މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 21.1 އިންސައްތަ އިތުރުވެއްޖެއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ދެ ބާވަތުން ޖުމްލަ 1.8 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
ރާއްޖޭގެ އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ މި ދެ ޓެކްސްގެ ތެރެއިން ޑިޕާޗަރ ޓެކުހުގެ ގޮތުގައި ފުރަތަމަ ފަސް މަސްދުވަހު 928 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 769 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 20.6 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 942 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރު ލިބުނު 774 މިލިޔަން ރުފިޔާއަށްވުރެ 21.6 އިންސައްތަ އިތުރު އަދަދެކެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަން ފަށާފައިވަނީ 1 މޭ 2017 އިން ފެށިގެންނެވެ. އަދި ޑިޕާޗަރ ޓެކްސް ނަގަން ފަށާފައިވަނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. މި ޓެކްސްތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުންދާ މިންވަރާ ގުޅިފައިވާ އާމްދަނީގެ މުހިންމު ވަސީލަތްތަކެކެވެ.
މި ޓެކްސްތަކާއި ފީތަކުން އިސްތިސްނާވާ ފަރާތްތަކެއް ވެސް ހިމެނެއެވެ. އެގޮތުން ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ޑިޕާޗަރ ޓެކުހުން އިސްތިސްނާވެއެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއިން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ”ޑައިރެކްޓް ޓްރާންސިޓް“ ފަސިންޖަރުންނެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސްގެ އާމްދަނީ 21 އިންސައްތަ އިތުރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ