ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 14) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިންސާފުކުރުމުގެ ފުރުސަތު ގެއްލުނު، ސޯމާލިއާގެ ރެފްރީ، އޮމާރް އަރްޓާން އަށް ވޯލްޑް ކަޕްގައި އެންމެ ތަޖުރިބާކާރު ރެފްރީންނަށް ކަނޑައަޅާފައިވާ ފީ ކަމަށްވާ 100،000 ޑޮލަރު ދޭން ފީފާ އިން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެފްރިކާގެ މައި ފުޓްބޯޅަ އިދާރާ، ކާފް އިން މިދިޔަ އަހަރު ހޮވި އެންމެ މޮޅު ރެފްރީގެ މަގާމު ހޯދި އުމުރުން 34 އަރްޓާން އަކީ، ވޯލްޑް ކަޕްގައި ރެފްރީކަން ކުރަން ލިބުނު ސޯމާލިއާގެ ފުރަތަމަ ފަރާތެވެ. އެ ތާރީހީ ޝަރަފް ހޯދުމުގެ އަޒުމުގައި ހުރި އަރްޓާން، ވޯލްޑް ކަޕަށް އެމެރިކާ އަށް ދިއުމަށް ދަތުރުފެށިއިރު، އޭނާ އަށް އެމެރިކާ އަށް އެތެރެވުމުގެ ފުުރުސަތު ނުދޭން މަޔާމީ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑަރު އޮފިޝަލުން ނިންމީ އެވެ.
އަރްޓާން އަށް ފުރުސަތު ނުދިނީ ކީއްވެތޯ، އެމެރިކާގެ އިމިގްރޭޝަން އޮތޯރިޓީން ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު، ސޯމާލިއާ އަކީ އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕް މިދިޔަ އަހަރު އެ ގައުމަށް އެތެރެވުން މަނާކުރަން އިއުލާނުކުރި ޓްރެވަލް ބޭންގައި އޮތް ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމެކެވެ. އެމެރިކާގެ ބޯޑާ ކޮންޓްރޯލް އިން ވަނީ އަރްޓާންއާ 11 ގަޑިއިރު ވަންދެން ސުވާލުކޮށްފަ އެެވެ. އެމެރިކާ އަށް މި ކުރާ ދަތުރުގެ ބޭނުމަކީ ކޮބައިތޯ ތަކުރާރުކޮށް އަހާފައިވާ ކަމަށާއި ލިޔެކިޔުންތައް ހުށަހެޅުމުން އެ ވެސް ބަލައިނުގަތް ކަމަށް އަރްޓާން ވަނީ ބުނެފަ އެވެ. އަދި، ފީފާ އިން ދީފައި އޮތް ލިޔުމާއި ރެފްރީކަން ކޮށްފައިވާ މެޗުތަކުގެ ފޮޓޯތައް ދެއްކުމުން ވެސް އެ އަށް ވެސް ބެލުމެއް ނެތި، ޑިޓެންޝަނުގައި ބާއްވާފައި، ފްލައިޓަކަށް ލުމަށް ފަހު، ތުރުކީ އަށް ފޮނުވާލީ ކަމަށް އަރްޓާން ވަނީ ބުނެފަ އެވެ.
އޭނާ ބުނީ، ތަަކުރާރުކޮށް އެމެރިކާގެ އިމިގްރޭޝަން އޮފިޝަލުން ސުވާލުކޮށްފައިވަނީ، ސޯމާލިއާގެ ސަރުކާރާ ގުޅޭގޮތުންނާއި، އެ ގައުމަށް ނިސްބަތްވާ އަލް ޝަބާބް މިލިޓަންޓް ގްރޫޕްގެ ކަންކަމާ ބެހޭގޮތުން ކަމަށެވެ. އަދި، އޭނާ އަށް އެނގޭ މައުލޫމާތު ނޫން ކަމަށް ބުނުމުން ގަބޫލުކުރަން ދެކޮޅު ހެދި ކަމަށް ވެސް އަރްޓާން ވަނީ ބުނެފަ އެވެ.
އަރްޓާން އަށް އެމެރިކާ އަށް އެެތެރެވުމުގައި ފަސޭހަ ކުރުމުގެ ގޮތުން، ނައިރޯބީގައި ހުންނަ ސޯމާލިއާގެ އެމްބަސީން ވަނީ އޭނާ އަށް ޑިޕްލޮމެޓިކް ޕާސްޕޯޓެއް ވެސް ދީފަ އެެވެ. އަދި، އެމެރިކާ އަށް އެތެރެވުމަށްޓަކައި، ވިސާ ހޯދަން ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް އަރްޓާން އަތުގައި ހަމަވާނެ ކަމަށް ވެސް އެމްބަސީގެ އޮފިޝަލަކު ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ފުރުސަތެއް ނެތްކަން އެނގުމުން އަރްޓާން ވަނީ އެނބުރި ގައުމަށް ގޮސްފަ އެވެ.
އެމެރިކާގެ ރަސްމީ އިދާރާތަކާ ވާހަކަ ދެއްކުމަށް ފަހު، ފީފާ އިން މިހާރު ބުނެފައިވަނީ، އަރްޓާން އަށް ވޯލްޑް ކަޕުން ފުރުސަތެއް ނެތް ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން، މިހާރު ފީފާ އިން ނިންމާފައިވަނީ، ހާއްސަ ސަބަަބަކާ ހުރެ އަރްޓާން އަށް ވޯލްޑް ކަޕް ފުރުސަތު ގެއްލުމުން، އޭނާ އަށް ރެފްރީ އެލަވަންސަށް ވާ 100،000 ޑޮލަރު ދޭ ގޮތަށެވެ.
ދާދި ފަހުން، ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އިން ވަނީ ކުރިއަށް އޮތް ޔޫރަޕްގެ ކްލަބް މުބާރާތްތައް ފަށަން ކުޅޭ ޔުއެފާ ސުޕަ ކަޕް ފައިނަލުގައި ޕީއެސްޖީ އާއި އެސްޓަން ވިލާ ކުޅޭ މެޗުގެ ރެފްރީ އަކަށް އަރްޓާން ހަމަޖައްސައިފަ އެވެ.
އަރްޓާން އަންނަނީ، 2018 ވަނަ އަހަރުން ފެށިގެން ފީފާ ބެޖް ހާސިލްކޮށް ބައިނަލްއަގުވާމީ މުބާރާތްތަކުަގައި އިންސާފުކުރަމުންނެވެ.
ވޯލްޑް ކަޕްގެ ފުރުސަތު ގެއްލުނު ސޯމާލިއާ ރެފްރީ އަށް ވެސް ފީފާ އިން 100،000 ޑޮލަރު ދޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ