ޢަރަބިއްޔާ ސްކޫލްގެ ޢަމަލީ މަސައްކަތް ނިންމައި، އަންނަ ދިރާސީ އަހަރު، އެ ސްކޫލްގައި ކިޔަވައިދޭން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ދ. މީދޫގައި ބޭއްވީ ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ސަރުކާރުގެ ފިކުރަކީ މާތްވެގެންވާ އިސްލާމްދީން މަތިވެރިކޮށް ޤައުމު ކުރިއަށްނެރޭނެ ގައުމީ ފިކުރުކަމަށެވެ.
ދީން މަތިވެރިކޮށް އެ ދީނަށް ނަސްރުދިނުމުގެ ވަރުގަދަ ސިޔާސަތު ޢަމަލީ ގޮތުން ތަންފީޒުކޮށް، ޤައުމުގައި ހަމަޖެހުން ގާއިމްކޮށް، ތަރައްޤީ ހާސިލްކޮށްދީ، ހުރިހާ މާނައެއްގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެން ޢަރަބި އިސްލާމް ތަޢުލީމު ނައްތާލުމަށް، ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންނާއި ބެލެނެވެރިން މަގުމަތިކުރިކަމަށެވެ. އެހެންނަމަވެސް އަދުގެ ސަރުކާރުގެ ބިނާކުރަނިވި ފިކުރުން، ޢަރަބިއްޔާ ސްކޫލަށް ދާއިމީ ބޮޑު ބިމެއް ހަމަޖައްސަވައި، ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް ހަލުއި ސްޕީޑުގައި ކުރިއަށްގެންދަވާކަމަށާއި، އަންނަ ދިރާސީ އަހަރު އެ ސްކޫލުގައި ކިޔަވައިދޭން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.
"އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެން ދެވަނަ ސަރުކާރާއެކީ ޢަރަބި އިސްލާމް ތަޢުލީމު ނައްތާލުމަށް ޢަރަބިއްޔާ ސްކޫލް ތަޅާލާ މަގުމަތިކުރިއެއްނޫންތޯ. ރެފިއުޖީންގެ ގޮތުގައި ހެދީ ޢަރަބިއްޔާ ސްކޫލްގެ ކުދިންނާއި ބެނެވެރިން. އެހެންނަމަވެސް މި ބިނާކުރަނިވި ފިކުރުން މިހާރު އެވަނީ ޢަރަބިއްޔާ ސްކޫލަށް ދާއިމީ ބޮޑު ބިމެއް ހަމަޖައްސަދީ ސްކޫލެއް އަޅައިދެމުން އެދަނީ، މިއަންނަ ދިރާސީ އަހަރު އެ ސްކޫލް ހުޅުވައި ކިޔަވަން ފަށާނެ" ރައީސް ވިދާޅުވިއެވެ.
10 ފަންގިފިލާއަށް ތަރައްޤީކުޜާ ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގައި 42 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، 4 ލިފްޓުގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތެއް ފުރިހަމަވެފައި ހުންނާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
މިޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ކުރީގެ ސަރުކާރު ތަކުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ، އޭރު ކުރެވިފައި ހުރި ކަންކަން ރަނގަޅުކުރުމަށް އަދުގެ ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ ޒިންމާ އެންމެ ރަނގަޅުގޮތުގައި އަދާކުރެއްވުމަށް ފަހި ކުރައްވަމުންގެންދަވާ މަސައްކަތް ވަނީ ފާހަގަކުރައްވާފައެވެ.
މީގެކުރިން ސިފައިންނާއި ދޭތެރޭއޮތީ މަލާމާތްކުރުމުގެ ސިޔާސަތެއްކަމަށާއި، އަދުގެ ސަރުކާރުގެ ބިނާކުރަނިވި ފިކުރަކީ، ސިފައިންނަކީ އަޅުގަނޑުމެންގެ ފަޚުރުކަމުގައި ދެކުމުގެ ސިޔާސަތުކަމަށް ވިދާޅުވިއެވެ. އަދި ސިފައިންގެ ޚިދުމަތް އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ބިދޭސީންގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މީގެކުރިން ރާއްޖޭގައި ތިބީ ކިތައް ބިދޭސީންކަމެއްވެސް ސަރުކާރަށް ނޭނގޭކަމަށެވެ. އެހެންނަމަވެސް މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތުން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ އެތައް ބިދޭސީންއެއް ޑީޕޯޓުކުރެވިފައިވާކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެފަދަ ހައްލުނުކުރެވި ދިގުލައިގެންގޮސްފައިވާ ބޮޑެތި މައްސަލަތައް ހައްލުކޮށް ޤާއުމަށް ކުރިއެރުމާއި ފާގަތިކަން ހޯއްދަވައިދެއްވުމަށް ގިނަ ގުނަ މަސައްކަތްތައް މިއަދު ކުރައްވަމުންގެންދަވާ ކަމަށާއި، އެފަދަ ކަންކަމުގެ ސަބަބުން ޤައުމަށް ފައިދާކުރުވަނިވި ކަންކަން ކުރަނީ ކޮން ބައެއްތޯ ނުވަތަ އިސްކުރަންވީ ކޮން ސިޔާސަތެއްތޯ ވަރަށް ސާފުކޮށް ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރު ޢަރަބިއްޔާގެ އައު އިމާރާތުގައި ކިޔަވައިދޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ