ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު، ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ.
ހުޅުމާލޭ އޮރެންޖު ހިޔާގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއެކު ހިންގަމުންދާ ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޒިޔާރަތްކުރެއްވީ މެންދުރުގެ ވަގުތެއްގައެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބަލިމީހުންގެ ވޯޑާއި، ލޭ ހަދިޔާކުރާ ޑޯނަރުންގެ ވޯޑުގެ އިތުރުން ލެބޯޓްރީއާއި ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރުގެ ހާލަތު ބައްލަވާލައްވައި، އަދާހަމަ މައުލޫމާތު އޮޅުންފިލުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރާއްޖޭގައި ތެލެސީމިއާ ބަލިމީހުންނަށް ފޯރުކޮށްދޭ ފަރުވާއާއި، މާލީ އެހީތެރިކަމާއި، އުމްރާނީ ވަސީލަތްތައް ހަރުދަނާކުރުމަށް، ސަރުކާރުން ވަނީ ޚާއްޞަ އިސްކަމެއް ދެއްވާފައެވެ.
އެގޮތުން، ތެލެސީމިއާ ބަލި ތަޙައްމަލުކުރަމުންދާ ކޮންމެ ފަރުދަކަށާއި އެ ފަރުދުން ނިސްބަތްވާ ޢާއިލާތަކަށް ބޭނުންވާނެ ޞިއްޙީ އަދި އިޖުތިމާޢީ ރައްކާތެރިކަން ފަހިކޮށްދިނުމުގައި ސަރުކާރުން އަދާކުރާ ޒިންމާއާއި މަސްއޫލިއްޔަތުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރައްވައެވެ.
ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމާއެކު، އެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ ސިއްޙީ ކަންކަމާއި ސިއްޙަތާއި އާއިލާއާއި އިޖުތިމަޢީ އެހީއާބެހޭ ވަޒީރު، ޤީލާ ޢަލީއާއި، މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމެވެ. ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން، މުޙައްމަދު ޙުސައިން ޝަރީފްވެސް، މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އޮރެންޖް ހިޔާއަށް ބަދަލުކޮށް، އެތަން ރަސްމީކޮށް ހުޅުވީ 25 މޭ 2025 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ