ގައުމެއްގެ އާބާދީ ވަކި މިންވަރެއްގައި ހިފެހެއްޓިދާނެ ހެއްޔެވެ؟ މިއީ އާދީއްތަ ދުވަހު ސްވިޒަލޭންޑްގެ ރައްޔިތުން ވޯޓުލާން ނުކުމެ ޖަވާބު ހޯދާނެ ސުވާލެކެވެ. އެ ގައުމުގެ އާބާދީ 10 މިލިއަނަށް ވުރެ އިތުރުވިޔަ ނުދީ ހިފެހެއްޓުމަށް ހުށަހަޅާފައިވާ މި ހުށަހެޅުމާއެކު، ހިޖުރަކުރާ މީހުންގެ މައްސަލައިގައި އެ ގައުމުގައި އޮތް ބައިބައިވުންތައް ވަނީ ބޮޑުވެފަ އެވެ.
ކަނާތު ފިޔަވީގެ "ސްވިސް ޕީޕަލްސް ޕާޓީ" އިން ތާއީދުކުރާ މި ހުށަހެޅުމަކީ، ބޯހިޔާވަހިކަމާއި، އާންމު ހިދުމަތްތަކާއި ތިމާވެއްޓަށް ކުރިމަތިވެފައިވާ ޕްރެޝަރު ކުޑަކުރުމަށްޓަކައި ހުށަހެޅި "ދެމެހެއްޓެނިވި އިސްނެގުމެއް" ކަމަށް އެ ޕާޓީން ސިފަކުރެ އެވެ.
ނަމަވެސް، މިއީ "ހަމަނުޖެހުން އުފައްދާނެ އިސްނެގުމެއް" ކަމަށް ސިފަކޮށް، ސަރުކާރާއި، އެހެން ސިޔާސީ ޕާޓީތަކާއި، ވިޔަފާރިވެރިން އަދި ޓްރޭޑް ޔޫނިއަންތަކުން ބުނަމުންދަނީ މީގެ ސަބަބުން ހޮސްޕިޓަލްތަކާއި ހޮޓާތަކަށް ބޭނުންވާ މުވައްޒަފުން ނުލިބޭނެ ކަމަށެވެ. އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއެކު އޮތް ގުޅުމަށް ބުރޫއަރައި، އީޔޫގެ މެންބަރަކަށް ނުވާ ސްވިޒަލޭންޑް ދުނިޔޭގައި އެކަހެރިވެދާނެ ކަމުގެ އިންޒާރު އެ ފަރާތްތަކުން ދެ އެވެ.
ސްވިޒަލޭންޑްގެ އާބާދީ 2002 ވަނަ އަހަރު 7.3 މިލިއަންގައި ހުރި ނަމަވެސް، އޭގެ ފަހުން އާބާދީ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިހާރު އެ ގައުމުގެ އާބާދީއަކީ 9.1 މިލިއަނެވެ. މީގެ ތެރެއިން 27 އިންސައްތަ މީހުންނަކީ ބޭރު ގައުމުތަކަށް އުފަންވެފައިވާ، ސްވިޒަލޭންޑްގައި ދިރިއުޅޭ މީހުންނެވެ.
ސްވިޒަލޭންޑްގައި އޮންނަ ސީދާ ޑިމޮކްރަސީގެ ނިޒާމުގެ ދަށުން، ހުރިހާ މުހިންމު ނިންމުންތަކެއް ނިންމަނީ ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. މިފަދަ ގައުމީ ފެންވަރުގެ ވޯޓެއް ނެގުމަށްޓަކައި، ކަމާބެހޭ ފަރާތްތަކުން ބޭނުންވަނީ އެންމެ 100،000 މީހުންގެ ސޮޔެވެ.
ޓްރެއިންތައް ތޮއްޖެހުމާއި، އެޕާޓްމަންޓްތަކުގެ ކުލި ބޮޑުވުމާއި، ސިއްހީ ހިދުމަތްތަކުގެ އަގު އުފުލުމަކީ ގިނަ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.
އެންމެ ފަހުގެ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި 52 އިންސައްތަ މީހުން މި ހުށަހެޅުމާ ދެކޮޅަށް ވޯޓު ދޭނެ ކަމަށް ބެލެވޭއިރު، 45 އިންސައްތަ މީހުން ތިބީ މި ހުށަހެޅުމަށް ތާއީދުކޮށްގެންނެވެ. އަދިވެސް ގިނަ އަދަދެއްގެ ރައްޔިތުން ވަކި ގޮތެއް ނުނިންމާ ތިބުމުން، ނަތީޖާ ކޮންމެ ފަރާތަކަށް ވެސް އެނބުރިދާނެ ކަމަށް ބެލެވެ އެވެ.
ވަކި ގޮތެއް ނުނިންމާ ތިބި މީހުންގެ އެންމެ ބޮޑު ސުވާލަކީ، އާބާދީ ވަކި މިންވަރެއްގައި ހިފެހެއްޓުމުގެ މި އުސޫލު އަމަލީ ގޮތުން ހިންގާނީ ކިހިނެއްތޯ އެވެ.
އާބާދީ އިތުރުވުން މަޑުޖައްސާލުމަށްޓަކައި މީގެ ކުރިން ޗައިނާގައި "ވަން ޗައިލްޑް ސިޔާސަތު" ގެންގުޅުނު ނަމަވެސް، އާބާދީގެ ޖުމްލަ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް އެއްވެސް ގައުމަކުން މިހާތަނަށް މަސައްކަތް ކޮށްފައެއް ނުވެ އެވެ.
ސްވިޒަލޭންޑަށް ހުށަހަޅާފައިވާ މި ހުށަހެޅުމުގައި ބުނަނީ، 2050 ވަނަ އަހަރުގެ ކުރިން އެ ގައުމުގެ އާބާދީ 10 މިލިއަނަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށެވެ. އަދި އާބާދީ 9.5 މިލިއަނަށް އެރުމުން، އެ އަދަދު ކޮންޓްރޯލް ކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މި ފިޔަވަޅުތަކުގެ ތެރޭގައި، ހިމާޔަތް ހޯދަން އެދޭ މީހުންނަށް ހުއްދަ ދޭ މިންވަރު މަދުކުރުމާއި، ބޭރުގެ މަސައްކަތްތެރިންގެ އާއިލާތައް ގެނައުމަށް އޮންނަ ހައްގު އުވާލުން ފަދަ ކަންކަން ހިމެނިދާނެ އެވެ.
އާބާދީ 10 މިލިއަނަށް އަރައިފި ނަމަ، ސްވިޒަލޭންޑުން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ އެއްބަސްވުންތައް އުވާލަން ޖެހޭނެ އެވެ. މީގެ ތެރޭގައި އީޔޫގެ ގައުމުތަކުގެ މެދުގައި މިނިވަންކަމާއެކު މީހުން ދަތުރުފަތުރު ކުރުމުގެ އެއްބަސްވުން ވެސް ހިމެނެ އެވެ.
މިކަމުގެ ސަބަބުން ސްވިޒަލޭންޑްގެ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ޖަމިއްޔާގެ ޗީފް އިކޮނޮމިސްޓް ރުޑޮލްފް މިންޝް ވިދާޅުވީ، މި ހުށަހެޅުން ފާސްވެއްޖެ ނަމަ ޔޫރަޕިއަން ޔޫނިއަން އާއެކު އޮތް ގުޅުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
ސްވިޒަލޭންޑުގެ އާބާދީ 10 މިލިއަންގައި ހިފެހެއްޓުމަށް ވޯޓެއް ނަގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ