އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންނާ ނަޝީދު މިއަދު ބައްދަލުކުރައްވަނީ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީގެ ލީޑާޝިފްގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާކަން އަދަދު އަށް އެނގިއްޖެ އެވެ. 
އަދަދު އަށް އެނގިފައިވާ ގޮތުގައި ނަޝީދު މިއަދު ހެނދުނު 10:30 ގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ޗެއާޕާސަން އިންތިހާބުގައި ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްއާ މެންދުރު 1:00 ޖަހާއިރު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. 
މީގެއިތުރުން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލްއާ ވެސް ނަޝީދު މިއަދުގެ ވަގުތެއްގައި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މާލެއިން ބޭރަށް ފުރާވަޑައިގަންނަވާތީ، އެމަނިކުފާނާ ނަޝީދު ބައްދަލުކުރައްވަން ހަމަޖެހިފައިވަނީ އެނބުރި މާލެ އައުމުން ކަމަށް މައުލޫމާތު ލިބެ އެވެ.
ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ނަޝީދު ވަނީ  އިއްޔެ އެމްޑީޕީގެ އިދާރީ މުވައްޒަފުންނާ ބައްދަލުކުރައްވާ ޕާޓީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރައްވައިފަ އެވެ. 
ޗެއާޕާސަން އިންތިހާބު ނަޝީދު ކާމިޔާބުކުރެއްވީ 68.9 ޕަސަންޓުންނެވެ. އެއީ ވޯޓުލާން ނުކުތް 30،895 މީހުންގެ ތެރެއިން 21،301 މީހުންގެ ވޯޓެވެ. ނަޝީދާ ވާދަކުރެއްވި މީކާއީލްއަށް 9،462 ވޯޓާއެކު ލިބިވަޑައިގަތީ 30 ޕަސަންޓެވެ. 
އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ނަޝީދު ވަނީ އެމަނިކުފާނާ ވާދަ ކުރެއްވި މީކާއީލްއާ ވާހަކަ ދައްކަވައިފަ އެވެ. އަދި ޕާޓީގެ މަސައްކަތްތަކުގައި ކުރިއަށްދާނީ އެކުގައި ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ