ފޮކްސްބޮރޯ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 14) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސްކޮޓްލެންޑުން 1-0 އިން ހައިޓީ ބަލިކޮށް މުބާރާތުގެ ކުޅުން މޮޅަކުން ފަށައިފި އެވެ.
މިއީ، ސްކޮޓްލެންޑުން ވޯލްޑް ކަޕެއްގައި މިދިޔަ 36 އަހަރު ތެރޭ ހޯދި ފުރަތަަމަ މޮޅެވެ.
މިއާ އެކު ގްރޫޕް ސީން ފުރަތަމަ މޮޅު ހޯދި ޓީމަކީ 1998 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕަށް އެނބުރި އައި ސްކޮޓްލެންޑް އެވެ. އެ ފަހަރު ސްކޮޓްލެންޑަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. ބްރެޒިލާއި މޮރޮކޯ އަތުން ބަލިވި ސްކޮޓްލެންޑަށް ޕޮއިންޓެއް ލިބުނީ ނޯވޭއާ އެއްވަރުކޮށްގެންނެވެ. އަދި، މި ފަަހަރު ފުރަތަަމަ މެޗުގައި ހައިޓީ ބަލިކޮށް، ސްކޮޓްލެންޑުން މި ވަނީ 1990 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގައި މޮޅެއް ހޯދައިފަ އެވެ. އެ ފަހަރު އެ ޓީމުން ވަނީ ސްވިޑެން ބަލިކޮށްފަ އެވެ.
ގްރޫޕް ސީގެ ގްރޫޕްގެ ފުރަތަމަ މެޗުން މޮރޮކޯ އާއި ބްރެޒިލް ވަނީ 1-1 އިން އެއްވަަރުވެފަ އެވެ. މި މެޗުން ސްކޮޓްލެންޑް މޮޅުވުމާ އެކު، މި ގްރޫޕުން ގަދަ ދެ ޓީމުގެ ޖާގައިގައި ނޫނީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރޭގައި ހިމެނިގެން، ސްކޮޓްލެންްޑަށް ކުރިއަށްދިއުމުގެ ފުރުސަތު އޮތީ ބޮޑުކޮށެވެ.
ހައިޓީ ކޮޅަށް ސްކޮޓްލެންޑްގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ 28 ވަނަ މިނިޓްގައި ޖޯން މެކްގިން އެވެ. މި ސީޒަނުގައި އެސްޓަން ވިލާއާ އެކު ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި ޓީމުގައި ކެޕްޓަންކަން ކުރި މެކްގިން އަށް އޭރިއާތެރެއިން ލިބުނު ފުރުސަތުގައި އޭނާ ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ވައްދާލައިފަ އެެވެ.
ސްކޮޓްލެންޑުން އެއް ގޯލުން ކުރީގައި އޮތްއިރު، ހައިޓީން ވަނީ އެންމެ ފަހު ވަގުތާ ހަމައަށް މަސައްކަތްކޮށް ނަތީޖާ ހަމަހަމަކުރެވޭތޯ ބަލައިފަ އެވެ. އެކަމަކު، ލީޑު ހިފަހައްޓަން ސްކޮޓްލެންޑުން ޓީމެއްގެ ގޮތުގައި ކުރި މަސައްކަތް ވަނީ ކާމިޔާބުކޮށްފަ އެވެ.
ސްކޮޓްލެންޑަށް 36 އަހަރު ތެރޭ ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ