ހިއުސްޓަން (ޖޫން 14) - ފީފާ ވޯލްޑް ކަޕެއްގައި މިހާތަނަށް ކުޅުނު އެންމެ ކުޑަ ގައުމެއް ކަމަށްވާ ކިއުރުސާއޯ އަތުން 7-1 އިން މޮޅުވެ، ޖަރުމަނުން މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ތަފާތު ފޯމެއްގައި ފަށައިފި އެވެ.
އެންމެ ފަހުން ދެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި ޖަރުމަނުން ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފަ އެވެ. އެ ގޮތުން، 2022 ވަނަ އަހަރު ގަތަރު ވޯލްޑް ކަޕްގައި، ފުރަތަަމަ މެޗުން ޖަޕާން އަތުން ބަލިވިއިރު، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފުރަތަމަ މެޗުން މެކްސިކޯ އަތުން ވީ ބައްޔެވެ.
އެހެންކަމުން ޖެހިޖެހިގެން ތިން ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ބަލިނުވުމަށް ޖަރުމަނުން އަމާޒުކަނޑައަޅައިގެން ނުކުމެ ފުރަތަމަ ފަސް މިނިޓް ތެރޭގައި ލީޑުނެގި އެވެ. އެ ގޮތުން، ފްލޯރިއަން ވާޓްޒް ދިން ބޯޅައަކުން ގޯލު އޭރިއާކައިރިން ފެލިކްސް އެންމެޗާ ވަނީ ގޯލުގެ މަތީ ކަަނަށް ބޯޅަ ފޮނުވާލައިފަ އެވެ. ކިއުރުސާއޯ އިން ލިބޭ ބޯޅަތަކުގައި ޖަރުމަނު ފަހަތަށް ބާރު ބޮޑުކުރަމުން ގޮސް، މެޗުގެ 21 ވަނަ މިނިޓްގައި ލަނޑު ޖަހައި އެއްވަރުކުރި އެެވެ. މި ލަނޑު ޖެހީ ކޮމެނެންސިއާ އެވެ. އޭނާ ފޮނުވާލި ޝޮޓް ގޯލަށް ވަނީ ކުޅުންތެރިއަކު ގައިގައި ޖެހިފަ އެވެ.
ޖަރުމަނުން ވަނީ އަލުން ފޯމަަކަށް އެޅި ފުރަތަަމަ ހާފު ނިމުމުގެ ކުރިން، ދެ ލަަނޑު ޖަހައި ހަމަޖެހިލައިފަ އެވެ. އެ ގޮތުން، 38 ވަަނަ މިނިޓްގައި ނެތަނިއަލް ބްރައުން ނެގި ކޯނަރަކުން ނިކޯ ޝްލޮޓަބެކް ވަނީ ބޮލުން ގޯލެއް ޖަހައި ޖަރުމަަނަށް އަލުން ލީޑުނަގައިދީފަ އެވެ. އަދި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕެނަލްޓީ އަކުން ކައި ހަވާޓްޒް ވަނީ ޖަރުމަނުގެ ލީޑުފުޅާކޮށްދީފަ އެވެ. މި ޕެނަލްޓީ އަކީ އެންމެޗާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
ދެ ގޯލު ފަހަތުގައި އޮވެ، ދެ ވަނަ ހާފު ފަށަން ޖެހުނު ކިއުރުސާއޯ އިން މި ހާފު ފަށައިގެން ވެސް ފަހަތަށް ސަމާލުވެ ނުކުޅުމުގެ ނަތީޖާ ފެނުނީ ހިތިކޮށެވެ. އެ ގޮތުން، ދެ ވަނަ ހާފު ފެށިގެން މިނިޓެއްގެ ތެރޭ ޖަމާލް މުސިއާލާ ވަނީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ތިރިތިރިން ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން ޖަރުަމަނުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. ،
މެޗުގެ 68 ވަނަ މިނިޓްގައި ޖަރުމަނުން ވަނީ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. ފުލްބެކަށް ކުޅުނު ބްރައުން އަށް ކިއުރުސާއޯ އޭރިއާތެރެއިން ލިބުނު ފުރުސަތުގައި އޭނާ ވަނީ އެއް ފަހަރުން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ. މިއީ، އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.
ބެންޗުން އަަރައި މޮޅު ކުޅުމެއް ދެއްކި، ޑެނިސް އުންޑާވް ވަނީ މެޗުގެ 78 ވަނަ މިނިޓްގައި ޖަރުމަނުގެ ހަ ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ޖޯޝުއާ ކިމިކް ދިން ބޯޅައަކަށް ހުސްކޮށް އަރައި ހުރި އުންޑާވް ހަމަޖެހިލައިފައި ޖެހި ގޯލެކެވެ. އަދި، އޭގެ ފަހުން ހަވާޓްޒް ވަނީ އިތުރު ގޯލެއް ޖަހައިފަ އެެވެ.
ކިއުރުސާއޯ އިން ދެ ވަނަ ހާފުގައި ވެސް ކޮންމެ ވެސް ވަރަކަށް ކުރިއަށް ޖެހިގެން ކުޅެ، ފުރުސަތުތަކެއް ހޯދާފައިވެ އެވެ.
މި ގްރޫޕްގެ ދެ ވަނަ މެޗުގައި އައިވަރީ ކޯސްޓުން ނުކުންނާނީ އެކުއެޑޯއާ ދެކޮޅަށެެވެ.
ކިއުރުސާއޯ ބަލިކޮށްލައި ޖަރުމަނުން ފެށީ ތަފާތު ފޯމެއްގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ