އެމެރިކާއާ އެކު އަލަށް އެކުލަވާލާފައިވާ ޑްރާފްޓް އެއްބަސްވުމުގެ ދަށުން، ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށާއި އަދި އެފަދަ ހަތިޔާރު ނުހޯދަން އީރާނުން އެއްބަސްވެއްޖެ ކަމަށް އީރާނުގެ އިސް އޮފިޝަލަކު ރޮއިޓާސް ނޫސްއޭޖެންސީ އަށް ކަށަވަރުކޮށްދީ ފިއެވެ.
ރޮއިޓާސް އިން މިހެން ބުނެފައި ވާއިރު ކުރިއަށް އޮތް 12 ވަރަކަށް ގަޑިއިރު ތެރޭ، އީރާނާއި އެމެރިކާއިން އެއްބަސްވުމުގައި ސޮއިކޮށް ހަނގުރާމަ ނިމުމަކަށް ގެންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ރަސްމީކޮށް މި އެއްބަސްވުމުގައި އަދި ސޮއެއް ނުކުރެ އެވެ. މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތްތަކުން އަންނަނީ އެއްބަސްވުމުގެ ލިޔެކިޔުންތައް އެންމެ ފަހުގެ މަރުހަލާގައި ފައިނަލް ކުރަމުންނެވެ. އަދި މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ސްވިޓްޒަލެންޑުގެ ޖެނީވާގައި ބޭއްވުމަށް ވިސްނަމުންދާ ކަމަށް ބުނެފައި ވާއިރު އީރާންގެ އޮފިޝަލުން ވިދާޅުވެފައި ވަނީ ސޮއިކުރާނީ ރިމޯޓްކޮށް، ޑިޖިޓަލްކޮށް ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން، އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމާއި، ތައްޔާރުކުރުމާއި އަދި ހޯދުން މުޅިން މަނާވާނެ ކަމަށް އެކި ފަރާތްތަކުން މީޑިއާގައި ބުނެފައިވެ އެވެ. މީގެ އިތުރުން، އީރާނުގެ އެތެރޭގައި މިހާރު ރައްކާކޮށްފައި ހުރި މަތީ ދަރަޖައަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ރިޒާވްގެ ބާރު ދަށްކުރުމުގެ ގޮތުން 'ޑައިލޫޓް' ކުރުމަށް ވެސް އީރާނުން ވަނީ އެއްބަސްވެފަ އެވެ. މި މަސައްކަތް ކުރިއަށްދާނެ ގޮތުގެ ފަންނީ ތަފްސީލްތަކާއި، ވަގުތާއި އެކަން ބަލައި ކަށަވަރުކުރާނެ ގޮތްތަކާ މެދު ކުރިއަށް އޮތް 60 ދުވަސްތެރޭގައި ދެ ގައުމުން ވާހަކަދައްކައި ގޮތްތަކެއް ނިންމާނެ އެވެ.
އީރާނުން ނިއުކްލިއާ ޕްރޮގްރާމް މަޑުޖައްސާލުމުގެ ބަދަލެއްގެ ގޮތުން، އެމެރިކާއިން އީރާނަށް ބޮޑެތި އިގްތިސާދީ ލުއިތަކެއް ދޭނެ އެވެ. މިގޮތުން، އެމެރިކާއިން އީރާނުގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ވަކި މުއްދަތަކަށް މެދުކަނޑާލާނެ އެވެ. މީގެ ސަބަބުން އީރާނަށް ބައިނަލްއަގުވާމީ ބާޒާރަށް އަލުން ތެޔޮ ވިއްކައި އޭގެ ފައިދާ ހޯދުމުގެ ގާނޫނީ ފުރުސަތު ލިބޭނެ އެވެ. މީގެ އިތުރުން، ބޭރުގެ އެކައުންޓުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ އެތައް ބިލިއަން ޑޮލަރެއްގެ ފައިސާ ދޫކޮށްލުމާއި، އެމެރިކާއިން އެ ސަރަހައްދުގެ ކަނޑު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުން ވެސް މި އެއްބަސްވުމުގައި ހިމެނެ އެވެ.
ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށްޓަކައި ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ވެސް ވަނީ މި އެއްބަސްވެފަ އެވެ. ދުނިޔޭގައި ކޮންމެ ދުވަހަކު ކުރާ ތެލުގެ ވިޔަފާރީގެ ބޮޑު ޕަސެންޓެއް ދަތުރުކުރާ މި މުހިންމު ކަނޑުއޮޅި، ބައިނަލްއަގުވާމީ ވިޔަފާރިތަކަށާއި މުދާ އުފުލާ ބޯޓުފަހަރަށް ފުރިހަމައަށް ހުޅުވާލާނެ އެވެ. އެހެންވެ، ދުނިޔޭގެ ބާޒާރަށް ތެޔޮ ފޯރުކޮށްދިނުމުގައި ހުރި ހުރަސްތައް ނެތިގެންދާނެ އެވެ.
މި މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދިޔަ ނަމަވެސް، އެއްބަސްވުން ފައިނަލްކުރުމުގެ ކުރިން އަދިވެސް ގޮންޖެހުންތައް އެބަހުއްޓެވެ. އީރާނުގެ ނިއުކްލިއާ ވަސީލަތްތައް ދާއިމީކޮށް ނައްތާލުމާ މެދުގަ އާއި، އެގައުމުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓާލަން އެމެރިކާ އާއި އީރާނާ ދެމެދު އަދިވެސް ހިޔާލުތަފާތުވުންތައް އެބަހުއްޓެވެ.
ހަމައެއާ އެކު، އީރާނުގެ އެތެރޭގެ ހަރުކަށި ފިކުރުގެ ސިޔާސީ ޖަމާއަތްތަކުން ދަނީ މި އެއްބަސްވުމާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުލަމުންނެވެ. އެފަރާތްތަކުން ބުނާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ހުޅަނގުގެ ގައުމުތަކަށް ނާޖާއިޒު ބޮޑެތި ފައިދާތަކެއް ލިބި، އީރާނުގެ މިނިވަންކަމަށާއި ދިފާއަށް ބޮޑެތި ގެއްލުންތަކެއް ވާނެ އެވެ.
ނިއުކްލިއާ ހަތިޔާރު ހޯދަން އެއްވެސް ކަމެއް ނުކުރަން އީރާނުން ވަނީ އެއްބަސްވެފައި: ރިޕޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ