އެންސްޕާގައި ރަޖިސްޓްރީވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް، އިތުރު ލިޔުމަކާއި ނުލާ ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ބޯހިޔާވަހިކަމަށް އެދި ހުށައެޅުމުގެ ފުރުސަތު މާދަމާ ރޭ 11:59 އެއްގައި ހަމަވާނެއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގައި ހިމެނޭ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢަށް ވަކިން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. އެޕްލިކޭޝަން ހުށައެޅުމުގެ މުއްދަތު ހޯމަ ދުވަހުގެ ރޭ 11:59އެއްގައި ހަމަވާނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިޔާގެ ނަމުގައި އެޕްލިކޭޝަން ހުށައެޅުމަށް ހުޅުވާލާފައިވާއިރު ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އެންސްޕާގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އެކަން ސާބިތުކުރުމަށް، އެންސްޕާއިން ދޫކުރާ ކާޑުގެ ކޮޕީ މިހާރު ހުށައަޅަން ނުޖެހޭނެކަމަށެވެ. އަދި އެލިޔުމާ ނުލާވެސް އެޕްލިކޭޝަން ބަލައިގަންނަކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފުރަތަމަ އާންމު ކުރި އުސޫލު އޮތްގޮތުން ޖެހެނީ ނުކުޅެދުންތެރިކަން ހުންނަ ބައިގައި ހަމައެކަނި ފާހަގައެއް ޖަހާށެވެ. މިދިޔަ ފެބުރުވަރީ މަހު އުސޫލަށް ގެނައި ބަދަލުގައި ވަނީ، ބޯހިޔާވަހިކަމަށް ޝަރުތު ހަމަވުމަށް ބަލާ މުއްދަތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުޑަކޮށްދީފައެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ފުލެޓަށް އެދި ހުށަހެޅޭނީ، މާލޭ ސަރަހައްދުގައި ދިރިއުޅޭތާ މެދުނުކެނޑި 5 އަހަރު ވެފައިވާ މީހުންނަށްކަމަށްވަނީ ބަޔާންކޮށްފައެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލަށް ގެނައި ބަދަލާއެކު، ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެފަރާތުގެ ޢާއިލާގެ މާލީ ހާލަތު ހުރިގޮތުން މާލެ ސަރަޙައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާއި، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަށް، އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ފަރުވާ ހޯދުމަށް އާންމުގޮތެއްގައި މާލެ ސަރަހައްދަށް އަންނަން ޖެހިފައިވާތީ، މާލެ ސަރަހައްދުން ވޭތުވެދިޔަ 1 އަހަރު ފަރުވާ ހޯދާފައިވާ ފަރާތްތަކަށްވެސް މި ކެޓަގަރީއަށް ހުށަހެޅޭނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އިންޑިއާ އަދި ޗައިނާއާއި ގުޅިގެން 4500 އެއްހާ ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަސައްކަތް އެކި މަރުޙަލާގައި އަންނަނީ ކުރަމުންނެވެ. ކުންފުނިތަކާއި ހަވާލުކޮށްގެން 4000 ހައުސިންގ ޔުނިޓު ތަރައްޤީކުރަމުންދާއިރު، އަމިއްލަ ގޯތީގައި ބޯހިޔާވަހިކަން ތަރައްޤީކުރުމަށްޓަކައި ލުއި ލޯނުގެ އެހީގައާއި ކުންފުނިތަކާއި ހަވާލުކޮށްގެން އަތޮޅުތަކުގައިވެސް ގިނަ މަޝްރޫޢުތަކެއްދަނީ ހިންގަމުންނެވެ.
ސަރުކާރުގެ ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން، ގޯއްޗަށާއި ފްލެޓަށް އެދި ހުށައެޅުމަށް ސަރުކާރުވަނީ ހުޅުވާލާފައެވެ. އަދި މިމުއްދަތު ހޯމަދުވަހު ހަމަވާނެއެވެ.
އެންސްޕާ ކާޑުގެ ކޮޕީއާނުލާވެސް އެޕްލިކޭޝަން ހުށައެޅޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ