ސަރުކާރުން ކުރިއަށްގެންދާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާގެ ދަށުން، މިއަހަރުތެރޭ 1 މިލިޔަން ގަސް އިންދުމަށް މަސައްކަތްކުރަމުންދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ސަރުކާރުން ފައްޓަވާފައިވާ ޕްރޮގުރާމެކެވެ.
ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވީ، ސަރުކާރުން ފައްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 1.6 މިލިޔަން ގަސް އިންދިފައިވާކަމަށެވެ. އަދި އަމާޒަކީ މިއަހަރުތެރޭ 1 މިލިޔަން ގަސް އިންދުންކަމަށެވެ.
"5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަ މަޝްރޫޢެއް. މިހާތަނަށް އައި އިރު އަޅުގަނޑުމެންނަށް މިވަނީ 1.6 މިލިޔަން ގަސް އިންދިފަ. އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރުތެރޭވެސް އިތުރު 1 މިލިޔަން ގަސް އިންދުން" ވަޒީރު އަލީ ޝަރީފް ވިދާޅުވިއެވެ.
ގަސް އިންދުމުގެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ، ތިމާވެށި ރައްކާތެރިކުރުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ދެގޮތެއްނުވެ އޮތް މައި އަސާސެއް ކަމުގައި ވިދާޅުވެފައެވެ.
އަދި ރާއްޖެ އަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު މިހާރުވެސް ކުރަމުންދާ ޤައުމެއްކަން ފާހަގަކުރައްވައި، ދިވެހިންގެ ދިރިއުޅުމާއި އިޤުތިޞާދާއި ސަޤާފަތް ރައްކާތެރިކުރުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުން މުހިންމުކަމުގައި ފާހަގަކުރެއްވިއެވެ.
" ތިމާވެށި ރައްކާތެރިކުރުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ދެގޮތެއްނުވެ އޮތް މައި އަސާސް. އަދި ދިވެހިންގެ ދިރިއުޅުމާއި އިޤުތިޞާދާއި ސަޤާފަތް ރައްކާތެރިކުރުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރަންޖޭ. ފަސް މިލިއަން ގަސް އިންދުމުގެ ޙަރަކާތުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ."ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވިއެވެ.
ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައި ދެއްވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އަދި މި ހަރަކާތުގެ ތެރެއިން ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، އދ. ގެ މެންބަރުކަން ރާއްޖެ ހޯދިތާ 60 އަހަރު ފުރުންވެސް ފާހަގަކޮށްފައިވެއެވެ.
މި ހަރަކާތުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއާއި، ތިމާވެއްޓާއިބެހޭ ވަޒީރު ޢަލީ ޝަރީފް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުޙައިރު އަދި ދިވެހިރާއްޖޭގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކާއި ޖަމުޢިއްޔާތަކުގެ މަންދޫބުންގެ އިތުރުން ޚާރިޖީ ވުޒާރާގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޙަރަކާތުގެ ސަބަބުން، ފެހިކަން އިތުރުކުރުމާއި ތިމާވެށްޓާ ރައްޓެހި ޒިންމާދާރު އާދަތައް އަށަގެންނެވުމުގެ މުހިންމުކަން ހާމަކޮށްދީ، ރާއްޖޭގެ މިނިވަންކަމާއި ބޭރު ދުނިޔޭގައި ދިވެހިރާއްޖެއިން އަދާކުރަމުންދާ މުހިއްމު ދައުރާމެދު ހޭލުންތެރިކަން އިތުރުކުރެވުނުކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
މިއަހަރުގެ އަމާޒު: 1 މިލިޔަން ގަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ