ލޭ ހަދިޔާކުރުމަކީ ރާއްޖެ ފަދަ ގައުމެއްގައި ވަކިން މުހިންމު ކަމެއް: ރައީސް

ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުންވާ ވަގުތަށް ލޭ ލިބުމަކީ ބަލި މީހާގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 
ބްލަޑް ޑޯނަރުންގެ ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދީލަތިކަމާ އެކު، އަމިއްލަ އަށް އިސްނަގައިގެން ލޭ ހަދިޔާކޮށް، މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ވޮލެންޓިއާ ޑޯނަރުން ވަމުން އަންނަނީ މަތިވެރި ގުރުބާނީއެއް ކަމަށެވެ. 
ރައީސް މުއިއްޒު ވިދާޅުވީ ބޭސްވެރިކަމާއި ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔެ ކުރިއަރައިގެން ދިޔަ ނަމަވެސް ލޭގެ ބަދަލުގައި ބޭނުންކުރެވޭނެ އެހެން އެއްވެސް ވަސީލަތެއް އަދި ނެތް ކަމަށެވެ. އެހެންވެ، ލޭ ހަދިޔާކުރުމަކީ އާންމު ސިއްހަތު ރައްކާތެރިކުރުމާއި ގައުމީ ފެންވަރުގައި ކުރިމަތިވާ ސިއްހީ ކުއްލި ނުރައްކާތަކަށް ތައްޔާރުވާން ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 
ރައީސް ވިދާޅުވި ގޮތުގައި ރާއްޖެއަކީ ރަށްތައް ވަކިވަކިން އުފެދިފައިވާ ގައުމަކަށް ވާއިރު ސިއްހީ ކުއްލި ހާލަތުގައި ބޭނުންވާ ވަގުތަށް ލޭ ލިބުމަކީ ފުރާނަ ސަލާމަތް ކުރުމަށް ލިބޭ އެންމެ ބޮޑު ބާރެވެ. އަދި މި ސަރުކާރު ދެމިއޮންނާނީ އާންމުން ހޭލުންތެރިކޮށް ވޮލެންޓަރީ ޑޯނަރުން ޕްރޮމޯޓްކޮށް، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމުގައި ކަމަށް ވިދާޅުވި އެވެ. 
ދުނިޔޭގެ ޑޯނަރުންގެ ދުވަސް މިއަދު ފާހަގަކުރިއިރު ލޭގެ ދަތިކަން އިންތިހާއަށް ބޮޑުވެ ތެލެސީމިއާ ކުދިންގެ ފުރާނައަށް ނުރައްކާވެފައިވާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެހެންވެ، މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އިން ދޭތެރެއަކުން އާންމުންގެ އެހީތެރިކަމަށް ވެސް އެދެ އެވެ. 
އެ ކުދިން ބުނާ ގޮތުގައި އެ މައްސަލަ ބޮޑުވެފައި ވަނީ އަބަދު އެއްބަޔަކު ލޭ ހަދިޔާކުރަންޖެހޭތީ އެވެ. އެހެންވެ، ސިއްހަތު ރަނގަޅުކޮށް ތިބޭ ނަމަ ލޭ ހަދިޔާކުރަން އެދިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ