"އަލުން އެނބުރި ގުޅިވަޑައިގެންނެވީތީ ކިޔާ މަރުހަބާއޭ،" އުފާވެރި ހަވީރެއްގެ ވަގުތުގައި އަންހެނަކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަތުގައި ހިފަހައްޓާލައިގެން ހުރެ މި ލަވަ ކިޔައިދިނެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އެނބުރި ވަޑައިގަތުމަށް ނަޝީދު ކުރެއްވި ކެމްޕެއިންގައި ރަށްރަށުގެ ޖަގަހަތަކާއި ހޮޅުއަށިތަކުން މި ލަވަ ގުގުމަން ފެށި އެވެ. އެއާ އެކު، އެ ލަވައިގެ ބުނާ ބުނުންތައް އެމްޑީޕީގެ މެންބަރުންގެ ހިތުގައި ބިންވަޅު ނެގިއްޖެ ކަމަށެވެ.
ވާދަވެރި އަދި ބަހުގެ ހަމަލާތައް ގިނަ ކެމްޕެއިނަށް ފަހު މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ނަތީޖާ އިން ސާބިތުވީ އެކަމެވެ. އެމްޑީޕީގެ ލީޑަޝިޕަށް ނަޝީދު އެނބުރި ވަޑައިގަތުމަށް އާންމު މެމްބަރުން ބޭނުންވެފައި ތިބި ވަރެވެ.
މެންބަރުންގެ ހިތާހިތާ އޮތް ގުޅުމާ އެކު ނަޝީދަށް ލިބިފައިވަނީ މި ރާއްޖޭގެ އެންމެ ވަރުގަދަ "ޕޮލިޓިކަލް ކަމްބެކް" އެވެ.
އެމްޑީޕީ އުފެއްދުމުގެ ކުރި އާއި އެ އުފެދިގެން އައި ދުވަސްވަރާއި އެ ޕާޓީގެ ޗެއާޕާސަން އަދި ރައީސްކަމުގައި އަދި ޕާޓީގެ ފަރާތުން ފުރަތަމަ ވެރިކަން ކުރެއްވި ބޭފުޅާގެ ގޮތުގައި ނަޝީދުގެ ބޮޑު ދައުރެއް އެމްޑީޕީގައި އޮތެވެ. އެ ޕާޓީ ސިފަކުރެވެމުން އައީ ނަޝީދުގެ ޕާޓީއެއްގެ ގޮތުގަ އެވެ. އެކަމަކު، ހާލަތު ތަންދިން ގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވި، އެމްޑީޕީގެ ޓިކެޓް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ދޭން ޖެހުނު ހިސާބުން އެމްޑީޕީގެ ކުލަވަރު ބަދަލުވާން ފެށި އެވެ.
އެ ރިޔާސީ އިންތިހާބަށް ފަހު ނަޝީދު މާލެ ވަޑައިގެން، ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ހޮވިވަޑައިގެން އެ މަޖިލީހުގެ ރައީސްގެ މަގާމަށް ވެސް ވަޑައިގެންނެވި އެވެ. ނަމަވެސް، އެ މަނިކުފާނާ ޕާޓީ ދިޔައީ ދުރަށެވެ. އެމްޑީޕީ އަށް އޮތް މަޖިލީހުގެ ސުޕަމެޖޯރިޓީއާ އެކު، ވެރިކަމުގައި ހުންނެވި އިބޫއާ ދެމެދު ގުޅުން ގޯސްވަމުންދިޔަ އެވެ. އެ ގުޅުން އިޔާދަނުކުރެވޭ ހިސާބަށް ގޮސް ނަޝީދު އެންމެ ފަހުން އެ މަނިކުފާނު އެމްޑީޕީ ވެސް ދޫކުރައްވާ ވަޑައިގެންނެވީ އެވެ.
އަރިސް ބޭފުޅުންނާ އެކު، "ދަ ޑިމޮކްރެޓްސް" އުފައްދަވައި އެމްޑީޕީ "ރޫޅާލާނަން، ރޫޅާލާނަން، ރޫޅާލާނަން" ކަމަށް ވިދާޅުވި އެވެ. އެކަމަކު، އެ ދުވަސްތައް ފާއިތުވެއްޖެ އެވެ. މިއަދު ހަމަ އެ އާޓިފިޝަލް ބީޗުގައި ހުންނަވައި، ނަޝީދު އެ ވިދާޅުވަނީ އެމްޑީޕީ ރުކުރުވާލާނެ ކަމަށެވެ. އެ ޕާޓީއަށް އިހުނަށް ވުރެ ގަދައަށް ހިންގާލާނެ ކަމަށެވެ.
މިއީ ޕާޓީން އެކަހެރިކޮށް "ނެރެ އެއްލާލާފައިވަނިކޮށް" ނަޝީދުގެ ބުންވަރާއި ހިކުމަތުން އަލުން މައިދާނަށް ކުރި ދަތުރެވެ. ޗެއާޕާސަންގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވެސް ދައްކަނީ އެމްޑީޕީގެ މިހާރުގެ ލީޑަޝިޕްގެ ބޭފުޅުންގެ ނުފޫޒުގަދަ ދާއިރާތަކުން ވެސް ބޮޑު އަޣުލަބިއްޔަތެއް ނަޝީދުގެ ކޮޅަށް އަނބުރާލާފައިވާ ތަނެވެ. އޭގެ ތެރޭގައި ބޮޑެތި އާބާދީތައް ހިމެނޭ ސިޓީތައް ފާހަގަކުރެވެ އެވެ.
އެމްޑީޕީގެ އެންމެ މުހިންމު އެއް ގުނަން ޕާލަމެންޓްރީ ގުރޫޕުގެ ބޮޑު އަޣުލަބިއްޔަތެއް ފާޅުގައި ނަޝީދާ ދެކޮޅަށް ކެމްޕެއިން ކުރި އެވެ. އެކަމަކު، އެ ދާއިރާތަކުގެ ވޯޓުތައް ފަސޭހަކަމާ އެކު ނަޝީދު ހޯއްދެވި އެވެ. ގައުމީ މަޖިލިހުގެ މެމްބަރުންގެ ދާއިރާތައް ވެސް ހަމަ އެފަދަ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަކީ އެ ޕާޓީގެ އެތެރޭގެ އިންތިހާބެއް ކަމަށް ވިޔަސް، އެ އަށް ވުރެ މުޅި ރާއްޖޭގެ ކަޅި ހުއްޓުނެވެ. ނަޝީދު ކުރެއްވި ކެމްޕެއިންނަކީ މި ފަހުން ހިންގި ސިޔާސީ އެންމެ ކާމިޔާބު އެއް ހަރަކާތެވެ. އޭގެ ތަފާތަކީ އެމްޑީޕީގެ ގިނަ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެއީ އޭގައި ހަގީގީ އެމްޑީޕީގެ ކުލަވަރާއި ރަހަތައް ހެޔޮވަރުވެފައި އޮތް ކެމްޕެއިނަކަށް ވުމެވެ.
ގޭގޭގެ ސުފުރާމައްޗާއި ބަދިތަކުގެ ދުމަށިމަތިން ފެށިގެން ނަޝީދު ނުފޯރާ ހިސާބެއް ނެތެވެ. ސިޔާސީ ވެރިން އާންމު ރައްޔިތުންގެ ގެދޮރަށް ވަދެ އުޅުމުގެ ސަގާފަތް ރާއްޖެ ގެނައި، ނަޝީދު އެއީ އެ މަނިކުފާނުގެ ސްޓައިލްކަން އަނެއްކާވެސް ކިޔައި ވިދާޅުވެދެއްވީ އެވެ. އެ ކަން ހަނދާން ނެތިފައި ތިބި މީހުންނަށް އެ ފިލާވަޅު ނަންގަވައި ދެއްވީ އެވެ.
"...ބައެއް ބޭފުޅުން ހަނދާނުން ކައްސާލީ އެމްޑީޕީއަކީ ކިހިނެއް އުފެދިގެން އައި އެއްޗެއް ކަން، އޭގެ ލޯގޯއަކަސް އޭގެ ކުލައަކަސް ޝިއާރަކަސް އޭގެ ސްޓަރަކްޗާއަށް ވިޔަސް އޭގެ ނަންތައް މިސާލަކަށް ސީދާ ހަރަކާތް، މަދަނީ ބަސްނޭހުން މި ބަސް ރަދީފަކަސް، މިއީ މީހެއްގެ މުޅި ހަޔާތުގެ މަސައްކަތް. އެއީ އަންނިގެ މަސައްކަތް،" ނަޝީދަށް 100 ޕަސެންޓްގެ ކާމިޔާބެއް ލިބުނު ރ. ފައިނަށް އުފަން މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވި އެވެ.
ބައެއް ބޭފުޅުން ގަބޫލުނުކޮށް ތިއްބަސް، ވަހީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ދެވަނަ ސަރުކާރުގައި އެ ޕާޓީ އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފަ އެވެ. ވެރިކަމުގައި ހުންނަވައި، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ދެވަނައަށް ދިޔުމާއި ކޯލިޝަނަށް 40 ޕަސެންޓް ދީގެން ހުރެމެ، އެކުގައި އެއްވެސް ޕާޓީއެއް އޭރު ނެތުމަކީ އެމްޑީޕީގެ ބަލިކަށިކަން ބުނެދޭ ކަމެއް ކަމަށެވެ.
އެ ބަލިކަށިކަމުން އަރައިގަނެ، އެމްޑީޕީއަށް ހަގީގީ ރޫހު އައުމަށް މެންބަރުން އެދިއެދި ތިބައްވާ ފެނުނީ ތަފާތު ދެ ކެމްޕެއިނެކެވެ. އެއް ކެމްޕެއިންގައި ދެއްކީ 2023 ގެއްލުނު ސަބަބާއި އޭގެ ޒިންމާ ނަޝީދު ނަގަންވަންޖެހޭ ކަމެވެ. އަނެއް ކެމްޕެއިންގައި އޮތީ ނަޝީދުގެ ހަރަކާތްތެރި މަންޒަރުތަކެވެ.
އެހެންވެ، ނަތީޖާއިން ބުނެދޭ ކަމަކީ ޕާޓީ އަލުން ކޮޅަށް ޖަހަން އަލިމަގެއް އާންމު މެންބަރުންނަށް ފެންނަން ފެށީ "ބޮޑުބަދަލު"އާ އެކު ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ އަތުގައި ހިއްޕަވައިގެން ނަޝީދު ނުކުންނެވި ހިސާބުން ކަން ވަހީދު ފާހަގަކުރެއްވި އެވެ.
"އެކަން ފެނުނު އާންމު މެންބަރުންގެ މޫނުމަތިން، އެ އުފާވެރިކަމާއި އެ ކުލަވަރާއި އެހެންވީމާ އެމްޑީޕީ އަސްލު އެމްޑީޕީ ވަންތަ ގޮތުގައި ވަރުގަދަ ކުރަން އެމްޑީޕީ މެންބަރުން ބޭނުންވެފައި ތިބި ވަރު ނަތީޖާއިން އެ ފެނުނީ،" އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވި ގޮތުގައި އެމްޑީޕީގައި އޮތް ބަލިކަށިކަން ފިލުވަން އަނެއްކާވެސް ކޯލިޝަންގެ ވާހަކައިގެ ބަދަލުގައި ނަޝީދި ދެއްކެވީ އެމްޑީޕީ ވަރުގަދަކުރާނެ ސިޔާސަތުތަކެވެ. އެކަން އެ މަނިކުފާނާ ވާދަކުރެއްވި އަނެއް ޓީމަށް ނުދެއްކުން ކަމަށް ވަހީދު ދެކެ އެވެ.
"ސިޔާސީ ޕާޓީއެއްގެ މަސައްކަތަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސިޔާސަތު ހެދުން. ސިޔާސަތު ހިފައިގެން އުޅެން ޖެހޭނީ، ވާދަކުރަން ޖެހޭނީ، ސިޔާސަތެއް ނެތުނީމަ ޑިފެންސަށް ކުޅޭނީ އެ ބޭފުޅުންގެ ސިޔާސަތެއް ނެތުން އެ ބަލިވި ސަބަބަކީ. އެކަން ކުރީ ނަޝީދާއި ފަޔާއާ އެކު، އަސްލު ސިޔާސީ ކުޅުމެއް ކުޅުނީ އެ ބޭފުޅުން، އެހެން ބޭފުޅުން އުޅުނީ ޑިފެންސަށް ޕެނަލްޓީ އޭރިޔާ ތެރޭގައި،" މީކާއިލް އަހުމަދު ނަސީމްގެ ކެމްޕެއިނަށް އިޝާރަތް ކުރައްވަމުން ވަހީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބޫގެ މުޅި ޓީމު ހަރަކާތްތެރިވި އެ ކެމްޕެއިންގެ މިސާލު ވަހީދު ޖެއްސެވީ ވޯލްޑްކަޕުންނެވެ. މިދިޔަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބު ނުވި ޓީމަކުން އެ ނަތީޖާއޭ ކިޔާލަކިޔާލަ މި ވޯލްޑްކަޕަކު ނުތިބޭނެ އެވެ. އާ ޕްލޭންތަކާއި އުކުޅުތަކާ އެކު ބަލާނީ 2026ގެ ތަށި ހިއްލާލެވޭތޯ އެވެ.
"އެ ފަހަރު މިހެން ހެދީއޭ އެހެން ހެދީއޭ އެވެނި މީހަކާ ހެދި މިހެންވީއޭ. އެއީ ކުޅިވަރު ކުޅެން ނުދަންނަ މީހުން ކުރާ ކަމެއް،" ވަހީދު ވިދާޅުވި އެވެ.
ޗެއާޕާސަން ކަމުގައި ހުންނަވައި، އިސްތިއުފާއާ އެކު ފައްޔާޒު ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި އެވެ. އެއީ، އަލުން ނަޝީދު އެމްޑީޕީއަށް ގެންނަން އޭނާއަށް އަޅަން މަޖުބޫރުވި ފިޔަވަޅެކެވެ. އެ ޕާޓީ އެކުގައި ބާއްވަން ފައްޔާޒު އޭގެ ކުރިން ވެސް ވަރަށް މަސައްކަތް ކުރެއްވި އެވެ.
ދެ ރައީސުންގެ މެދުގައި ހިޔާލު ތަފާތުވުންތައް ބޮޑުވެ، އެމްޑީޕީ 2022 ވަނަ އަހަރުގެ ކޮންގްރްސްއާ ބައްދަލުކުރިއިރު ޗެއާޕާސަންގެ މަގާމުގައި ހުންނެވީ ފައްޔާޒެވެ. އެ ދުވަހު އެ ޕާޓީ ތެރޭގައި އޮތް ނުތަނަސްކަން ވަރަށް ބޮޑެވެ. ނަޝީދުގެ ބަރުލަމާނީ ގަރާރަކާ އެކު ހިޔާލު ތަފާތުވުންތައް އޮތީ އިންތިހާއަށެވެ. އެ ދުވަހު ޕާޓީ ފަޅައިގެން ގޮސްދާނެ ކަމުގެ ބިރާ އެކު ފައްޔާޒު އިސްނަގައިގެން ކޮންގްރެސްގެ ހަވާސާގައި ހިންގި މަޝްވަރާތަކުގައި ނަޝީދު އެ ގަރާރު ހުށަނާޅަން ނިންމެވި އެވެ.
އެކަމަކު، އޭގެ ފަހުން ދެ ރައީސުން އެއް މޭޒަކަށް ގެނައުމަށް ފައްޔާޒަށް ވެސް ކާމިޔާބެއް ނުވި އެވެ. ޕާޓީގެ ދެބައި، ރޫޅިގެން ގޮސް ރިޔާސީ އިންތިހާބު ގެއްލުނީ ވެސް އޭނާގެ ޗެއާޕާސަން ކަމުގަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފައްޔާޒަކީ އެމްޑީޕީގެ ވަރަށް ބޮޑު ކޮންޓްރޯލެއް މިވަގަތު ގެންގުޅުއްވާ ބޭފުޅެކެވެ. އޭނާގެ ވަރަށް ހަރަކާތްތެރި ކެމްޕެއިން ޓީމުތަކެއް އެކިކަންކޮޅުތަކުގައި އެބަތިއްބެވެ. އެ ޓީމުތަކާ ނުލައި، ނަޝީދަށް ޗެއާޕާސަންގެ އިންތިހާބު 70 ޕަސެންޓުން ކާމިޔާބު ކުރެވިދާނެ ކަމަކަށް އެމަނިކުފާނު ގާތް ބޭފުޅުން ވެސް ދެކެ އެވެ.
"...ހަމައެކަނި ނަޝީދަށްވީތީ ބައިވަރު ވޯޓުތަކެއް ދިން ގޮތަކަށް ނޫން އަޅުގަނޑަށް ފާހަގަވަނީ، ނަޝީދު ވެސް ވަރަށް ބޮޑަށް ކަންތައްތަކެއް ކުރައްވަން ވިދާޅުވެގެން އަދި އެކަންކަމަކީ ރައްޔިތުންގެ ބޭނުންވެފައި ތިބި ކަންކަމަށްވީތީ އެހާ ބޮޑު އަދަދަކުން ވޯޓު އެ ލިބުނީ، އެ މަސައްކަތުގައި ފަޔާ ވެސް ހުންނެވީމަ އެހާ ބޮޑު ތަފާތަކުން އެ މޮޅުވީ،" ކުރިން ޗެއާޕާސަންކަން ކުރެއްވި ހަސަން ލަތީފް ވިދާޅުވި އެވެ.
ވަހީދު ވެސް ވިދާޅުވި ގޮތުގައި އިންތިހާބު ކާމިޔާބުކުރުމުގައި ފައްޔާޒާގެ ހިއްސާ ވަރަށް ބޮޑެވެ. އެ ދެ ބޭފުޅުންގެ ކެމިސްޓްރީ ވަރުގަދަވެފައި ރައްޔިތުންނަށް ކަމުދިޔައީ އެވެ. ފަހުންފަހުން އައިސް ނަޝީދަށް ވެސް އެކަނި ވަރަށް ގިނަ ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހުނު ކަމަށާއޮ އެހެންވީމަ އެ މަދުވާ ތަންކޮޅު ފުރިހަމަކޮށްދިނީ ފައްޔާޒު ކަމަށް އޭނާ ދެކެ އެވެ.
"ފަޔާގެ ޓީމްތައް ކުރި މަސައްކަތް އެއީ ވަރަށް ބޮޑު ދައުރެއް. ދެ ބޭފުޅުން ހަމަ ގުޅެނީ، ސީދަލަށް ތެދަށް ވާހަކަ ދައްކަވާ ދެ ބޭފުޅުން،" ވަހީދު ވިދާޅުވި އެވެ.
ހަސަން ދެކޭ ގޮތުގައި "ބޮޑު ބަދަލު"ގެ ސިޔާސަތުތަކަށް އާންމު މެންބަރުންގެ ތާއިދު ހޯދައި އެކަންކަން ތަންފީޒު ކުރަން ނަޝީދާއި ފައްޔާޒު ކުރައްވަން ފައްޓަވާނެ މަސައްކަތްތަކާ އެކު، ޕާޓީ ހިނގައިގެންދާނެ އެވެ. އެ ދެ ބޭފުޅުން ދެން ވަޑައިގަންނަވާނީ އެ މަސައްކަތަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.
ޗެއާޕާސަންގެ އިންތިހާބުގައި 2023 ވަނަ އަހަރު ރިޔާސީ އިންތިހާބާ ދިމާކޮށް ނަޝީދާ މެދު އޮތް ނުތަނަވަސްކަމުގެ ވާހަކަތައް ވަރަށް ބޮޑަށް އޮތެވެ. ބައެއް އާންމު މެންބަރުން އެމަނިކުފާނު މާފަށް އެދެން ވެސް ގޮވަމުންދިޔަ އެވެ. އެ މާފަށް ނަޝީދު އެދިވަޑައިގެންނެވުމުން ގިނަ މެންބަރުން މާފު ވެސް ކުރެއްވި އެވެ.
ނަމަވެސް، އެ ސަރުކާރުގެ ވެރިން ހާއްސަކޮށް ކުރީގެ ރައީސް އެ ވާހަކަތައް ތަކުރާރު ކުރެއްވި އެވެ. އެ ދުވަހުގެ އުދާސްތަކާއި ހިތްނުތަނަވަސްކަން އިބޫ ވެސް ބޭރުކުރައްވަން ބޭނުންފުޅުވީ އެވެ. އެހެންވެ، މިހާރު އެ ވާހަކަތައް އެވަނީ ރަނގަޅަށް ދެކެވިފަ އެވެ. ދެން އޮތީ އެ ސަފުހާ ލައްޕާލުން ކަމަށް ހަސަން ލަތީފް ގަބޫލުކުރައްވަ އެވެ.
"އެ ވާހަކަތަކީ އަބަދުމެ ދައްކަަދައްކާ ތިބެވިދާނެ ވާހަކައެއްތޯ ނޫނީ އެ ވާހަކަ ބާއްވާފައި ކުރިއަށް ދާނީތޯ. އެކަން ދެ ގޮތަކަށް ގަބޫލުކުރިޔަސް އެ ވާހަކަ ބާއްވާފައި ދެން ކުރިއަށް ދާނީތޯ. އެމްޑީޕީ މެންބަރުން ގަބޫލުކުރާ ހަމައެއް އެއީ އެންމެންނަށް ވެސް ގޯސްހެދިފައި އެބަހުއްޓޭ. އެ ވާހަކަ ދައްކަން ތިބޭނީއެއް ނޫނޭ ކުރަންވީ ކަމަކީ މަސައްކަތައިގެން ކުރިއަށް ދާންވީއޭ،" ހަސަން ވިދާޅުވި އެވެ.
ހަސަން ދެކޭ ގޮތުގައި އިންތިހާބުގެ ނަތީޖާއިން އާންމު މެންބަރުން ވެސް ބުނެދިން ކަމަކީ އެ ވާހަކަތައް ފަހަތަށް ދުއްވާލައި، ކުރިއަށް ދާންވީ ވަގުތު ޖެހިއްޖެ ކަމެވެ. އަދި، އެ މަސައްކަތުގައި ނަތީޖާގެ ހިއްސާ ވަރަށް ބޮޑަށް ބޭނުންވާ ކަމެކެވެ.
އޭނާ ވިދާޅުވާ ގޮތުގައި ހިތްނުތަނަވަސްކަމެއް އޮތް ނަމަވެސް، އެކުގައި މަސައްކަތް ކުރުން އެއީ އުނދަގޫ ކަމަކަށް ނުވާނެ އެވެ. ޕާޓީގައި އެކި ފެކްޝަންތަކުގައި ބޭފުޅުން ތިއްބެވިޔަސް އެ އެންމެން ވެސް އެއްބަސްވާ އެއް ކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެން ވެރިކަމުގައި ހުންނަން ބޭނުން ނުވާކަން ކަމަށާއި 2028 އަންނަންދެން ވެސް މަޑުކޮށްގެން ނުވާނެ ކަމެވެ.
"އެ މަސައްކަތް ކުރާއިރު އެންމެންނަށް އެކުގައި މަސައްކަތް ކުރެވޭނެ، ދެން ހިޔާލު ތަފާތުވުން ވަރަށް ނުހުންނާނެ އުސޫލީ ކަންކަމުގައި އެމްޑީޕީގެ ތެރޭގަައި. ބައެއް ފަހަރު ކަންކަން ވެފައި ހުންނަ ގޮތުން އެ ހުންނަ ހިތުގަ ޖެހުމުގައި ކުދިކުދި ދެބަސްވުންތަކާ އެކު އެކަންކަން އެ ހުންނަނީ،" ހަސަން ވިދާޅުވި އެވެ.
"އެކަމަކު އުސޫލީ މަސައްކަތުގައި ހިއެއް ނުވޭ މަސައްކަތް ނުކުރެވޭ ވަރުގެ ހިޔާލީ ތަފާތުވުންތަކެއް ހުންނާނެހެން."
ވަހީދު ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީން މިހާރު ވެސް ވަނީ ފިކުރީ ގޮތުން ރައްޔިތުންގެ ބޮޑު ތާއިދެއް ހޯދައިފަ އެވެ. އެއީ އިދިކޮޅުގައި އޮވެ، ޕާޓީ ވަރުގަދަ ކުރުމުގެ ކޮޅުމަތިކަން އޭނާ ފާހަގަކުރެއްވި އެވެ. ވަހީދު ވިދާޅުވާ ގޮތުން ޕާޓީއެއްގެ ވަރުގަދަކަން ފެންނާނީ ސަރުކާރުގެ މާލިއްޔާ އާއި އެސްއޯއީތައް ގުޅާފައި އޮންނައިރަކު ނޫނެވެ. އެއީ ހަގީގީ ނޭވާލުމެއް ނޫނެވެ.
އެމްޑީޕީގެ އަސްލު ތަބިއްޔަތާ ދުރު ހިމޭންކަމުން ޕާޓީ ދުރުކޮށް ގަދައަށް އަތްޖަހާ ފޯރިނަގާ އެމްޑީޕީގެ އާންމު މެންބަރުން ރުޖޫއަވުމުން ދައްކުވައިދެނީ ޕާޓީ ހަގީގީ މާނައިގައި ނޭވާލަމުންދާ ތަން ކަން ވަހީދު ގަބޫލުކުރައްވަ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ނަޝީދަކީ މުޅި ޕާޓީ އެކަތިކޮށް، ވަރުގަދަ އަށް ހިފަހައްޓާލެވޭ ފަދަ އެމްޑީޕީ ވަންތަ، ވަރުގަދަ ލީޑަރެކެވެ.
"އަނދިރިވީމަ ތަރިތައް ގިނަ ވާނީ، އިރު އެރީމަ ހުރިހާ އެއްޗެއް ގެއްލޭނެ. ޕާޓީ ތެރޭގައި ފެކްޝަންތަކާއި އެކިއެކި ލީޑަރުން އުފެދެނީ ޕާޓީގެ ތެރެ ބަލިކަށިވީމަ. ލީޑަރުންތައް ވެސް މާގިނަ ވަނީ ވަރުގަދަ ލީޑަރެއް ނެތީމަ،" ވަހީދު ވިދާޅުވި އެވެ.
ބުންވަރާއި ހިކުމަތުން ނަޝީދު އަލުން މައިދާނަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ