އާބާދީ 10 މިލިއަނުގައި ހިފެހެއްޓުމަށް ސްވިޒަލޭންޑުގެ ރައްޔިތުން ބުނީ ނޫނެކޭ

ސްވިޒަލޭންޑުގެ އާބާދީ 10 މިލިއަނަށް ވުރެ އިތުރުވިޔަ ނުދީ ހިފެހެއްޓުމަށް ހުށަހެޅި ހުށަހެޅުމަށް އެ ގައުމުގެ ރައްޔިތުން ނޫނެކޭ ބުނެފި އެވެ.
ހިޖުރާ ކުރާ މީހުންނާ މެދު ހުރި ކަންބޮޑުވުންތަކަށް ވުރެ، ވޯޓުލީ މީހުން ބޮޑަށް އިސްކަންދީފައި ވަނީ ގައުމުގެ އިގްތިސާދީ ހަމަޖެހުމަށާއި ވިލާތުގެ އިއްތިހާދު (އީޔޫ) އާއެކު އޮންނަ ގުޅުން ދެމެހެއްޓުމަށެވެ.
ސްވިޒަލޭންޑްގެ ގައުމީ ބްރޯޑްކާސްޓަރު އެސްއާރުއެފް އިން އާދީއްތަ ދުވަހު އާންމުކުރި ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، ކަނާތު ފިޔައިގެ މައި ޕާޓީން އިސްނަގައިގެން ހުށަހެޅި މި ހުށަހެޅުމަށް ތާއީދުކޮށްފައި ވަނީ ވޯޓުލީ މީހުންގެ 45 އިންސައްތަ އެވެ. އަދި 55 އިންސައްތަ މީހުން ވަނީ މި ހުށަހެޅުމާ ދެކޮޅަށް ވޯޓު ދީފަ އެވެ.
އިމިގްރޭޝަނާ ދެކޮޅު ޝުއޫރުތައް ފާއިތުވި އަހަރުތަކުގައި ފަތުރަމުންދާ ސްވިސް ޕީޕަލްސް ޕާޓީ (އެސްވީޕީ) އިން ހުށަހެޅި މި އިސްލާހާ މެދު ރައްޔިތުންގެ ފަހުގެ ނިންމުން ނިންމާފައި ވަނީ އާދީއްތަ ދުވަހުގެ ކުރީކޮޅުގަ އެވެ.
ހިޖުރަ ކުރާ މީހުން އިތުރުވުމާއި، އާންމު ހިދުމަތްތަކަށް ބާރުބޮޑުވުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން އެސްވީޕީން ހުށަހެޅި ގާނޫނުއަސާސީގެ އިސްލާހުގައި ބުނެފައި ވަނީ، 2050 ވަނަ އަހަރާ ހަމައަށް ދާއިރު ވެސް ސްވިޒަލޭންޑުގެ އާބާދީ 10 މިލިއަނަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށެވެ. ނަމަވެސް ރަސްމީ އަންދާޒާތަކުން ދައްކާ ގޮތުގައި 2040 ގެ ކުރީކޮޅު އެ ގައުމުގެ އާބާދީ އެ އަދަދަށް އަރާނެ އެވެ.
މި ހުށަހެޅުން ފާސްވި ނަމަ، ހިމާޔަތް ހޯދަން އަންނަ މީހުންނާއި، އާއިލާތައް އެއްކުރުމާއި، ރެސިޑެންސީ ޕާމިޓް ދޫކުރުން މަދުކުރުމަށް ސަރުކާރަށް މަޖުބޫރުވާނެ އެވެ. އަދި މީހުންނަށް މިނިވަންކަމާއެކު ދަތުރުފަތުރު ކުރެވޭ ގޮތަށް ސްވިޒަލޭންޑާއި ވިލާތުގެ އިއްތިހާދާ ދެމެދު ވެފައިވާ އެއްބަސްވުން ވެސް އުވާލަން ޖެހުމުގެ ފުރުސަތު އޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ