ނަޝީދުގެ ރިޔާސަތުގައި ބާއްވާ ގައުމީ މަޖިލީހުގެ ފުރަތަމަ ބައްދަލުވުން މާދަމާ ރޭ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރިޔާސަތުގައި ބާއްވާ ގައުމީ މަޖިލީހުގެ ފުރަތަމަ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް މަސައްކަތް ކުރަން ފަށައިފި އެވެ. 
އަދަދު އަށް އެނގިފައިވާ ގޮތުގައި ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ހުށަހެޅުއްވީ ކުރީގެ ނަޝީދެވެ. 
ނަޝީދުގެ އެ ހުށަހެޅުއްވުމާއެކު ގައުމީ މަޖިލިސްގައި ތިއްބަވާ ގިނަ މެންބަރުން ވަނީ ޖަލްސާ ބޭއްވުމަށް ތާއީދުކުރައްވާ ލިސްޓުގައި ނަން ޖައްސަވާފަ އެވެ. ނަމަވެސް ގައުމީ މަޖިލިސް ޖަލްސާ އެޖެންޑާގައި ހިމެނޭ ކަންކަން މިހާތަނަށް އެނގިފައެއް ނުވެ އެވެ. 
މާދަމާ ބޭއްވުމަށް މަސައްކަތްކުރާ އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާގެ ކުރިން ގައުމީ މަޖިލީހުގެ މެންބަރުންނާ ނަޝީދު ނުރަސްމީކޮށް މިރޭ 09:00 ޖަހާއިރު އެމްޑީޕީ ހަރުގޭގައި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. 
މިއީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށްފަހު އެ ޕާޓީގެ ގައުމީ މަޖިލިސް ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. ޗެއާޕާސަން އިންތިހާބު 69 ޕަސަންޓުގެ ބޮޑު ތަފާތަކުން ނަޝީދު ކާމިޔާބުކުރެއްވިއިރު، އިންތިހާބުގައި ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްއަށް ލިބިވަޑައިގަތީ 30 ޕަސަންޓު ވޯޓެވެ. 
އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ޗެއާޕާސަން އިލެކްޓްގެ ހައިސިއްޔަތުން ނަޝީދު ގެންދަވަނީ އެމްޑީޕީގެ ލީޑާޝިޕްގައި ހިމެނޭ ބޭފުޅުންގެ އިތުރުން ޕާޓީ އޮފީހުގެ އެކި މުވައްޒަފުންނާއި ކޮމިޓީތަކާ ބައްދަލު ކުރައްވަމުންނެވެ. 
އެމްޑީޕީގެ ޗެއާޕާސަންކަމާ ނަޝީދު ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ ޗެއާޕާސަން އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމުންނެވެ. 
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހު އެވެ. ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ އެ މަގާމުގައި ތިން އަހަރާއި ހަ މަސްދުވަސް ހޭދަކުރައްވާފަ އެވެ.
ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގްރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ