ލަންޑަނުގައި ވަޅިން ހަމަލާދީ އިންޑިއާ ދަރިކޮޅުގެ ޒުވާނަކު މަރާލައިފި

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ ހުޅަނގުގައި އޮންނަ ސައުތުއޯލް ސަރަހައްދުގައި ދިން ވަޅީގެ ހަމަލާއެއްގައި އުމުރުން 26 އަހަރުގެ އިންޑިއާ ދަރިކޮޅުގެ ޒުވާނަކު މަރާލައިފިއެވެ.
މި ހާދިސާ ހިނގި ސަރަހައްދުން އިތުރު ފިރިހެނަކުވެސް ޒަޚަމްވެފައިވަނިކޮށް ފެނިފައިވެއެވެ. އުމުރުން 30 ގެ އަހަރުތަކުގެ މި މީހާއަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
ފުލުހުންނަށް މި ހާދިސާގެ ރިޕޯޓް ލިބިގެން އެ ސަރަހައްދަށް ދިޔައީ ލަންޑަން އެމްބިއުލަންސް ސާވިސްއިން މައުލޫމާތު ދިނުމާ ގުޅިގެންނެވެ. މެޑިކަލް މުވައްޒަފުން ގުރްބޭޖް ސިންގް ސަލާމަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ލިބިފައިވާ ފުން ޒަޚަމްތަކުގެ ސަބަބުން އޭނާ ވަނީ ހާދިސާ ހިނގި ސަރަހައްދުގައި މަރުވެފައެވެ.
މި މައްސަލައިގެ ތަހުގީގަށް ހާދިސާ ހިނގި ސަރަހައްދުން 20 އަހަރާއި 30 އަހަރުގެ މީހުން ހިމެނޭހެން ޖުމްލަ ހަތް ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ނަމަވެސް އިތުރަށް ބެލިބެލުމުން އޭގެ ތެރެއިން ހަ މީހަކު އެއްވެސް ފިޔަވަޅެއް އެޅުމަކާ ނުލާ ދޫކޮށްލާފައިވާއިރު، އެކަކު ވަނީ ކަފާލާތުގެ ދަށުން ފަހުގެ ތާރީޚެއްގައި ހާޒިރުވާ ގޮތަށް ދޫކޮށްލާފައެވެ. ފުލުހުންގެ ހޮމިސައިޑް ޑިޓެކްޓިވްސްއިން މިހާރު ދަނީ މި މަރުގެ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ.
ފުލުހުން ވަނީ މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި އުޅުނު މީހުންނާއި، ސީސީޓީވީ ފުޓޭޖް ހުރި ފަރާތްތަކުން މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ. ހަމައެއާއެކު، މަރުވި ޒުވާނާގެ ހަށިގަނޑު އަނބުރާ ގައުމަށް ފޮނުވުމަށާއި ކަމާގުޅޭ ލިޔެކިޔުންތައް ނިންމުމުގެ އިތުރުން ޖަނާޒާގެ ކަންކަމަށް ފައިސާ ހޯދުމަށްޓަކައި ގޯފަންޑްމީ މެދުވެރިކޮށް މިހާރު ވަނީ ފަންޑެއް ހުޅުވާލާފައެވެ.
އިނގިރޭސިވިލާތުގެ ލަންޑަނުގައި ދިރިއުޅޭ އޭޝިއާ ދަރިކޮޅުގެ މީހުންނަށް އަމާޒުކޮށްގެން ދެވޭ މިފަދަ ހަމަލާތައް ފަހަކަށް އައިސް ވަނީ އިތުރުވާން ފަށާފައެވެ. ޚާއްޞަކޮށް އިންޑިއާ ދަރިކޮޅުގެ މީހުން ގިނައިން އުޅޭ ސައުތުއޯލް ފަދަ ސަރަހައްދުތަކުގައި ވަޅިން ހަމަލާދިނުމާއި މަގުމަތީގެ ކުށްތައް އިތުރުވަމުންދާތީ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ބޭރުގައުމުތަކުގެ ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ.
ލަންޑަނުގެ ފުލުހުން މިފަދަ ހަރުކަށި ހަމަލާތައް ހުއްޓުވުމަށްޓަކައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، މަގުމަތި ބެލެހެއްޓުން އިތުރުކުރި ނަމަވެސް، މިއީ މި ހަފުތާގެ ތެރޭގައި އެކަނިވެސް އެ ގައުމުގައި އިންޑިއާ ދަރިކޮޅުގެ މީހަކަށް ވަޅިން ހަމަލާދީ މަރާލި ތިންވަނަ ހާދިސާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ