ވޯލްޑްކަޕް ވޯލްޑްކަޕް އެމެރިކާއިން ބޭރުކުރި ސޯމާލިއާ ރެފްރީއަށް ވޯލްޑް ކަޕް 2026 ގެ މުސާރަ ދެނީ

އެމެރިކާއަށް އެތެރެވުން މަނާކުރުމުގެ ސަބަބުން ވޯލްޑް ކަޕް 2026 ގައި ރެފްރީކަން ކުރުމުގެ ފުރުސަތު ގެއްލުނު ސޯމާލިއާގެ ރެފްރީ އޮމަރު އަބްދުލްކާދިރު އާރްތާންއަށް، އެ މުބާރާތުން ލިބެންޖެހޭ ފުރިހަމަ މުސާރަދޭން ފީފާއިން ނިންމައިފިއެވެ.
މިމަހުގެ ކުރީކޮޅު އެމެރިކާގެ މަޔާމީ އިންޓަނޭޝަނަލް އެއާޕޯޓުން އާރްތާން ހިފަހައްޓައި، 11 ގަޑިއިރު ވަންދެން ސުވާލުކުރުމަށްފަހު އެގައުމަށް އެތެރެވުން ވަނީ މަނާކޮށްފައެވެ. އެމެރިކާގެ އިމިގްރޭޝަން އޮފިޝަލުން މި ފިޔަވަޅު އެޅީ، އޭނާ އަކީ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުންހުރި މީހެއްކަމަށް ތުހުމަތުކުރެވޭ ކަމަށް ބުނެއެވެ. ނަމަވެސް، މި ތުހުމަތުތައް އާރްތާން ވަނީ ދޮގުކޮށްފައެވެ.
މުބާރާތުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ގެއްލުނު ނަމަވެސް، ފީފާއިން ނިންމީ އާރްތާންއަށް މާލީގޮތުން ގެއްލުމެއް ލިބުނަ ނުދިނުމަށެވެ. އާންމުކޮށް ރެފްރީންނަށް މުސާރަ ދެނީ މުބާރާތުގައި ރެފްރީކަން ކުރުމުން ކަމަށްވީނަމަވެސް، ފީފާގެ މި ނިންމުމަކީ އޭނާއަށް ދިން ބޮޑު އެހީތެރިކަމެކެވެ.
އެމެރިކާއަށް އެތެރެވުމުގެ ފުރުސަތު އާރްތާންއަށް ނުދިނުމުން ސޯމާލިއާގެ ޒުވާނުންނާއި އެގައުމުގެ އިސް އޮފިޝަލުން ވަނީ މިކަން ކުށްވެރިކޮށް، މިއީ ފުޓްބޯޅައިގެ ރޫހާ ހިލާފު ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އާރްތާންއަކީ އެފްރިކާގެ އެންމެ ފާހަގަކޮށްލެވޭ ރެފްރީންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ.
ވޯލްޑް ކަޕްގެ ތާރީހުގައި މިހާތަނަށް ސޯމާލިއާގެ ރެފްރީއަކު ރެފްރީކަން ކޮށްފައެއް ނުވެއެވެ. މިފަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ގެއްލުމުން، 2030 ގެ ވޯލްޑް ކަޕުން އާރްތާންއަށް ފުރުސަތު ދޭން ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ