މުލީ ހޮސްޕިޓަލު ޢިމާރާތުގެ ފައުޑޭޝަން މަސައްކަތް ފަށައިފިއެވެ. މުލީގައި ތަރައްޤީކުރަނީ 50 އެނދުގެ ހޮސްޕިޓަލެކެވެ.
މުލީ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހު އެރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މިމަސައްކަތް ކުރަމުންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީންނެވެ. އެމްޓީސީސީން ވިދާޅުވީ މިހާރު މުލީ ހޮސްޕިޓަލްގެ ޢިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތް ފަށާފައިވާކަމަށެވެ.
މުލީގައި ތަރައްޤީކުރަނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. 4 ފަންގިފިލައަށް ތަރައްޤީކުރާ މި ހޮސްޕިޓަލް އިމާރާތާއެކު މުލީ ރީޖަނަލް ހޮސްޕިޓަލުގައި އިތުރު ޚިދުމަތްތައް ޤާއިމުކުރެވިގެންދާނެއެވެ. މިމަޝްރޫޢުގެ ދަށުން ހޮސްޕިޓަލު އިމާރާތުގެ އިތުރުން އިދާރީ މަސައްކަތްތަކަށް ޚާއްސަ އޮފީސް އިމާރާތެއްވެސް މިމަޝްރޫއުގެ ދަށުން ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ.
ހޮސްޕިޓަލްގެ އައު އިމާރާތުގައި ކޮންސަލްޓޭޝަން ރޫމާއި، އޮޕަރޭޝަން ތިއޭޓަރާއި، އީ.އާރްއާއި، އެން.އައި.ސީ.ޔޫއާއި، ކުޑަކުދިންގެ ވޯޑާއި، ޑެންޓަލް ޚިދުމަތާއި، ފިޒިއޮތެރަޕީ އަދި ރޭޑިއޮލޮޖީގެ އިތުރުންވެސް ގިނަ ޚިދުމަތްތަކެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. މުލީ ހޮސްޕިޓަލުގެ އައު ޢިމާރާތުގައި ޕްރައިވެޓް ރޫމްތަކާއި، މީޓިން ރޫމް އަދި ކުޑަކުދިން ކުޅޭ އޭރިއާއެއްވެސް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.
32000 އަކަފޫޓަށްވުރެ ބޮޑު ސަރަޙައްދެއްގައި ތަރައްޤީކުރާ ހޮސްޕިޓަލް މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 171 މިލިއަން ރުފިޔާއަށެވެ.
މުލަކަތޮޅަކީ އާބާދީގައި 7400އެއްހާ މީހުން ދިރިއުޅެމުން އަންނަ އަތޮޅެކެވެ. އެ އަތޮޅުގެ ރައްޔިތުން ސިއްޙީ ޚިދުމަތަށް ބަރޯސާވާ މައި ހޮސްޕިޓަލް މުލީ ރީޖަނަލް ހޮސްޕިޓަލަކީ 30އަށްވުރެ ގިނަ ދުވަސްވީ ހޮސްޕިޓަލެކެވެ. ޒަމާންވީ ހޮސްޕިޓަލެއްނަމަވެސް ވޭތުވެދިޔަ ތަނުގައި މާބޮޑެތި މަސައްކަތްތަކެއް ހޮސްޕިޓަލްގެ ތަރައްޤީއަށް ކުރެވިފައެއް ނުވެއެވެ. އެހެންކަމުން އައު ހޮސްޕިޓަލް އިމާރާތާއެކު މުލީގެ ސިއްޙީ ޚިދުމަތަށް ބޮޑު ބަދަލެއް އައިސް ރައްޔިތުންނަށް ލުއި ފަސޭހަވެގެންދާނެއެވެ.
މުލީ ހޮސްޕިޓަލުގެ ފައުންޑޭޝަން މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ