގުޅުމެއް ބާއްވައި، ހާރިޖީ ސިޔާސަތުގެ ގޮތުގައި “އިންޑިއާ ފަސްޓް” ޕޮލިސީ ގެންގުޅުނު ނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އިންޑިއާ އާ އޮތް ޒަމާންވީ ގުޅުމަށް ބުރޫ އަރައިގެންދިޔަ އެވެ.
ނަަމަވެސް، ރާއްޖޭގައި ތިބި ޔުނިފޯމު ލީ އިންޑިއާގެ ސިފައިންގެ ބަދަލުގައި އިންޑިއާގެ އަސްކަރިއްޔާގެ ދަށުން ހިންގާ ހިންދުސްތާނު އޭރޮނެޓިކްސްގެ މުވައްޒަފުން ހެލިކޮޕްޓަރުތަކާއި މަތިންދާ ބޯޓު ދުއްވަން ގެނައުމަށް ފަހު، އިންޑިއާގެ އަސްކަރިއްޔާ ބޭރުކުރަން ވީ ވައުދު ފުދިއްޖެ ކަމަށް ވިދާޅުވެ މުއިއްޒު ވަނީ ދޮގު ހަދައިފަ އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ފަހުން ރަނގަޅުވީ ދެ ގައުމުގެ ވެރިން ބައްދަލުކުރައްވާ ސުލްހަކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ