އެމްޑީޕީގެ ސިޔާސަތުތަކަކީ ރާއްޖެއަށް ގެއްލުމާއި ހަލާކު ގެނުވި "ފަނާކުރަނިވި" ފިކުރެއް ކަމަށާއި، މި ސަރުކާރުން ގެންގުޅެނީ ޤައުމު ބިނާކުރުމުގެ ފިކުރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދ.އަތޮޅު މީދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީއަށް ލިބުމުން އެކަން ފާހަގަ ކުރުމަށް މިހާރު އެރަށުގައި ކުރިއަށް ގެންދާ ޖަލްސާއެއްގައި ވޭތުވެދިޔަ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތުތަކާއި މި ސަރުކާރުގެ ސިޔާސަތުތަކުގެ ތަފާތު ބަޔާންކޮށްދެއްވަމުންނެވެ.
ރައީސް ވިދާޅުވީ، މާ ދުރުނޫން މާޒީއެއްގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޮޑު ބައެއް ޤާނޫނުއަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި ދޫކޮށްލާފައިވާ ކަމަށެވެ. އެހެންނަމަވެސް، މި ސަރުކާރުގެ ބިނާކުރަނިވި ފިކުރުގެ ދަށުން އެ ސަރަޙައްދު އަނބުރާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އެ ގެއްލުވާލި، އެ ދޫކޮށްލި، އެ ވިއްކާލި ކަނޑުގެ ސަރަޙައްދު އެއީ ރަސްމީކޮށް އަނެއްކާވެސް ޤާނޫނީ ހަމަތަކުގެ މަތީން އަޅުގަނޑުމެންގެ ބައެއް ކަމުގައި އަޅުގަނޑުމެން ވާނީ ކަނޑައަޅާފަ،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ "ދިވެހިން އިސްކުރުން" ނުވަތަ "މޯލްޑިވްސް ފަސްޓް" ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ވަކި ޤައުމެއް ބޭނުންވާ ގޮތަށް ކަންކަން ކުރުމުގެ ބަދަލުގައި އިސްކުރާނީ ދިވެހިންނަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ. މީގެ އިތުރުން، ކުރީގެ ސަރުކާރުން އިޒުރޭލާ ގާތް ގުޅުމެއް ބާއްވަން އުޅުނު ނަމަވެސް، މި ސަރުކާރުން ވަނީ އިޒުރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށްފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީގެ ސަރުކާރުތަކުގައި ދީނާ ދުރު ސިޔާސަތުތަކެއް ގެންގުޅުނު ކަމަށް ތުހުމަތު ކުރައްވަމުން ރައީސް ވިދާޅުވީ، އޭރު ފެނިގެންދިޔައީ ޢަޤީދާއަށް ޖޯކުޖެހި މީހުންނަށް ރައްޔިތުންގެ ފައިސާއިން މުސާރަ ދިން މަންޒަރު ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ އެންމެ މައިގަނޑު އަސާސަކީ އިސްލާމްދީނަށް ނަޞްރު ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޢަރަބިއްޔާ ސްކޫލްގެ މައްސަލައަށް އިޝާރާތް ކުރައްވައި ވިދާޅުވީ، ކުރީ ސަރުކާރުން އެ ސްކޫލް ނައްތާލަން އުޅުނު ނަމަވެސް، މި ސަރުކާރުން ދާއިމީ ބިމެއް ހަމަޖައްސައި އާ ޢިމާރާތެއް ބިނާކުރަމުންދާ ކަމަށެވެ.
"ރެފިއުޖީންނަށް ޢަރަބިއްޔާ ސްކޫލް ކުދިން، ބެލެނިވެރިން ހެދީ. އެހެންނަމަވެސް، މި ބިނާކުރުމުގެ ފިކުރުން މިހާރު އެވަނީ ޢަރަބިއްޔާ ސްކޫލަށް ދާއިމީ ބޮޑު ބިމެއް ހަމަޖައްސައިދީ، ސްކޫލެއް އަޅައިދެމުންދަނީ. އިރާދަކުރެއްވިއްޔާ އަންނަ ދިރާސީ އަހަރު އެ ސްކޫލް ހުޅުވައި ކިޔަވަން ފަށާނެ. އެއީ، ބިނާކުރުވަނިވި ފިކުރާއި ފަނާކުރުވަނިވި ފިކުރުގެ ތަފާތު." ރައީސް ވިދާޅުވިއެވެ.
ޑްރަގާއި ވޭޕް ފަދަ ވަބާތަކުން ޒުވާނުން ސަލާމަތްކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި، ނޭޝަނަލް ސަރވިސް ޕްރޮގްރާމްގެ ތެރެއިން ޤައުމަށް ފައިދާހުރި ޒުވާނުން އުފައްދަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ފުލުހުންނާއި ސިފައިންގެ މުއައްސަސާ ތަރައްޤީކޮށް، އެއީ ޤައުމުގެ ފަޚުރުގެ ގޮތުގައި ބިނާކުރުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ ފިކުރުން ލިބޭނީ ގެއްލުމާއި ހަލާކު - ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ