މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް، މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މަގާމުގައި ކުރިން ހުންނެވި އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުން ޒީނާޒު އަދުނާން އައްޔަންކުރައްވައިފި އެވެ.
ޒީނާޒު މަގާމަށް އައްޔަން ކުރެއްވިކަން ރައީސް އޮފީހުން އަދި ހެލްތު މިނިސްޓްރީން އާންމު ނުކުރި ނަމަވެސް، ’ހަފްތާ‘ އަށް އެނގިފައިވާ ގޮތުގައި ޒީނާޒު އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.
ޒީނާޒު މީގެ ކުރީން ވަނީ ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމާއި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރައްވައިފަ އެވެ.
ހެލްތް މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުރި މައުލޫމާތަށް ބަލާއިރު، ޒީނާޒު އަދުނާން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރުމާއެކު، އެ މިނިސްޓްރީގައި ތިއްބެވި ސްޓޭޓް މިނިސްޓަރުންގެ އަދަދު ވަނީ 12 އަށް އިތުރުވެފަ އެވެ.
ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އެލަވަންސްގެ ގޮތުގައި ހަމަޖައްސާފައިވާ 15،000ރ. އާއެކު ކޮންމެ މަހަކު 47،000ރ. ލިބިވަޑައިގަންނަވާނެ އެވެ. މި މުސާރަތަކަށް ބަލާއިރު ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ މުސާރައާއި އެލަވަންސްތަކަށް އެކަނިވެސް މަހަކު 564،000ރ. ހަރަދުވާނެ އެވެ.
ހެލްތުގެ 12 ވަނަ ސްޓޭޓް މިނިސްޓަރަކަށް އާދަމް ޝަރީފުގެ އަނބިކަނބަލުން ޒީނާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ