ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އީރާން އާއި ގަތަރު އަދި ކޮމަންވެލްތާ ގުޅުން ކަނޑާލުމަށް ނިންމި ނިންމުމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ފާޑުވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެ ނިންމުންތައް ނިންމިއިރު، އޭރު ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި ރައީސް މުއިއްޒު އެ ނިންމުންތަކަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވީ ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީއަށް ކާމިޔާބުވުމުން އެކަމުގެ އުފާ ފާޅު ކުރުމަށް މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ތަފްސީލު - އެ ގޮނޑި ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކުރި ފަރާތްތަކަށް ޝުކުރު އަދާ ކުރުމަަށްފަހު، ރައީސްގެ މުޅި ވާހަކައިގެ އެއް ބައި ބިނާ ކުރެއްވީ އިދިކޮޅު ވާދަވެރިންނަށް ބަހުގެ ހަމަލާތައް ދެއްވުމަށެވެ. އެގޮތުން:
ކުރީގެ ތިން ރައީސުން ކަމުގައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހިނގައިދިޔަ ބައެއް ކަންކަމަށް ފާޑުކިޔުން އަމާޒު ކުރެއްވި؛ ހާއްސަކޮށް އެ ސަރުކާރުތަކުގެ ހާރިޖީ ސިޔާސަތަކަށް ފާޑުވިދާޅުވި
އޭގެ ތެރެއިން އެއް ކަމަކަށް ރައީސް ފާޑުވިދާޅުވީ، އެމަނިކުފާނު ވެސް ނިސްބަތްވެވަޑައިގެންނެވި ޔާމީންގެ ސަރުކާރުގައި އީރާން އައި ގަތަރު އަދި ކޮމެންވެލްތްއާ ގުޅުން ކަނޑާލުމަށް އެ ސަރުކާރުގައި ނިންމި ނިންމުމަށް
"މީގެ ކުރީގައި ވަކި ގައުމެއް ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ވާ ގޮތަށް އޮތީ. މިއީ ހަގީގަތް. [ވަކި ގައުމެއް] ބޭނުންވީމާ ގައުމުތަކާ ސިޔާސީ ގުޅުންވެސް ކަނޑާލަނީ. އިންޓަނޭޝަނަލް ޖަމާއަތްތަކުން ވަކިވެސް ވަނީ،" މިހާރު ވާދަވެރިއެއްގެ ގޮތުގައި ހުންނެވި އިދިކޮޅު ލީޑަރު ޔާމީންއަށް އިޝާރާތް ކުރެއްވި އެ ވާހަކައިގައި އެމަނިކުފާނުގެ ނަމެއް ނުގެންނަވައި، ރައީސް ވިދާޅުވި އެވެ.
"މިގޮތަށް [ވަކި ގައުމެއް ބޭނުންވާ ގޮތަށް] މީގެ ކުރީގައި މިދިޔަ ދެތިން ސަރުކާރެއްގައި ކަންތައް ހިނގާފައި ވަނީ."
ޔާމީން ސަރުކާރުގައި ހާރިޖީ ސިޔާސަތު އޮތީ ބޮޑަށް ޗައިނާ އަދި ސައުދީއާ ގާތް ސިޔާސަތަކެވެ. ނަޝީދު އަދި ސޯލިހްގެ ސަރުކާރުގައި އޮތީ އިންޑިއާއާ ގާތް ހާރިޖީ ސިޔާސަތެކެވެ.
ކުރީގެ ތިން ރައީސުންގެ އެ ސަރުކާރުތަކާ ހިލާފަށް މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ކުރިންވެސް އިއުލާންކޮށްފައިވާ ގޮތަށް "ދިވެހިން އިސްކުރާ ސިޔާސަތު" ކަމަށް ރައީސް މިރޭވެސް ވިދާޅުވި އެވެ. އަދި މިސަރުކާރުން މަސައްކަތް ކުރަނީ "ގައުމީ ފިކުރުގައި" ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަސައްކަތް ކުރަމުން މިދަނީ، ގައުމީ ފިކުރުގައި، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި... އަޅުގަނޑު އިސް ކުރަނީ، އަޅުގަނޑު ކުރިމަތީގައި އެންމެ އިސް ވާނީ ދިވެހިން. އެހެންނެއް ނޫން މީގެ ކުރީގައި ކަންތައް ވެފައި ހުރީ،" ރައީސް ވިދާޅުވި އެވެ.
އީރާންއާއެކު 40 އަހަރުވީ ގުޅުން ކަނޑާލީ، މެއި 2016ގަ އެވެ. އެގޮތުން:
އޭރު ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ނިންމުން ނިންމީ، އަރަބި ގަލްފު ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ އަށް އީރާނުން ހުރަސް އަޅަމުން ދާތީ
އަދި އެއީ، ރާއްޖޭގެ ސަލާމަތާއި ހަމަޖެހުމާ ވެސް ގުޅިފައިވާ ކަމެއްގެ ގޮތުގައި ސިފަކޮށްފައިވޭ
ގަތަރާއެކު އޮތް 33 އަހަރުވީ ގުޅުން ރާއްޖެއިން ކަނޑާލީ، ޖޫން 2027ގަ އެވެ. އެގޮތުން:
ސަބަބެއް ކަމަށް އޭރު ޔާމީންގެ ސަރުކާރުން ބުނީ، ޓެރަރިޒަމާއި ހައްދު ފަހަނަ އަޅައިދިއުމަށް މަގުފަހިވާ ހަރަކާތްތަކާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށް
އެ ނިންމުން އައިސްފައި ވަނީ، އޭރު ސައުދީ އަރަބިއްޔާ އާއި ގަތަރުގެ ގުޅުން ގޯސްވެ، ސައުދީއިން ގަތަރާ ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅަމުންދިޔަ ދަނޑިވަޅެއްގައި
އީރާން އަދި ގަތަރާއެކުވެސް އޮތް ގުޅުން ސަރުކާރުން ކަނޑާލީ، ސައުދީ އަރަބިއްޔާގެ ނުފޫޒުން، އެ ގައުމު ރުއްސުމަށް ކަމަށް އޭރު އިދިކޮޅުން ތުހުމަތު ކުރި އެވެ. ނަމަވެސް އެކަން އެ ސަރުކާރުން އޭރު ދޮގު ކުރި އެވެ.
ކޮމަންވެލްތުން ވަކިވާން ރާއްޖެއިން ނިންމީ، އޮކްޓޯބަރު 2013ގަ އެވެ. އެގޮތަށް ނިންމީ އޭރު ސަރުކާރުން ކުރަމުން ދިޔަ ބައެއް ކަންކަން އިސްލާހުކުރުމަށް ދަންނަވައި، އެކަންކަން އިސްލާހުނުކޮށްފިނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ޖަމާއަތުން ދިނުމާ ގުޅިގެންނެވެ.
ނިމިދިޔަ ސޯލިހްގެ ސަރުކާރުގައި އީރާން އާއި ގަތަރާވެސް ފަހުން ގުޅުން ގާއިމް ކުރި އެވެ. އަދި ކޮމަންވެލްތްގެ މެންބަރަކަށްވެސް ރާއްޖެވި އެވެ.
ވެރިކަމުގެ ކުރީކޮޅު ގަތަރު އަދި ކޮމަންވެލްތާ ގުޅުން ގާއިމް ކުރިއިރު، އީރާންއާ ގުޅުން ގާއިމްކުރީ ވެރިކަމުގެ ފަހު އަހަރު މާޗް2023ގަ އެވެ. އޭރު ސައުދީ އާއި އީރާންގެ ގުޅުން ރަނގަޅުވަނީ ރަނގަޅުވެފަ އެވެ.
ޔާމީންގެ ސަރުކާރުގައި އީރާން، ގަތަރު އަދި ކޮމަންވެލްތާ ގުޅުން ކެނޑުމުން ރައީސްގެ ފާޑުކިޔުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ