ދ. މީދޫ ރަށު ކައުންސިލުގެ ރައީސްގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް ކާމިޔާބުކޮށްފައިވާތީ އެކަން ފާހަގަކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގެންފި އެވެ.
ހައި ކޯޓުގެ ހުކުމާ ގުޅިގެން އަލުން ވޯޓު ގުނުމުން ދ. މީދޫ ކައުންސިލުގެ ރައީސްގެ މަގާމުގެ ވޯޓު އެއްވަރުވެފައިވާތީ އިއްޔެ ނެގި ވޯޓުން ޕީއެންސީ މޮޅުވީ އެމްޑީއޭގެ ކެންޑިޑޭޓާ ވާދަކޮށްގެންނެވެ. ބައި އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 1،049 މީހުންގެ ތެރެއިން 985 މީހަކު ވޯޓުލި އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން 529 ވޯޓާ އެކު އެ ގޮނޑި ސުހާ ކާމިޔާބުކުރިއިރު އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް ލިބުނީ 449 ވޯޓެވެ.
އެ ކާމިޔާބީ ފާހަގަކުރެއްވުމަށް ރައީސް އެ ރަށަށް ވަޑައިގެންނެވިއިރު މީދޫއަކީ މެޑަމް ސާޖިދާ މުހައްމަދުގެ މަންމަ ނިސްބަތްވެވަޑައިގަންނަވާ ރަށެވެ. އަދި އެ ގޮނޑި ކާމިޔާބުކުރުމަށް އެ ރަށުގައި ބޭއްވި ގިނަ ކެމްޕެއިން ހަރަކާތްތަކުގައި މެޑަމް ބައިވެރިވެވަޑައިގަތެވެ.
އަލުން އެ އިންތިހާބު ބާއްވައިގެން ސުހާ ގޮނޑި ކާމިޔާބުކޮށްފައި މިވަނީ މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބު ވެސް އެންމެ ވޯޓެއްގެ ތަފާތަކުން އޭނާ ކާމިޔާބުކޮށްފައިވަނިކޮށް، ސުހާއަށް ލިބުނު ވޯޓެއް ބާތިލުވެ، ދެ ކެންޑިޑޭޓުންގެ ނަތީޖާ އެއްވަރުވެގެންނެވެ.
އެ އިންތިހާބުގައި ސުހާއަށް އެންމެ ފުރަތަމަ ލިބުނީ 393 ވޯޓެވެ. ޝާހިދަށް ލިބުނީ 392 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރި އިބްރާހިމް ނަސީމަށް ލިބުނީ 100 ވޯޓެވެ.
ސުހާ އަށް ލިބުނު ވޯޓެއް އެންމެ ފުރަތަމަ ބާތިލުވީ ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަށް، ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލާފައިވާކަން ސާބިތުވުމުންނެވެ. އެހެންވެ، ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވެފައި ވަނިކޮށް، ފޮނަދޫ ފޮށި އަލުން ގުނުމުން، އެމްޑީއޭގެ ކެންޑިޑޭޓަށް މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.
އެކަމަކު ސުހާއަށް ލިބުނު ދެ ވޯޓު ކަރުދާހެއް ގޯސްކޮށް ބާތިލްކުރި ކަމަށް ބުނެ، އެ މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން މިދިޔަ މަހު ހައި ކޯޓުން ވަނީ އޭގެ ތެރެއިން އެއް ވޯޓެއް ސައްހަ ކަމަށް ހުކުމްކޮށްފަ އެވެ.
The most trusted news source in the Maldives
އެހެންވެ، ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމުން އީސީން ބޭއްވި ބައި-އިލެކްޝަނުގައި މީދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ޕީއެންސީން ކާމިޔާބުކުރުމާ އެކު އެކަން ފާހަގަކުރުމަށް މިރޭ ހަފްލާއެއް ބާއްވަން ޕީއެންސީން ވަނީ ނިންމައިފަ އެވެ.
ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރައީސް ދ. މީދޫއަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ