ހިޔޫސްޓަން (ޖޫން 14) - ފީފާ ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކިއުރަސާއޯގެ މައްޗަށް 7-1 އިން ކުރި ހޯދައި، ޖަރުމަނުން މުބާރާތުގެ ފެށުން ވަރުގަދަ ކޮށްފި އެވެ.
މިއީ 2014 ގައި ޖަރުމަން ޗެމްޕިއަންކަން ހޯދި ފަހުން މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އެ އަހަރަށް ފަހު ފާއިތުވި ދެ މުބާރާތުގައި ވެސް ޖަރުމަނަށް ވަނީ ގުރޫޕް ސްޓޭޖް ފަހަނައަޅައި ދެވޭގޮތް ނުވެފަ އެވެ. ނަމަވެސް މި އަހަރު ހޫލިއަަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން އެ ޓީމުގެ ފޯމު ފެންނަނީ އަދި ވަރުގަދަ ކޮށެވެ.
ޖަރުމަނުން މިރޭ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ހަވަނަ މިނިޓުގައި ފެލިކްސް އެންމޭޗާގެ ގޯލަކުންނެވެ.
އޭގެ ފަހުން ފެނުނީ ކިއުރަސާއޯ، ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ޖަރުމަނާ އެއްވަރު ކުރި ތަނެވެ. މެޗުގެ 21 ވަނަ މިނިޓުގައި ކިއުރަސާއޯގެ މި ތާރީހީ ގޯލު ޖަހައިދިނީ ލިވާނޯ ކޮމެނެންސިއާ އެވެ.
ނަމަވެސް ނިކޯ ޝްލޮޓާބެކް ވަނީ 38 ވަނަ މިނިޓިގައި ކޯނަރަކުން ލަނޑެއް ޖަހައި އަލުން ޖަރުމަނުން ލީޑު ހޯދައިދީފަ އެވެ. އަދި މި ހާފުގެ އިތުރު ވަގުތުގެ ފަހު މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކައި ހަވާޓްޒް ވަނީ އެ ޓީމަށް ލީޑު ފުޅާ ކޮށްދީފަ އެވެ.
ޖަރުމަނުން ދެވަނަ ހާފު ފެށީ ވެސް ގޯލަކުންނެވެ. މެޗުގެ 47 ވަނަ މިނިޓުގައި މި ލަނޑު ޖަހައިދިނީ ޖަމާލް މުސިއާލާ އެވެ. އެއަށް ފަހު މެޗުގެ 68 ވަނަ މިނިޓުގައި ޒުވާން ޑިފެންޑަރު ނަތަނިއެލް ބްރައުން ގައުމީ ޖޯޒީގައި ފުރަތަމަ ފަހަރަށް ލަނޑު ޖެހި އިރު، އޭގެ 10 މިނިޓު ފަހުން އެ ޓީމުގެ ހަވަނަ ލަނޑު ޖަހައިދިނީ ޑެނިޒް އުންޑޭވް އެވެ. ސިކްސްޔާޑު ބޮކްސް ކައިރީ ހުސްކޮށް ހުރެ އޭނާ ފޮނުވާލި ހަމަލާ ގޯލަށް ވަނީ ލައިން މަތީ ދިފާއުގައި ހުރި، ކިއުރަސާއޯގެ ކެޕްޓަން ލީއާންޑްރޯ ބުކޫނާ ފައިގައި ޖެހިފަ އެވެ.
ޖަރުމަންގެ ހަތްވަނަ ގޯލު 88 ވަނަ މިނިޓުގައި، ކީޕަރު ބޯ މަތިން ބޯޅަ ގޯލަށް ފޮނުވާލައި ޖަހައިދިނީ ހަވާޓްޒް އެވެ.
ޖަރުމަން ވަނީ އެންމެ ފަހުން ވޯލްޑް ކަޕް ކާމިޔާބު ކުރި 2014 ގެ މުބާރާތުގައި ވެސް މި ނަތީޖާއިން މެޗެއް ކާމިޔާބު ކޮށްފަ އެވެ. އެ ފަހަރު މި ނަތީޖާއިން ކުރި ހޯދާފައި ވަނީ ސެމީ ފައިނަލްގައި ވަރުގަދަ ބްރެޒިލްއާ ދެކޮޅަށެވެ.
ގުރޫޕް އީގައި ޖަރުމަނާއި ކުއަރަސާއޯ ހިމެނެނީ އިކުއެޑޯ އާއި އައިވަރީ ކޯސްޓާ އެކު އެވެ.
ހިތި ހަނދާންތައް ފިލުވާލައި ޖަރުމަނަށް ވަރުގަދަ ފެށުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ