މިސްރުގެ "ހަތް ތަރި" ޖޯޒީން އުނިކުރަން ފީފާއިން އަންގައިފި

ވޯލްޑް ކަޕްގައި މިސްރުން ބޭނުންކުރާ ޖާޒީގެ ލޯގޯގެ މަތީގައި ހުންނަ ހަތް ތަރި ފޮހެލަން ފީފާއިން އަންގައިފި އެވެ.
އާންމުގޮތެއްގައި މިސްރުގެ ގައުމީ ޓީމުގެ ޖާޒީގައި ހުންނަ ލޯގޯގެ މަތީގައި، އެ ގައުމުން އެފްރިކާ ބައްރުގެ ޗެމްޕިއަންކަން ހޯދި ކޮންމެ ފަހަރެއް، ރަމްޒުކޮށްދޭ ގޮތުން ހަތް ތަރި ޖަހާފައި ހުރެ އެވެ.
މިސްރުގެ ފުޓްބޯޅަ ފެޑެރޭޝަންގެ މީޑިއާ އޮފިސަރު މުހައްމަދު މުރާދު ތޯބިތު އީއެސްޕީއެން އަށް ދިން އިންޓަވިއުގައި ބުނީ، ލޯގޯ އަށް ބަދަލު ގެނައުމަކީ އާދައިގެ ކަމެއް ކަމަށެވެ. އަދި ވޯލްޑް ކަޕް މެޗުތަކުގައި އެފްރިކާ ކަޕްގެ ތަރިތައް ޖާޒީގައި ބޭނުން ނުކުރެވޭނެކަން މީގެ ހަތަރު މަސް ކުރިން ފީފާއިން އެންގި ކަމަށް އޭނާ ބުންޏެވެ. 
އޭނާ ބުނީ ގައުމީ ޓީމުން މާކުރިންވެސް އެކަމަށް ތައްޔާރުވެ، ބޭނުންވާ ބަދަލުތައް ގެނެސްފައިވާނެ ކަމަށެވެ.
އެހެން މުބާރާތްތަކުގައި ތާރީހީ ކާމިޔާބީތައް ރަމްޒުކޮށްދޭ ތަރިތައް ޖާޒީގައި ހިމެނުމަކީ ގައުމީ ފެޑެރޭޝަންތަކަށް އަމިއްލައަށް ނިންމިދާނެ ކަމެކެވެ.  ނަމަވެސް ވޯލްޑް ކަޕްގައި ފީފާއިން ހުއްދަ ދެނީ ހަމައެކަނި ވޯލްޑް ކަޕް މުބާރާތް ކާމިޔާބުކޮށްގެން ހޯދާ ތަރިތައް ޖެހުމަށެވެ.
މި ގަވާއިދުން އިސްތިސްނާވާ ހަމައެކަނި ގައުމަކީ އުރުގުއޭ އެވެ. އެ ގައުމަށް ޖޯޒީގައި ހަތަރު ތަރި ޖެހުމުގެ ހުއްދަ ފީފާއިން ދެ އެވެ. އެއީ 1930 އަދި 1950 ވަނަ އަހަރު އެ ގައުމުން ކާމިޔާބު ކުރި ވޯލްޑް ކަޕްގެ އިތުރުން، ފީފާ ވެސް ބައިވެރިވެގެން އިންތިޒާމުކުރި 1924 އާއި 1928 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ފުޓްބޯޅަ މުބާރާތް ކާމިޔާބު ހޯދި ދެ ރަން މެޑެއްޔަށް ލިބުނު ދެ ތަރި އެވެ.
ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން ބަލިވެ ކެޓި މިސްރު ޓީމު، ވޯލްޑް ކަޕަށް އެނބުރި އެއައީ މެދުކެނޑުމަކަށް ފަހު އެވެ. ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް މިސްރު ކޮލިފައި ނުވެ އެވެ. 
އޭގެ ކުރިން 1934 އާއި 1990 ގައި އެ ގައުމުން ވޯލްޑް ކަޕްގައި ވާދަކުރި އެވެ. އެކަމަކު އަދި މިހާތަނަށް މުބާރާތުގެ އެއްވެސް މެޗަކުން އެ ގައުމަށް މޮޅުވެވިފައެއް ނުވެ އެވެ.
ތަރިތަކުގެ އިތުރުން، ފީފާގެ އެދުމުގެ މަތިން މިސްރުން ވަނީ އެ ގައުމުގެ ޖޯޒީ ނަންބަރުތަކުގެ ކުލަ ވެސް ބަދަލުކޮށްފަ އެވެ. ކުރިން ޖޯޒީ ނަންބަރުތަކުގައި ހުރީ ރަން ކުލަ އެވެ.
މިސްރުގެ ޖޯޒީ ތައްޔާރުކުރާ ޕޫމާ ކުންފުނިން ވަނީ، ދަނޑުމަތީގައި ކުޅުންތެރިންގެ ނަންބަރުތައް ސާފުކޮށް ފެންނަން ހުރުމުގެ ގޮތުން އެ ނަންބަރުތައް ހުދުކުލަ އަށް ބަދަލުކޮށްދީފަ އެވެ.
ގްރޫޕް ޖީގައި ހިމެނޭ މިސްރުގެ ފުރަތަމަ މެޗުގައި ހޯމަ ދުވަހު އެމެރިކާގެ ސިއެޓްލްގައި ބެލްޖިއަމްއާ ދެކޮޅަށް ނުކުންނާނެ އެވެ. އޭގެ ހަ ދުވަސް ފަހުން ކެނެޑާގެ ވެންކޫވާގައި ނިއުޒިލޭންޑާ ދެކޮޅަށް ކުޅޭނެ އެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ޖޫން 26 ގައި ސިއެޓްލްގައި އެ ގައުމު ނުކުންނާނީ އިރާނާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ