ކުޑަކުއްޖެއްގެ ގޮތުގައި ދެކުނު ހުވަފެން، އަލަތު ވޯލްޑްކަޕާއެކު ވިދާލި އަޔޫބް ބޫއަދީ

ކުޑަކުއްޖެއްގެ ގޮތުގައި 2018 ވަނަ އަހަރު ދަނޑުގައި މެޗު ބަލަން އިން އަޔޫބް ބޫއަދީ މޮރޮކޯގެ ގައުމީ ޓީމަށް ކުޅުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދާ މިހާރު ކުރިއަށްދާ ވޯލްޑްކަޕުގެ ފުރަތަމަ މެޗުގައި ކުޅެން ނުކުމެ ދުނިޔޭގެ ފަސްފަހަރުގެ ޗެމްޕިއަން ބްރެޒިލާ ދެކޮޅަށް ތަފާތު މޮޅު ކުޅުމެއް ދައްކާ ވިދާލައިފި އެވެ.
އިއްޔެ ރޭ ބްރެޒިލާއި މޮރޮކޯ ބައްދަލުކުރި މެޗުގައި ކުޅެން ނުކުތް މޮރޮކޯގެ ޒުވާން މިޑްފީލްޑަރު އަޔޫބް ބޫއަދީ ވަނީ ބްރެޒިލާ ދެކޮޅަށް މިޑްފީލްޑްގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. މިމެޗަކީ ފްރާންސްގެ ލިލްއަށް ކުޅެމުން އަންނަ ޒުވާން ތަރި މޮރޮކޯގެ ގައުމީ ސީނިއާ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.
އުމުރުން 18 އަހަރުގެ އަޔޫބް ބޫއަދީ އަކީ ފްރާންސަށް އުފަން ކުޅުންތެރިޔެކެވެ. ކުޑައިރު ފުޓްބޯޅައިގެ ކެރިއަރު ކްރެއިލްގައި ފެށި އަޔޫބް ލިލްގެ އެކަޑަމީއާ ގުޅުނީ 2021 ވަނަ އަހަރު އެވެ. 21 އޮގަސްޓް 2023 ގައި ލިލްއާއެކު ރަސްމީ އެއްބަސްވުމެއްގައި އޭނާ ވަނީ ޖޫން 2026 އާ ހަމައަށް ސޮއިކޮށްފަ އެވެ.
އަޔޫބް ކުޑައިރު މޮރޮކޯ މެޗެއް ބަލަން އައިސް (ވ)، ރޭގެ މެޗުގެ ތެރެއިން އަޔޫބް (ކ)--- ފޮޓޯ: ޕްލާންޓިކް
ރޭ ބްރެޒިލާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ތަފާސް ހިސާބުތަކަށް ބަލާލާއިރު އޭނާގެ 66 ޕާހުގެ ތެރެއިން ކާމިޔާބު 60 ޕާސް ކުރިއިރު ޖުމްލަ ޕާސިން އެކިއުރެސީ 91 އިންސައްތައަށް އަރަ އެވެ. ފައިނަލް ތާޑުގައި ކުރި އެޓޭކިން ޕާސް ރޭޓް 100 އިންސައްތައަށް އަރާއިރު 16 ޕާސް ވެސް ކާމިޔާބެވެ. 13 ޑުއެލްސްގެ ތެރެއިން 9 ޑުއެލްސް ކާމިޔާބުކުރިއިރު 6 ފަހަރު ބޯޅަ ރިކަވާ ކުރި އެވެ. އަދި 5 އިންޓަސެޕްޝަން ވެސް ހަދާފައިވެ އެވެ.
މޮރޮކޯގެ ދެން ތިބި ކުޅުންތެރިންނަށް ބަލާފައި ވެސް އެންމެ މޮޅު ކުޅުމެއް ދެއްކީ އަޔޫބް ބޫއަދީ އެވެ. އެންމެ ގިނަ ޓަޗް (86) އޭނާ ހެދިއިރު އެންމެ ގިނަ ސީދާ ޕާސް ވެސް އޭނާ އުފެއްދިއިރު އެންމެ ގިނަ ބޯޅަ ގެންގުޅެފައިވަނީ ވެސް އޭނާ އެވެ. 60 ޕާސް ސީދާ ހެދިއިރު ދެވަނައަށް އެންމެ ކާމިޔާބު ޑްރިބަލްސް (3) ވެސް ހަދާފައިވަނީ އޭނާ އެވެ.
މިމެޗަށްފަހު އޭނާގެ ފަރާތުން ފެނުނު މޮޅު ކުޅުމަށްފަހު އޭނާގެ މާކެޓް އަގު 100 މިލިއަން ޔޫރޯއަށްވުރެ މައްޗަށް އަރާނެ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު ބައެއް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އޭނާ ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުގައިވެ އެވެ.
ލިލްއަށް ކުލަބް ފުޓްބޯޅައިގައި ކުޅެމުން އަންނަ އަޔޫބް ލިލްއާއެކު ސީނިއާ ފުރަތަމަ މެޗު ކުޅުނީ 2023 ވަނަ އަހަރު އޮކްޓޫބަރު މަހު ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގަ އެވެ. އެމެޗު ކުޅުނުއިރު އޭނާގެ އުމުރަކީ 16 އަހަރާއި 3 ދުވަހެވެ. އެއާއެކު އަޔޫބް ވެގެންދިޔައީ ޔޫރަޕިއަން ކުލަބް މުބާރާތެއްގެ މެޗެއް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާ އެވެ.
އެކި ލެވެލްތަކުގައި ފްރާންސްގެ ޒުވާން ގައުމީ ޓީމުތަކަށް ވެސް އަޔޫބް ކުޅެފައިވާއިރު 21 އަހަރުން ދަށުގެ ފްރާންސް ޒުވާން ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް އޭނާ ވަނީ ކޮށްފަ އެވެ. މިދިޔަ މަހު ރޯޔަލް މޮރޮކަން ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބޫއަދީގެ ގައުމީ ޓީމު މޮރޮކޯއަށް ބަދަލުކުރުމަށް އެދުމުން އެ ރިކުއެސްޓް ފީފާއިން ގަބޫލުކޮށްފައިވާކަން އިއުލާނުކޮށްފަ އެވެ. ފްރާންސަށް އުފަން ނަމަވެސް މޮރޮކަން ނަސްލުގެ ކުޅުންތެރިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ