މަސައްކަތްތެރިންގެ ކޮންފަރެންސްގައި ރާއްޖޭގެ މަންދޫބުން ބައިވެރިވުމަށް ސަރުކާރުން އެއްބާރުލުން ނުދިނުމުން އެމްޓީޔޫސީގެ ކަންބޮޑުވުން

ރާއްޖެއިން ބައިވެރިވާ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) ގެ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ކޮންފަރެންސްގައި ދިވެހި މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ މަންދޫބުން ބައިވެރިވުމުގެ ފުރުސަތު ދިވެހި ސަރުކާރުން ފަހިކޮށްދީފައި ނުވާތީ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 
މި ކޮންފަރެންސް ކުރިއަށްދިޔައީ ޖޫން 1-12 އަށް ސްވިޓްޒަލޭންޑުގެ ޖެނީވާގަ އެވެ. މިއީ އެފަދަ 114 ވަނަ ކޮންފަރެންސެވެ. އެ ކޮންފަރެންސްގައި ދިވެހި މަސައްކަތްތެރިންނާއި ވަޒިފާ ދޭ ފަރާތްތަކުގެ މަންދޫބުންނަށް ބައިވެރިވުމުގެ ފުރުސަތު ނުލިބުމަކީ، ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފު އަދި ރާއްޖޭގެ މަސައްކަތްތެރިންގެ އަޑު ކަނޑުވާލުން ކަމަށް އެމްޓީޔޫސީން ބުނެފައިވެ އެވެ. 
އެ ކޮންފަރެންސްގެ އެންމެ މައިގަނޑު އަސާސަކީ ސަރުކާރުތަކާއި، ވަޒީފާދޭ ފަރާތްތަކާއި، އަދި މަސައްކަތްތެރިން ހަމަހަމަކަމާއެކު ބައިވެރިވާ "ޓްރައިޕާޓިޒަމް" ނިޒާމެވެ. ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ސިޔާސަތުތަކާއި މިންގަނޑުތައް އެކުލަވައިލުމުގައި މި ތިން ފަރާތުގެ ބައިވެރިވުން ކޮންމެހެން ބޭނުންވާއިރު، ދިވެހި ސަރުކާރުން އެ އުސޫލާ ހިލާފުވެފައިވާ ކަމަށް މަސައްކަތްތެރިންގެ ޖަމިއްޔާތަކުގެ މައްޗަށް އެކުލެވޭ އެމްޓީޔޫސީން ބުނެފައިވެ އެވެ. 
އޭގެ ސަބަބުން އިގުތިސާދީ ސިޔާސަތުތަކުގެ އަސަރު ސީދާ ކުރާ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ބައިނަލްއަގުވާމީ މައިދާނުގައި ހުށަހެޅުމުގެ ފުރުސަތު ގެއްލިފައިވާކަމަށް އެމްޓީޔޫސީން ބުނެ އެވެ. 
ރާއްޖޭގެ މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުން އިގުތިސޯދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުންދާ ދަނޑިވަޅެއްގައި، ދުނިޔޭގެ އެންމެ މުހިންމު ފޯރަމުން އެފަރާތްތައް އެކަހެރިކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ. 
ސަރުކާރުގެ އެއްބާރުލުން ނުދިނުމުގެ ސަބަބުން ދިވެހި މަންދޫބުން ބައިނަލްއަގުވާމީ މަޝްވަރާތަކުން ބާކީވުމުގެ އިތުރުން، ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ މުޖުތަމައުގައި ރާއްޖޭގެ އަގުވެސް ވެއްޓިފައިވާ ކަމަށް އެމްޓީޔޫސީން ބުނެ އެވެ.
މި ކޮންފަރެންސްގައި ބައިވެރިވުމަށް މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ މަންދޫބުންނަށް އެހީތެރިކަން ނުދިން ސަބަބު ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެމްޓީޔޫސީން ވަނީ ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ