މި އަހަރު ލިބުނު އިންކަމް ޓެކްސް 31.6 ޕަސެންޓު އިތުރު

މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހާ އަޅައިބަލާއިރު، މި އަހަރުގެ ފުރަތަމަ ފަސް މަހު އިންކަމް ޓެކުހުގެ ގޮތުގައި ލިބުނު އަދަދު 31.6 ޕަސެންޓު އިތުރުކަމަށް، ޓެކުހާ ބެހޭ އިދާރާ މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ފަސް މަހު އިންކަމް ޓެކުހުގެ ގޮތުގައި 2.75 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އިންކަމް ޓެކުހުގެ ގޮތުގައި ލިބުނު 2.09 ބިލިއަން ރުފިޔާއަށް ވުރެ 31.6 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ މެއި މަހަށް އަލިއަޅުވައިލާއިރު، އެ މަހު އިންކަމް ޓެކުހުގެ ގޮތުގައި ލިބުނީ 234.24 މިލިއަން ރުފިޔާއެވެ. އެއާ އަޅައިބަލާއިރު މިދިޔަ އަހަރުގެ މެއި މަހު އިންކަމް ޓެކުހުގެ ގޮތުގައި ލިބުނީ 132.73 މިލިއަން ރުފިޔާއެވެ. މި އަހަރުގެ ފުރަތަމަ ފަސް މަހު އިންކަމް ޓެކްސް އެންމެ ގިނައިން ލިބިފައިވަނީ ކުންފުނިތަކުންނެވެ. އެގޮތުން ކުންފުނިތަކުން އިންކަމް ޓެކުހުގެ ގޮތުގައި 1.31 ބިލިއަން ރުފިޔާ ލިބުނުއިރު، ބޭރު މީހުން އަތުން އިންކަމް ޓެކުހުގެ ގޮތުގައި 735.25 މިލިއަން ރުފިޔާ ލިބުނެވެ. އަދި ފަރުދުންގެ އަތުން 214.06 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް، މީރާގެ އެ ތަފާސްހިސާބުތަކުގައިވެއެވެ. https://sun.mv/223200 ތަފާސްހިސާބުތަކުގައިވާ ގޮތުން، ފާއިތުވި ފަސް މަހު މީރާގެ އާމްދަނީ ކަމަށްވާ 16.4 ބިލިއަން ރުފިޔާގެ ތެރޭގައި 749 މިލިއަން ޑޮލަރު ހިމެނެއެވެ. އޭގެ ތެރޭގައި މިދިޔަ މަހު ލިބުނު 89 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭއިރު، އެއީ މިދިޔަ އަހަރުގެ މެއި މަހު ލިބުނު އަދަދަށްވުރެ 15 ޕަސެންޓް ދަށް އަދަދެކެވެ. މީރާއިން މީގެ ކުރިން ވަނީ، މިދިޔަ މެއި މަހުގެ އާމްދަނީ މިދިޔަ އަހަރުގެ މެއި މަހަށްވުރެ ދަށްކަން ފާހަގަކޮށް އޭގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކުހާއި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ މަދުވުން ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ