މި އަހަރުގެ ފުރަތަމަ ހަ މަހު އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އަދަދު 26 ޕަސެންޓަށް އިތުރުވެއްޖެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ހިސާބުތަކުން ދައްކާ ގޮތުން ފުރަތަމަ ހަ މަހު އިންކަމް ޓެކްސްގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އިންކަމް ޓެކްސްގެ ތެރެއިން އެންމެބޮޑު އަދަދެއް ލިބިފައިވަނީ ކުންފުނިތަކުންނެވެ. ކުންފުނިތަކުން އިންކަމް ޓެކްސްގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބުނު އިރު އަމިއްލަ ފަރާތްތަކުން އިންކަމް ޓެކްސްގެ ގޮތުގައި 214 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު އިންކަމް ޓެކްސްގެ ގޮތުގައި ލިބުނީ ދެ ބިލިއަން ރުފިޔާ އެވެ.
މިއަހަރުގެ މި މުއްދަތުގައި ކުންފުނިތަކުން ލިބުނު އިންކަމް ޓެކްސް ވަނީ އަށް ޕަސެންޓަށް އިތުރުވެފަ އެވެ. އަދި އަމިއްލަ ފަރާތްތަކުން އިންކަމް ޓެކްސް ވަނީ ހަތް ޕަސެންޓް އިތުރުވެފަ އެވެ.
މިދިޔަ މެއި މަހު އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް 234 މިލިއަން ރުފިޔާ ލިބުނެވެ. ވިޔަފާރިތަކުން އިންކަމް ޓެކްސްއަށް 102 މިލިއަން ރުފިޔާ ލިބުނު އިރު އަމިއްލަ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި 28 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ދައުލަތުން އިންކަމް ޓެކްސް ނަގަން ފެށީ ޖެނުއަރީ 1 2020، ގަ އެވެ. އެ ގާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމާއެކު ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު އަދި ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު ވަނީ އުވިފަ އެވެ. އިންކަމް ޓެކްސް ދައްކަން ޖެހޭ މީހުންގެ ތެރޭގައި ވިޔަފާރި އާއި އަމިއްލަ ފަރުދުންނާއި ރާއްޖޭގައި ވަޒަންވެރިވެފައިވާ ބޭރު މީހުންވެސް ހިމެނެ އެވެ. ބޭރު މީހުންގެ ތެރެއިން ރާއްޖޭގައި ދިރިއުޅޭ މީހުން ރާއްޖެ އާއި ރާއްޖެއިން ބޭރުން ލިބޭ އާމްދަނީން ވެސް ޓެކްސް ދައްކަން ޖެހެ އެވެ.
އިންކަމް ޓެކްސް 26 ޕަސެންޓަށް އިތުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ