އެމެރިކާއާއި އީރާނުގެ އެއްބަސްވުން: ސޮއިކުރެވޭނެ ވަގުތަކާ މެދު ސުވާލު

ޞަހްޔޫނީން ރުއްސުމަށް އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި އެކުލަވައިލި އޮނިގަނޑުގެ ދަށުން ޖޫން 14 ވަނަ ދުވަހު ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރެވިގެންދާނެ ކަމުގައި އެމެރިކާއާއި، މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުން ހާމަކޮށްފިއެވެ. ނަމަވެސް، ތެހްރާނުން ވަނީ އެއްބަސްވުމުގައި ސޮއިކުރެވޭނެ ދުވަހަކާމެދު ސުވާލު އުފައްދާފައެވެ.
ޖޫން 14 ވީ އާދީއްތަ ދުވަހު ތެހްރާނާއި ވޮޝިންގޓަނާ ދެމެދު އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ސުލްޙައިގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތައްޔާރީތައް ކުރަމުންދާ ކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޕާކިސްތާންގެ ރައީސް ޝެހްބާޒް ޝަރީފް ވަނީ އިޢުލާނު ކުރައްވާފައެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވިދާޅުވީ، އާދިއްތަ ދުވަހު ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވޭނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެ ކަން ކުރެވިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ.
ތެހްރާނާއި ވޮޝިންގޓަނާ ދެމެދު އެކުލަވައިލެވޭ އެއްބަސްވުމުގެ ދަށުން، ތެލުގެ ބޮޑު އިންސައްތައެއް އުފުލާ ހުރްމުޒް ކަނޑުއޮޅި ހުރިހާ ފަރާތަކަށް ހުޅުވައިލުމަށް އީރާނަށް ލާޒިމުވާނެ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ. އަދި، ބަދަލުގައި އީރާންގެ ބަނދަރުތައް ޙިޞާރުކުރުން އެމެރިކާއިން ހުއްޓައިލަން ޖެހޭނެއެވެ.މީގެ އިތުރުން، ފްރީޒްކޮށްފައި ނުވަތަ ހިފަހައްޓާފައިވާ އީރާންގެ އެތައް ބިލިޔަން ޑޮލަރުގެ ފައިސާއަކާއި މުދާ ދޫކޮށް، އީރާނުގެ ތެޔޮ އެކްސްޕޯޓު ކުރުމަށް އޮތް ހުރަސްތަކަށް ވޮޝިންގޓަނުން ލުއިދޭން ޖެހޭނެއެވެ. ހަނގުރާމައިގެ މައިގަނޑު އަމާޒުކަމުގައިވާ، އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެއްބަސްވުމުގެ ދަށުން ދެ ޤައުމަށް އިތުރު 60 ދުވަސް ލިބިދެވޭނެ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
ދެ ފަރާތުން ވެސް އެއްބަސްވުމެއްގައި ސޮއިކުރެވިގެންދާނެ ކަމުގެ އިޝާރާތެއް ދީފައިވާއިރު، ތެހްރާންގެ މަގުތަކުން ފެންނަނީ އެމެރިކާއާއެކު އެއްބަސްވުމެއް އެކުލަވައިލުމާ ދެކޮޅަށް ގިނަ އަދަދެއްގެ ބަޔަކު އަޑުއުފުލަމުންދާ މަންޒަރެވެ. އީރާނުން ޢާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަނީ، ޚާރިޖީ ވުޒާރާ ކައިރިއަށް ޖަމާވެފައިވާ ގިނަ އަދަދެއްގެ ބަޔަކު، ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއާ ދެކޮޅަށް އަޑުއުފުލަމުންދާ މަންޒަރެވެ. ހަނގުރާމައިގެ ތެރެއިން އީރާންގެ އަސްކަރިއްޔާ ބަލިކަށިކޮށްލާފައިވާނެ ކަމުގައި ވޮޝިންގޓަނުން ބުނި ނަމަވެސް، މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނީ، ހަނގުރާމައިގެ ސަބަބުން އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރުގެ (އައިއާރްޖީސީ) ބާރާއި ނުފޫޒު އިތުރުވެފައިވާ ކަމަށް ޤަބޫލުކުރެވޭ ކަމުގައެވެ. ޣަރާޤިޖީ ވިދާޅުވީ، ވޮޝިންގޓަނާއެކު އެއްބަސްވުމެއް އެކުލަވައިލެވުމުން ދޭހަވަނީ ހަނގުރާމައަށް ފަހު އީރާންގެ ބާރު ކުރިއަށްވުރެ ގަދަވެފައިވާ ކަން ކަމުގައެވެ.
ސުލްޙައިގެ އެއްބަސްވުމަކާ ގާތްވެފައިވާކަން ތެހްރާނާއި ވޮޝިންގޓަނުން ހާމަކޮށްފައިވީ ނަމަވެސް، ދެ ފަރާތުގެ މެދުގައި ކޮންމެވެސް ވަރަކަށް އަދިވެސް ދަނީ ޙަމަލާތައް ބަދަލުކުރަމުންނެވެ. މި ގޮތުން، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ހުރްމުޒް ކަނޑުއޮޅި ސަރަޙައްދަށް އައިއާރްޖީސީން ފޮނުވައިލި ޑްރޯންތަކެއް ވައްޓައިލާފައެވެ. ޔަހޫދީ ދައުލަތުން ބުނީ، ތެހްރާނާއި ވޮޝިންގޓަނާ ދެމެދު ވެވޭ އެއްވެސް އެއްބަސްވުމެއްގައި ބައިވެރިނުވާނެ ކަމުގައެވެ. އަދި، އެއްބަސްވުމުގައި ހިމެނޭ އެއް ޝަރުޠުކަމުގައިވާ ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓައިނުލާނެ ކަމުގައެވެ. މި ގޮތުން، ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ 70 އަށްވުރެ ގިނަ ސަރަޙައްދަށް ޢުދުވާނީ ޙަމަލާތައް އަމާޒުކޮށްފައެވެ. މިއީ، ތެހްރާނާއި ވޮޝިންގޓަނާ ދެމެދު އެކުލަވައިލުމަށް މަސައްކަތް ކުރަމުންދާ އެއްބަސްވުމަށް ހުރަސްއެޅުމުގެ ގޮތުން ޔަހޫދީން ހިންގަމުންދާ ޖަރީމާތަކެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ